ހުކުރު ދުވަހުގައި ސުފުރާ މަތި ތަނަވަސް ކުރުމަކީ ދިވެހިންގެ ޒަމާންވީ ސަގާފަތެކެވެ. ހުކުރު ދުވަހުގައި ސުފުރާ މަތި ފަޅުފިލުވާލުމަށް ކައްކާލަން ފަސޭހަ، ރަހަމީރު އެއްޗެއް ތައްޔާރުކޮށްލަން ބޭނުމިއްޔާ، ސްޕެގެޓީ ކައްކާލަން ކިހިނެއް ވާނެތޯއެވެ؟

ސްޕެގެޓީއަކީ ޔަގީނުންވެސް ދިވެހިންނަށް ކައްކާލަން އައު އެއްޗެއް ނޫނެވެ. މިފަހަރު މި ބަލާލަނީ މުޅިން އައު އެކަމަކު ސިމްޕަލް ސްޕެގެޓީ ރެސިޕީއަކަށެވެ.

ބޭނުންވާ ތަކެތި:

* ބޯންލެސް ކުކުޅު، 300 ގ

* ލޮނު

* މުގުރި މިރުސް 1 ސައިސަމްސާ

* އަސޭ މިރުސް 1 ސައިސަމްސާ

* މިކްސްޑް ހާރބްސް 1 ސައިސަމްސާ

* ލޮނުމެދު ޕައުޑާ ½ ސައިސަމްސާ

* ޕެޕްރިކާ ޕައުޑާ ½ ސައިސަމްސާ

* ސޯޔާ ސޯސް 1 ސައިސަމްސާ

* ކުކިންގ އޮއިލް

* ހިކި މިރުސް

* ބަޓަރު

* ލޮނުމެދު (ހިމުންކޮށް ކޮށާފައި)

* މަޝްރޫމް (ކޮށާފައި)

* ކެޕްސިކަމް

* ކުކިންގ ކްރީމް، 250 އެމްއެލް

* ބޭސިލް ލީވްސް

* ކިރު، 1 ½ ޖޯޑު

* އޮރެގާނޯ 1 ސައި ސަމްސާ

* ޗިކަން ސްޓޮކް

* ޗެޑާ ޗީޒް

* މޮޒަރެއްލާ ޗީޒް

* 300 ގ ސްޕެގެޓީ (ކައްކާފައި)

ތައްޔާރުކުރާނެ ގޮތް:

ބޯތަށްޓެއްގެ ތެރެއަށް ލޮނު، މުގުރި މިރުސް، އަސޭ މިރުސް، މިކްސްޑް ހާރބްސް، ލޮނުމެދު ޕައުޑާ، ޕެޕްރިކާ ޕައުޑާ، ސޯޔާ ސޯސް އަދި ތެޔޮ އަޅައިގެން އެއިން ކުކުޅުކޮޅު ރަނގަޅަށް މެރިނޭޓް ކޮށްލާށެވެ.

އެއަށްފަހު، ތެޔޮފޮދެއްގައި ކެޕްސިކަމް މީރުކޮށްލުމަށްފަހު، އޭގެ ތެރެއަށް ކުކުޅުކޮޅު އަޅައިގެން ރަނގަޅަށް ރޯ ފިލުވާށެވެ. މި ކުކުޅުކޮޅު ވަކިން އެއްކައިރީގައި ބެހެއްޓުމަށްފަހު، ތެލީގައި ބަޓަރު ކޮޅެއް ހާކައިގެން، އޭއިން ލޮނުމެދުކޮޅު ރަތްކޮށްލާށެވެ. ދެން، މަޝްރޫމް އަޅާށެވެ. މި ތަކެތި މީރުކުރެވުނީމާ، އުނދުން ނިވާލާށެވެ.

ތެލީގެ ތެރެއަށް ކުކިންގ ކްރީމް އެޅުމަށްފަހު އަލުން އުނދުން ޖައްސާލާށެވެ. އޭގެ ތެރެއަށް ބޭސިލް ފަތްކޮޅެއްވެސް އަޅާފައި، މަޑު ގިނީގައި 2-3 މިނެޓަށް ކައްކާލާށެވެ. ދެން، ސޯސް ގަނޑު ތައްޔާރުކުރުމަށް ކިރު އަޅާށެވެ. ކިރު އަޅާއިރުގައި، އެއްފަހަރާ އޮއްސާލުމުގެ ބަދަލުގައި މަދުން އަޅަމުންދާށެވެ. އަދި ކިރު އަޅަމުންދާއިރު، ދޭފަތް ބޭނުންކޮށްގެން ހަލުވަމުންދާށެވެ. އެހެން ނޫނީ، ސޯސްކޮޅު ހެޔޮ ވަރެއްގައި ނުހުންނާނެއެވެ. ސޯސްގެ ތެރެއަށް އޮރެގާނޯ، މުގުރިމިރުހާއި ހިކިމިރުސް، އަސޭމިރުހާއި ޗިކަން ސްޓޮކް އަޅައިގެން ސޯސް އޮލަވަންދެން ކައްކާށެވެ.

އުނދުން ނިވާލުމަށްފަހު، ޗެޑާ ޗީޒް އަދި މޮޒަރެއްލާ ޗީޒް އެޅީމާ ސޯސްގަނޑު އެހުރީ ތައްޔާރުކުރެވިފައެވެ. އޭގެ ތެރެއަށް ކުކުޅުކޮޅާއި ކައްކާލާފައިވާ ސްޕެގެޓީކޮޅު އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން