މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހާގަކީ ހަރުކަށިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އޭނާއާއި ދެކޮޅަށް ބަސް ބުނާ ކޮންމެ ކުޅުންތެރިއަކަށް ކޮންމެވެސް ވަރެއްގެ އަދަބެއް ނުދީ ދޫކޮށްލުމަކީ ޓެން ހާގްގެ ސްޓައިލެއް ނޫނެވެ. މިފަހަރު ޓެން ހާގްގެ ނުރުހުމާއި ކުރިމަތިލާން ޖެހިފައިވަނީ ޔުނައިޓެޑްގެ ކުޅުންތެރިޔާ ޖޭޑަން ސަންޗޯއެވެ.

އާސެނަލްއާއި ޔުނައިޓެޑާއި އެންމެ ފަހުން ބައްދަލުކޮށް، ޔުނައިޓެޑް ބަލިވީ މެޗްގެ ސްކޮޑްގައި ސަންޗޯ ނުހިމެނެއެވެ. މިކަމާއި ގުޅޭގޮތުން ނޫސްވެރިން ޓެން ހާގްއާއި ސުވާލުކުރުމުން އޭނާ ބުނީ ސަންޗޯއަށް އެ މެޗުން ފުރުޞަތު ނުލިބުނީ ސަންޗޯ ފަރިތަކުރުންތަކުގައި ދަށްކޮށް ކުޅޭތީ ކަމަށެވެ. އަދި އޭނާ ބޭނުންވާ ފެންވަރު ނުދެއްކޭތީކަމަށްވެސް ބުންޏެވެ.

މި ޖަވާބާއި ދޭތެރޭ ހިތްހަމަނުޖެހިފައި ހުރި ސަންޗޯ އޭނާގެ އިންސްޓަގްރާމްގައި ޓެން ހާގްގެ ވާހަކަ ދޮގުކުރިއެވެ. ސަންޗޯ ބުނީ ޔުނައިޓެޑަކީ ވަރަށް މޮޅު ކުޅުންތެރިން ހިމެނޭ ކްލަބަކަށްވުމުން، ފަރިތަކުރުމުގައި އޭނާ ހުންނާނީ އެންމެ ފުރިހަމައަކަށް ޕާފޯމް ކޮށްފައި ކަމަށެވެ. އަދި އެދުވަހުގެ މެޗްގެ ސްކޮޑުން އޭނާ އުނިކުރުމުގެ ފަހަތުގައި ޓެން ހާގްގެ އިތުރު މަގްޞަދެއް ވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ ކުރީގެ ރިޕޯޓްތައް ބުނާގޮތުންނަމަ ސަންޗޯގެ ޒާތީ ދިރިއުޅުމުގެ ކަންތައްތަކާއި ގުޅިގެން އޭނާގެ ކުޅުމުގެ ފެންވަރަށް ހީނަރުކަމެއް އައި ދުވަސްކޮޅުގައި ޓެން ހާގް ވަނީ ސަންޗޯގެ ކުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ފުރިހަމަ އެއްބާރުލުން ދީފައެވެ. އަދި އޭނާ ރަނގަޅަށް ކުޅުނު ދުވަސްކޮޅުގައި ތައުރީފުވެސް ކުރިއެވެ.

ސަންޗޯ އެހެން ބުނުމާއިއެކު، ފުޓްބޯޅައިގެ މަސްރަހު ދިރާސާކުރާ އެނަލިސްޓުން ތިބީ ސަންޗޯއާއި މެދު ޔުނައިޓެޑްގެ ހަރުކަށި ކޯޗް ޓެން ހާގް އަޅާނެ ފިޔަވަޅެއްގެ އިންތިޒާރުގައެވެ. މީގެ ކުރީގައިވެސް، ޓެން ހާގްއާއި ދެކޮޅުވީ ކުޅުންތެރިންނާއި ދޭތެރޭ އޭނާ ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ.

އެެގޮތުން، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައި ބެލެވޭ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ފާޅުގައި ޓެން ހާގްއާއި ދެކޮޅަށް ވާހަކަދެއްކުމުން އޭނާ ވަނީ ރޮނާލްޑޯ ކްލަބުން ބޭރުކުރާ ވަރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، ޔޫރަޕްގައި ރޮނާލްޑޯއަށް އޮތް ފުރުޞަތުތައް އެއްކޮށްހެން ބަންދުވެގެންދިޔައެވެ. އެހެން މިސާލަކަށް ބަލާއިރު، މާކަސް ރަޝްފޯޑް ޓީމް މީޓިންގއަކަށް ލަސްވުމުން،، އެއް މެޗުގެ ސްކޮޑުން އޭނާ ބާކީކުރުމުގެ އަދަބުންވެސް ޓެން ހާގްގެ ހަރުކަށިކަން ހާމަވެގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން