މިއަދު އެންމެންގެ ތެރޭގައި "މަހުޖަނު" ނުވަތަ "ސޭޓު"ގެ ލަގަބު ލިބިވަޑައިގެންފައިވާ ގާސިމަކީ މުއްސަނދި އާއިލާއަކަށް އުފަން މީހެއް ނޫނެވެ. މިއަދު ގާސިމަށް އެ ލިބުނު މަޝްހޫރުކަމާއި މުދަލަކީ އެމަނިކުފާނުގެ އެންމެ ޒުވާން ދުވަސްވަރުގައި އެތަކެއް ދައު އޮހޮރުވައިގެން ހޯއްދެދި ތަނަވަސްކަމެކެވެ،

ގާސިމްގެ ހަޔާތުގެ ސަފްހާތައް ފެށިގެން ދިޔައީ ހިތްދަތިކަމުގެ ތެރެއިންނެވެ. އެގޮތުން، ގާސިމްގެ ޅަފަތުގައި އެމަނިކުފާނުގެ މައިންބަފައިން ވަނީ ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. އެއަށްފަހު އޭރުގެ އަސާސީ ތައުލީމް ހާސިލުކުރެއްވުމަށް އޭނާއަށް މާލެ ވަޑައިގަތުމަށް މަޖުބޫރުވިއެެވެ. އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވަން މަސައްކަތް ކުރައްވާށެވެ.

ގާސިމް ދިރިއުޅުމުގެ އަމަލީ މައިދާނަށް ނިކުންނެވީ ގޭގޭގައި ނޯކިރީކޮށްގެން ވަގުތު ހޯއްދަަވައިގެން އޭރުގެ ޙާލަތުން ލިބެންހުރި ތައުލީމެއް ޙާސިލުކުރެއްވުމަށްފަހުއެވެ.

ގާސިމަށް ލިބިވަޑައިގަތް މުއްސަނދިކަމުގެ ފެށުމަކީ ކޮބާކަން އެނގިވަޑައިގަންނަވަން ބޭނުންތޯއެވެ؟

1976 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ބްރާންޗުން ނެންގެވި ފަނަރަހާސް ރުފިޔާގެ ލޯނާއެކު ގާސިމްގެ ވިޔަފާރީގެ ބިންގާ އެޅުނެވެ. އެމަނިކުފާނު ނެންގެވި ލޯނުން ފެއްޓެވި ކާޑާއި، ތެލުގެ ވިޔަފާރި ފުޅާކުރައްވައި ޝިޕިންގ ލައިނެއް އުފެއްދަވަމުން ވިޔަފާރިތައް ފުޅާ ކުރެއްވިއެވެ. އެއަށްފަހު މިހާރު ގާސިމަކީ ދިވެހި ގައުމު ދުށް އެންމެ ކާމިޔާބު ވިޔަފާރިވެރިއާއެވެ.

މިއަދު ވިލާ ގްރޫޕްގެ ކުޑައިގެ ދަށުން ކާމިޔާބު އެތަކެއް ވިޔަފާރިތައް ހިންގަމުން އެދަނީ ގާސިމްގެ ދުރުވިސްނުންފުޅާއި މިންނެތް މަސައްކަތުންނެވެ. މިކުޑައިގެ ދަށުގައި ހިމެނޭ ވިލާ ހޮޓެލްސްގެ ފަތުރުވެރިކަމުގެ ރިސޯޓްތަކާއި ވިލާ ޓްރެވެލްސްއަކީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާގެ އެންމެ ކާމިޔާބު ވިޔަފާރިތަކެވެ.

މަސްވެރިކަމުގެ ސިނާއީ ބޮޑެތި ކާރުހާނާތަކާއި، ބޯޓްތަކާއި އެހެނިހެން ސިނާޢީ ބޮޑެތި މަސައްކަތްތައް ކަމުގައިވާ، ސިމެންތި ބަންދުކުރާ ކާރުހާނާއާއި، ޓިނު އުފައްދާ ކާރުހާނާއާއި، ކައްކާ ގޭހުގެ ވިޔަފާރިއާއި، މީޑިއާ ނެޓްގެ ވިޔަފާރި ހިމެނެނީ ވިލާ ގްރޫޕްގެ ކާމިޔާބު ވިޔަފާރިތަކުގެ ގޮތުގައެވެ. ކަނޑުދަތުރު ފަތުރުގެ އިތުރުން ވައިގެ ދަތުރު ފަތުރުގެ ދާއިރާއިން ވިލާއެއަރ ހިންގަވަމުން ދާއިރު މާމިނގިލީގައި އަމިއްލަ އެއަރޕޯޓެއް ހައްދަވައިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ގާސިމް ވަނީ ސަރުކާރުގެ އެކި މަގާމްތައްވެސް ފުރުއްވާފައެވެ. އެންމެ ފުރަތަމަ 1969 ވަނަ އަހަރު ސަރުކާރު ހޮސްޕިޓަލްގެ އެއް ނަންބަރު ކާތިބެއްގެ ވަޒީފާއިން އެމަނިކުފާނު ފެއްޓެވި ގައުމީ ޚިދުމަތް މިއަދު ވަނީ އަގުނުކުރެވޭ މަތިވެރި ޚިދުމަތްތަކުން ފަވާލާފައެވެ.

އޮނަރަބަލް ގާސިމް އިބްރާހީމް ވަނީ މިހާތަނަށް ދިވެހި ދައުލަތުގެ ޝަރަފުވެރި އެތައް މަގާމެއްވެސް ފުރުއްވާފައެވެ. އޭގެ ތެރޭގައި 7 އޮގަސްޓް 2008 ގައި ވުޖޫދަށްއައި ފެހި ޤާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، ދިވެހި ދައުލަތުގެ ގަވަރުނަރުކަމާއި، ދިވެހި ސަރުކާރުގެ މާލީ ވަޒީރުކަމާއި، ދާޚިލީ ވަޒީރުކަމާއި، އަރިއަތޮޅާއި މާމިނިގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ގަވަރުނަރުކަމުގެ އިތުރަށް ވޯލްޑް ބޭންކަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ގަވަރުނަރުކަން ހިމެނެއެވެ.

އަދި ހަމައެއާއިއެކު، 16 އަހަރަށްވުރެ ގިނަދުވަހު ދިވެހިރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަމާއި ސާކް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީޒްގެ ނައިބު ރައީސްކަމާއި އަދި ރައީސްކަމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީޒްގެ ވައިސް ޕްރެޒިޑެންޓްކަމާއި ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ހިމެނެއެވެ.

މީގެ އިތުރަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމްގައި ހުންނެވި ބޭފުޅެއް ފިޔަވައި އެންމެ ފުރަތަމަ ދިވެހި ރުފިޔާ ނޫޓްގައި ސޮއިކުރެއްވި ގަވަރުނަރަކީވެސް އޮނަރަބަލް ގާސިމް އިބްރާހީމެވެ.

ގާސިމްގެ ހަޔާތުގައި އޭނާ ވަނީ އިންސާނިއްޔަތަށްޓަކައި އަމިއްލަ ޖީބުން ޚަރަދުކުރައްވައިގެން ބައެއް ދިވެހިންގެ ބޭސްފަރުވާއާއި ތައުލީމަށް ޚަރަދުކުރައްވާފައެެވެ. އެގޮތުން، ގާސިމްގެ ޚަރަދުގައި 40 މީހަކަށް ޕީއެޗްޑީ ތައުލީމް ފުރިހަމަކުރެވިފައި ވެއެވެ. ދިވެހި ދައުލަތުގެ އިއްޒަތް، ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތް ދައުލަތުން އަރުވާފައިވާ އޮނަރަބަލް ގާސިމް އިބްރާހީމަށް ދިވެހި ދައުލަތުން އަރުވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި އަދި އެކި ރޮނގުރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެތައްފަހަރަކު އަރުވާފައި ވެއެވެ. އޭގެ އިތުރަށްވެސް، ބައިނަލްއަޤްވާމީ ޔުނިވާސިޓީތަކާއި ޖަމިއްޔާތަކުންވެސް އެތައް ޝަރަފެއް އަރުވާފަވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ޝަރަފުތަކުގެ ތެރޭގައި މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން އަރުޥާފައިވާ އިންސާނިއްޔަތަށް ޚިދުމަތްކުރެއްވުމުގެ ދާއިރާއިން އަރުވާ އެންމެމަތީ ޝަރަފްގެ އިތުރުން ހަމަ އެ ޔުނިވާސިޓީން އޮނަރަބަލް ގާސިމް އިބްރާޙީމަށް އަރުވާފައިވާ އޮނަރަރީ ޕީއެޗްޑީ ފާހަގަކޮށްލެވެއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން