ހުޅުމާލޭގައި ބިދޭސީންކުރި މުޒާހަރާގެ ތެރެއިން، ފޮޓޯ:ސޯޝަލް މީޑިޔާ
ހުޅުމާލޭގައި ބިދޭސީންކުރި މުޒާހަރާގެ ތެރެއިން، ފޮޓޯ:ސޯޝަލް މީޑިޔާ
ރާއްޖޭގައި މިފަހުން ބިދޭސީން ނުކުމެ މުޒާހަރާ ކުރުމާއި، ހަމަނުޖެހުން ހިންގުން މިވަނީ އާންމުކަމަކަށް ވެފައެވެ. ހައްޤުތައް ހޯދުމުގެ ނަމުގައި މުޒާހަރާއަށް ނުކުންނަ ބިދޭސީންގެ ތެރެއިން ގިނައީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނެވެ. އެއްވެސް ސައްހަ ލިޔުމެއްނެތި އަދި ހަގީގަތުގައި ކާކުކަން ވެސް ނޭނގި ރާއްޖޭގައި އުޅެމުންދާ މީހުންނެވެ. މިމައްސަލަ ހައްލުކުރުމުގައި ސަރުކާރާއި ކަމާއިބެހޭ ފަރާތްތަކަށް ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިގެން އުޅޭ ފަދަ އަޑުތަކާއި މަންޒަރުތައް ފެންނަމުންދާއިރު ހަގީގަތުގައި ވެސް މިއުޅެނީ ބައެއްގެ ހައްގުތަކެއް ގެއްލިގެން ކަމާއިމެދު ސުވާލު އުފެދޭ ހިސާބަށް މިހާރު ކަންކަން ގޮސްފައިވާ ކަމަށް ގަބޫލުކުރެވެއެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަ އަލީ ނަޒީރު ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގައި އުޅޭ ވޯކްފޯސްއަކީ ވަކި ގޮތަކަށް ރެގިއުލޭޓްކޮށް ބަލަހައްޓަމުންދާ ބައެއްކަމަށެވެ. މިމީހުންގެ ކަންކަން ރާއްޖޭގައިވެސް ހައްލުކުރެވޭނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިންކަމަށާއި، މިކަން ހައްލުނުވެއްޖެނަމަ ދާޚިލީގޮތުން ނުރައްކާވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.

"މިއީ ވަރަށް ނުރައްކާތެރި ކަމެއް ހަގީގަތުގައި. ދުނިޔޭގެ ބައެއް ގައުމުތަކުގައި މިގޮތަށް ވޯކްފޯސް ބޮޑު. އެކަމަކު އެމީހުން އެކަންކަން އެބަ މެނޭޖްކޮށް ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން ގެންދޭ. އަޅުގަނޑުމެންނަށް މިމައްސަލަ ހައްލުނުކުރެވިއްޖެނަމަ ދާޚިލީ ސަލާމަތަށް އޮތް ނުރައްކާބޮޑު." އަލީ ނަޒީރު ވިދާޅުވިއެވެ.

މިއީ ދައުލަތުން މިކަން އިސްލާހުކޮށް ފިޔަވަޅުއެޅުމަށް މަތިކޮށްފައިވާ އެއް މުވައްސަސާގެ ބަހެވެ. މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް އުންމީދު ގެނެސްދޭން ތިއްބެވި ބޭފުޅުން މިކަމާއި މެދު ދެކެވަޑައިގަންނަވާ ގޮތެވެ. އެހެން ނަމަވެސް މިހާރުވެސް ފެންނަމުން މިދަނީ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވުރެ ބޮޑަށް، އެއްބަޔަކު އަނެއްބަޔެއްގެ ބޮލަށް ޖަހާލައިގެން ތިބުމުގެ ފަސޭހަގޮތް އިހުތިޔާރު ކުރަމުންދާ މަންޒަރެވެ. ޒިންމާ އުފުލަންވީ ކޮންބައެއްކަމެއް ޒިންމާ ނަގަންވީ ކޮން މުއައްސަސާއަކުން ކަންވެސް އޮޅޭ ހިސާބަށް މިއަދު ކަންކަން ހިނގައްޖެއެވެ.

ބިދޭސީންގެ މައްސަލަ ފެންމަތިވާ ކޮންމެ ދަނޑިވަޅެއްގައި އެންމެބާރަށް ދައްކާތީ އިވޭއަޑަކީ "ތިއީ ކުރީސަރުކާރުގެ އިހުމާލޭ ބަޔަކު ކުރި ވިޔަފާރިއެކޭ" ކިޔާ އަޑެވެ. މިހާހިސާބަށް ކަންކަން ދާނީ ކޮންމެވެސް ބަޔަކު އިހުމާލު ވެގެންނެވެ. އިހުމާލަކީ ކޮންމެބައެއްގެ އިހުމާލަކައްވިޔަސް މިއަދު އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި ޒިންމާ އަޅުވާފައި ރެކެވޭ ވަރަށް ވުރެ މައްސަލަ މިއޮތީ މާ ހައްސާސް ވެފައެވެ. އެމީހުން ޖަހަމުން އެދާ ޑަނޑޫރައަކީ އެއަށްވުރެ މާ ނުރައްކާތެރި ޑަނޑޫރައެކެވެ. މައްސަލަ މިވަނީ އެއަށްވުރެ މާ ހައްސާސު ނުރައްކާބޮޑު މައްސަލަޔަށްވެފައެވެ. ލަޓިބުރިޔާއި، ދަނޑިބުރިތަކާއި، ހަތިޔާރާއިއެކު ގައުމުގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލައި، ތަކެއްޗަށް ގެއްލުންދީ އާންމު ސަލާމަތަށް ނުރައްކާކުރާ ހިސާބަށް މިވަނީ ގޮސްފައެވެ. ފެންނަމުން މިދަނީ މި ގައުމުގައި އުޅޭ ބޭރު ބަޔަކު ވަކި ގަބީލާ ހަދައިގެން ނުކުމެ ސަލާމަތީ ބާރުތަކަށް ހަމަލާދޭ މަންޒަރެވެ.

ބޮޑެތި ހަނގުރާތަމަތަކުގައިވެސް ފެންނަ ގޮތަށް އެއް ހެދުމެއް އަޅައިގެން ބަދަހި ސަފުތަކެއް ރުކުރުވާލާހެން، ރުކުރުވާލައިގެން މައިދާނަށް ނުކުންނަ މަންޒަރު މިއީ އާދައިގެ މަންޒަރެއް ނޫނެވެ. މިއީ މަޖިލީހަށް ގަރާރެއް ހުށައަޅާލައިގެން ބަހުސް ކޮށްލައިގެން ބޭކާރު އަނގަ ތަޅާލައިގެން ބައެއްގެ ބޮލަށް ކަނޑާލައިގެން ތިބެވޭ ވަރަށް ވުރެ މާ ގޯސް، މާ ނުރައްކާ ހިސާބަށް ގޮސްފައިވާ މައްސަލައެކެވެ. މިއީ ހަމަ ހަގީގަތުގައިވެސް ވަރަށް ނުރައްކާބޮޑު ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ގައުމީ މަސްލަހަތަށް އޮތް ބޮޑު ނުރައްކަލެކެވެ.

މިއަދު އެމީހުން އެއް ޔުނީފޯމެއްގައި ސަފުހަދައިގެން ގަބީލާއެއް ހަދައިގެން ވަކި ދަރިފަސްކޮޅެއްގެ ސިފައިގައި ނުކުމެ އެ މުޒާހަރާ ކުރަނީ ހައްގުތައް ހޯދުމަށެވެ. ފުރަމަ މުސާރައިގެ ވާހަކައެވެ. އެމީހުންނަށް ހައްގުތަކެއް ނުލިބޭ ވާހަކައެވެ. ދެން އެހައްގުތައް ހޯދައިދޭން ރާއްޖޭގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން، ޖަމިއްޔާތަކުން މެޑަލް ޖަހާން ނުކުމެ އެމީހުންގެ ހައްގުތަކަށް ވަކާލާތުކުރަނީއެވެ. އެމީހުންނަށް "އައިޑެންޑިޓިޓީ" ދޭން ގޮވާލަނީއެވެ. އެމީހުންނަށް ރަނގަޅު ބޯހިޔާވަހިކަން ދޭން ވަކާލާތު ކުރަނީއެވެ. ދެން މަޖިލީހުގައި ބަހުސްކުރާނީ އެމީހުންނަށް ގާނޫނީ ހައިސިއްޔަތު ދޭށެވެ. ގާނޫނުތައް އިސްލާހުކޮށް ނޫނީ ގާނޫނުތައް ހަދައިގެން އެމީހުންނަށް އެބުނާ ހައްގުތައް ދޭން ބަހުސްކޮށް ކޮންމެވެސް ޒާތެއްގެ އައިޑެންޓިޓީއެއްދީ ގާނޫނީ ހައިސިއްޔަތެއްދީގެން ދިވެހި ބިމުގައި އިތުރު ދަރިފަސްކޮޅަކަށް ޖާގަ ދޭން ޖެހުނީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް އެވިދާޅުވަނީ އެއީ ރާއްޖޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމުގައި ވީނަމަވެސް އެމީހުންގެ ނުރުހުމުގައި ގައުމުން ބޭރު ނުކުރެވޭނެ ކަމަށެވެ. މިއީ ވެސް ވިސްނާލަން ޖެހޭ ހައްސާސް ވާހަކަފުޅެކެވެ. ހަގީގަތުގައި ވެސް ދުނިޔޭގައި އަމަލުކުރާ އުސޫލުތަކާއި މުއާހަދާތައް އޮތީ އެ ވިދާޅުވާ ގޮތަށްތޯ ސާފުވާން އެބަޖެހެއެވެ.

ކޯވިޑް19އާއި ގުޅިގެން މިޤައުމަށް އުފަން ދިވެހި އެތައް އާއިލާއެއްވަނީ ނިކަމެތިވެ ބިކަވެފައެވެ. އާނމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތި މާޔޫސްވެފައެވެ. ލޯބިވާ އާއިލާއާއި، އަނބިދަރީންނަށް ކާންބޯން ދޭނެގޮތެއްވެސް ނެތިފައެވެ. އަތްމަތި ދަތިވެ ދިރިއުޅެމުންދިޔަ ވަޒަން ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރަން ޖެހިފައެވެ. މިހާ ދަތިހާލުގައި ދިވެހި ރައްޔިތުން އުޅެމުންދާއިރު ދިވެހިން ނުޖައްސާ ވައްތަރެއް، ދިވެހިން ނުކުރާ ޕްރެޝަރެއް ކުރުމަށް ބިދޭސީން މިނުކުންނަނީ ސަބަބުތަކެއް ނެތިއެއްނޫނެވެ. މިކަމުގައި އަޑިނޭގޭ އެތައްކަމެއް ވުމަކީ އެކަށީގެންވާކަމެކެވެ. ސުވާލު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ. ހަގީގަތުގައި ވެސް މިއީ އެބުނާ ގޮތަށް މުސާރަ ނުލިބިގެން ކުރާ މުޒާހަރާތަކެއްތޯ ސުވާލު އުފެދޭ އަޑި ނޭނގޭ ކަންތައްތަކެއް އެބަ ހިނގައެވެ. އެއް ކުންފުންޏެއްގައި މަސައްކަތްކުރާ ދެ ގައުމެއްގެ މީހުންގެ ތެރެއިން އެއްގައުމެއްގެ މީހުން އެބުނާ ހައްގެއް ނުލިބިގެން އިހުތިޖާޖު ކުރަން ނުކުރުމަކީވެސް ވަރަށް ގިނަ ހައްސާސް ސުވާލުތަކެއް އުފެދޭ ކަމެކެވެ.

ބަޔަކަށް މުސާރަނުދީ 7 މަސް 8 މަސްވާނަމަ އެއީ ބޮޑު މައްސަލައެކެވެ. އެކަން ބެލެންވެސް ވާނެއެވެ. ނަމަވެސް އެކަންކުރަން އޮންނަ ގޮތަކީ މިފަސްފަގަނޑުގައި ތިމާމެންގެ އާރާއިބާރުދައްކައި، ސަލާމާތީ ބާރުތަކާއި ކުރިމަތިލައިގެނެއް ނޫނެވެ. މައްސަލަ ހައްލުކުރުމަށް އޮތްގޮތަކީ މިއީކަމުގައިވާނަމަ ކުރިއަށް އޮތީ ހަމަ ހަގީގަތުގައިވެސް ސްޓޭޓް މިނިސްޓަރުވިދާޅުވިފަދަ ބަނަ ނުރައްކާތެރި ދުވަސްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން