ބާސެލޯނާއިން ޖޮއާއޯ ފެލިކްސްއާއި ޖޮއާއޯ ކަންސެލޯގެ ސޮއި ހޯދައިފިއެވެ.

ބާސެލޯނާއިން ހުކުރު ދުވަހުގެ ޕޯޗުގީޒްގެ މި ދެ ކުޅުންތެރިންގެ ސޮއެ ހޯދީ ޓްރާންސްފާއަށް ހުޅުވާފައިވާ ޑެޑްލައިން ހަމަވާން ގާތްވެފައި ވަނިކޮށެވެ.

ބާސެލޯނާއިން ބުނީ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުންދާ ފެލިކްސްއާއި މެންޗެސްޓާ ސިޓީގެ ކުޅުންތެރިޔާ ކަންސެލޯއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ސީޒަން ނިމުނީމަ ކަމަށެވެ.

އެތްލެޓިކޯ މެޑްރިޑުން ފެލިކްސް އެ ކްލަބަށް ގެނައީ 126 މިލިއަން ޔޫރޯގެ ރެކޯޑް އަގަކަށެވެ. އެހެން ނަމަވެސް، އެތްލެޓިކޯއަށް ކުޅެދިން 131 މެޗްގައި އޭނާއަށް ޖަހާދެވުނީ 34 ގޯލެވެ. މި އަހަރުގެ ޖެނުވަރީ މަހުގައި އެތްލެޓިކޯއިން ވަނީ ފެލިކްސް ލޯން އުސޫލުން ޗެލްސީއަށްވެސް ދޫކޮށްފައެވެ. އެ ކްލަބަށް ކުޅެދިން 20 މެޗުގައި އޭނާއަށް ލަނޑު ޖެހުނީ އެންމެ ހަތަރު ފަހަރުއެވެ. އެހެންކަމުން، ޗެލްސީގެ ކޯޗް މައުރީސިއޯ ވަނީ ފެލިކްސް އެ ކްލަބްގައި ބަހައްޓަން ބޭނުންނުވާކަން ހާމަކޮށްފައެެވެ.

ފެލިކްސްއާއި ކަންސެލޯ ބާސެލޯނާއަށް ގެނެވުނީ އޮސްމާން ޑެމްބެލޭ ޕީއެސްޖީއަށް ބަދަލުވިފަހުން އަންސޫ ފާތީވެސް ހުކުރު ދުވަހު ބްރައިޓަންއާއި ލޯން އުސޫލުން ގުޅުނު ދަނޑިވަޅުގައެވެ.

ބާސެލޯނާއާއި ކަންސެލޯ ގުޅުމަށްފަހު، އެ ކްލަބުން ރައިޓް ބެކް ކުޅުންތެރިއެއް ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ނިމުމަކާއި ހަމައަށް އައެވެ.

ފެލިކްސްއާއި ކަންސެލޯގެ ސޮއި ހޯދި ދުވަހުގައި ބާސެލޯނާއިން ވަނީ އެެމެރިކާ ލީގަށް ކުޅޭ ޒުވާން ކުޅުންތެރިޔާ މަަމަދޫ ފޯލްއާއި އެކު ލޯން އެއްބަސްވުމެއް ހަދައި، އެޒް އަބްދޭ ރެއާލް ބެޓިސްއަށް ޓްރާންސްފާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން