ސައުދީ އަރަބިއްޔާގެ ކްލަބްތަކުން ޔޫރަޕް ކްލަބްތަކުގެ ކުޅުންތެރިން ހޯދަން ކުރާ ބޮޑެތި ޚަރަދުތަކުގެ ސަބަބުން ޔޫރަޕްގެ ފުޓްބޯޅައަށް ނުރައްކަލެއް ނެތް ކަމަށް ޔުއެފާގެ ރައީސް އަލެކްސާންޑާ ޖެފެރިން ބުނެފިއެވެ.

ޖެފެރިން ބުނީ ކެރިއަރު ނިމުމާއި ގާތް ވެފައިވާ ކުޅުންތެރިންނަށް އިންވެސްޓްކުރުމަކީ ސައުދީގެ ފުޓްބޯޅައަށް ލިބޭ ހީނަރުކަމެއް ކަމަށެވެ.

ނެދަލޭންޑްގެ ނޫސްވެރިއަކަށް ދިން އިންޓަވިއުއެއްގައި ޖެފެރިން ބުނީ އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންގެ މައްޗަށް ސައުދީން ކުރާ ޚަރަދު، ސްޕޯޓްސް އެކަޑަމީތަކަށާއި ރަނގަޅު ކޯޗުން ހޯދުމަށް އިންވެސްޓް ކުރުން މާ ބުއްދިވެރި ކަމަށެވެ.

"ކެރިއަރު ގާތްގަނޑަކަށް ނިމުމަކާއި ގާތްވެފައިވާ ކުޅުންތެރިން ގަތުމުގެ ނިޒާމަކީ ފުޓްބޯޅަ ތަރައްގީކުރާ ނިޒާމެއް ނޫން. އެއީ މީގެ ކުރީގައި ޗައިނާއިންވެސް ހެދި ގޯހެއް،" ޖެފެރިން ބުނެފައިވެއެވެ.



ޗައިނާއިން ވަނީ މީގެ ކުރީގައި ޑިޑިއޭ ޑްރޮގްބާ ފަދަ ނަން މަޝްހޫރު ކުޅުންތެރިން ޗައިނާ ލީގަށް ގެންގޮސްފައެވެ. އެހެން ނަމަވެސް، އޭގެ ސަބަބުން ޗައިނާގެ ފުޓްބޯޅައަކަށް ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ނުލިބުނެވެ.

ޖެފަރިން ބުނީ ޔޫރަފް ނޫން އެހެން ހިސާބުގެ ލީގަކަށް ކިތަންމެ ބޮޑު މުސާރައަކަށް ބަދަލުވިޔަސް، ކުޅުންތެރިޔާއަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ.

"މީގައި މައްސަލައަކީ ފައިސާ އެކަންޏެއް ނޫން. ކުޅުންތެރިން ބޭނުންވަނީ ޓޮޕް މުބާރާތްތައް ކާމިޔާބުކުރަން. ޓޮޕް ކޮމްޕެޓިޝަން އޮތީ ޔޫރަޕްގައި އެކަނި،" ޖެފަރިން ބުންޏެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒެމާ އަށް މި އަހަރު ސައުދީ އަރަބިއްޔާގެ ކްލަބްތަކާ ގުޅުމަށް ރެކޯޑް އަދަދަކަށް މުސާރަ ދީފައިވާއިރު، ލިއޮނަލް މެސީ އާއި ލޫކާ މޮޑްރިޗް އަށް ވެސް މިފަދަ ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފައެވެ. އެކަމަކު، އެ ދެ ކުޅުންތެރިން ވަނީ ސައުދީގެ ހުށަހެޅުމަށް އިންކާރުކޮށްފައެވެ.

2008 ވަނަ އަހަރުން ފެށިގެން ބެލަން ޑިއޯ އެވޯޑު ހާސިލުކޮށްފައިވާ ތަރިން ހޯދަން ސައުދީ ކްލަބްތަކުން މަސައްކަތް ކުރަމުންދާއިރު، އެ ހުރިހާ ކުޅުންތެރިންނަކީ 35 އަހަރާއި 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން