ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކްލަބްތަކުން ދަނީ ޔޫރަޕްގެ މޮޅު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންނެވެ. ޓްރާންސްފާއަށް ހުޅުވާލާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ސައުދީ ލީގަށް ޓްރާންސްފާ ކުރެވޭނެ ކަމަށް ލަފާކުރެވޭ ބައެއް ކުޅުންތެރިންނާއި ބެހޭގޮތުން ބޭރުގެ ކުޅިވަރާއި ބެހޭ މީޑިއާތަކުން ދަނީ ތަޖުރިބާކާރުންގެ ލަފާ ހޯދަމުންނެވެ.

ނިމިދިޔަ ހުކުރު ދުވަހުގައި ސައުދީން ވަނީ އިނގިރޭސި ލީގްގައި ޓްރާންސްފާ ޑެޑްލައިން ހަމަވުމުގެ ކުރިން ސައުދީ ލީގަށް ބައެއް ކުޅުންތެރިން ގެނެސްފައެވެ. މުއްދަތު ހަމަވިޔަސް، އަދިވެސް އިތުރު ކުޅުންތެރިން އެ ލީގަށް ގެނެސްފާނެ ކަމަށް ލަފާކުރެވޭ ކުޅުންތެރިންނާއި ބެހޭ މައުލޫމާތު މި ލިއުމުގައި ހާމަކޮށްލާނަމެވެ. ޞަލާޙު ފިޔަވައި މި ލިސްޓުގައި ހިމަނާފައިވާ ކުޅުންތެރިންނަކީ ވެޓެރަން ކުޅުންތެރިންނެވެ. މި ކުޅުންތެރިންނަކީ އެމީޙުންގެ ކްލަބްގައި އޮތް ކުރިމަގާއި ދޭތެރޭ ސުވާލު އުފެދިފަިއވާ ކުޅުންތެރިންނެވެ،

1. މުޙައްމަދު ޞަލާޙު - ލިވަޕޫލް

ލިވަޕޫލްގެ އެންމެ ހުނަަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޞަލާޙު ހޯދަން ސައުދީން ހުށަހެޅި އަގުހުރި ޑީލްއަށްވެސް ލިވަޕޫލުން ވަނީ ނޫނެކޭ ބުނެފައެވެ. އެހެން ނަމަވެސް، ބައެއް ރިޕޯޓްތައް ބުނާގޮތުންނަމަ، ސައުދީން އަދިވެސް އެއްފަހަރު އޭނާ ހޯދުމަށް 200 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހެޅުމަށް ހަމަޖެހިފަވެއެވެ. އެހެން ނަަމަވެސް، ލިވަޕޫލަށް ޞަލާޙުގެ ބަދަލުގައި އެފެންވަރުގެ އެހެން ކުޅުންތެރިއެއް ހޯދުމަކީ ވަރަށް އުނދަގޫވާނެ ކަމެކެވެ.

2. ޑޭވިޑް ޑެ ހެއާ- މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑްގެ އުމުރުން 32 އަހަރުގެ ގޯލްކީޕަރ ޑި ހެއާ އަކީ އެކްލަބްގެ ކޯޗް ޓެން ހާގް، ސްކޮޑުން އުނިކުރަން ބޭނުންވާ ކުޅުންތެރިއެކެވެ. މިހާރު މެންޗެސްޓާ އިން ވަނީ ގޯލްކީޕަރެއްގެ ގޮތުގައި ޒުވާން އަންޑްރޭ އޮނާނާ ހޯދާފައެވެ. އެހެންކަމުން، ޑި ހެއާއަށް ސައުދީ ކްލަބްތަކުން ފާރަލާނެ ކަމަށް ބެލެވެއެވެ.

3- ހޫގޯ ޔޯރިސް - ޓޮޓެންހަމް

އުމުރުން 36 އަހަރުގެ ލޯރިސް އަކީ ޓޮޓެންހަމްގެ ގޯލްކީޕަރއެވެ. 2024 އާއި ހަމައަށް އެއްބަސްވުން ހަދާފައިވީ ނަމަވެސް، ޓޮޓެންހަމުން ވަނީ އައު ގޯލްކީޕަރެއް ހޯދުމަށްފަހު، ޔޯރިސް ކައިރީގައި އެހެން ކްލަބެއް ހޯދަން ބުނެފައެވެ.

4- ޑޮނީ ވެން ޑަ ބީކް - ޔުނައިޓެޑް

މިދިޔަ 3 އަހަރު ތެރޭ ވެން ޑަ ބީކް މުޅިންވެސް މަސައްކަތް ކުރަން ޖެހުނީ ސަބްސްޓިޓިއުޓް ކުޅުންތެރިއެއްގެ ގޮތުގައެވެ. ޖެނުވަރީގައި ކަކުލަށް ލިބުނު އަނިޔާއަކަށް ފަހު، މިހާރު ކޮޗް ޓެން ހާގް ބޭނުންވަނީ އޭނާ ޓީމުން ދޫކޮށްލާށެވެ.

5- ޕޯލް ޕޮގްބާ - ޔުވެންޓަސް

މިދިޔަ 12 މަހަކީ ޕޮގްބާއަށް ނާކާމިޔާބު މަސްތަކެކެވެ. އަނިޔާއަކަށްފަހު، މިހާރު ޕޮގްބާ ހުރީ ފިޓްކޮށެވެ.

6- މާރކޯ ވެރާޓީ - ޕީއެސްޖީ

މިޑްފިލްޑަރެއްގެ ގޮތުގައި ކޯޗް އެންރީކޭ މިހާރު އިސްކަން ދެނީ ވެރާޓީއަށްވުރެ ބޮޑަށް މެނުއަލް އުގާޓޭއަށެވެ. އެހެންކަމުން، ކްލަބްގެ އެންމެ ފުންނާބު އުސް ތަރިންއެކޭ އެއްގޮތަށް ވެރާޓީ ވެސް ކްލަބް ދޫކޮށްލުން އެކަށީގެންވެއެވެ. މިހާޜުވެސް ގަތަރުގެ ކްލަބްތަކުން އޭނާއަށް ފާރަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވެރާޓީ ވަނީ ޕީއެސްޖީގައި 10 ވަރަކަށް އަހަރު ހޭދަކޮށްފައެވެ.

7- މަލަންގް ސާރ- ޗެލްސީ

ޗެލްސީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ކައިރިން ނޫސްވެރިޔަކު ޑިފެންޑަރ ސާރގެ ކުރިމަގާއި ބެހޭގޮތުން ސުވާލުކުރުމުން ޕޮޗެޓީނޯއަކަށް އެއީ ކާކުކަމެއްވެސް ނޭނގުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން