އިރުޝާދިއްޔާ ސްކޫލް ދަރިވަރުންތަކެއް: އޯލެވެލް އިމްތިޙާނުން ލިބުނު ނަތީޖާ ޓީޗަރުންނަށް ދައްކާލަނީ - ފޮޓޯ: އިރުޝާދިއްޔާ ސްކޫލް
އިރުޝާދިއްޔާ ސްކޫލް ދަރިވަރުންތަކެއް: އޯލެވެލް އިމްތިޙާނުން ލިބުނު ނަތީޖާ ޓީޗަރުންނަށް ދައްކާލަނީ - ފޮޓޯ: އިރުޝާދިއްޔާ ސްކޫލް
މިދިޔަ ޖޫން ޖުލައިގައި ބޭއްވި އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ލިބިއްޖެއެވެ. މިއީ ފާއިތުވެގެން ދިޔަ އެކުދީންގެ މަދްރަސީ ހަޔާތުގެ 12 ނޫނީ 14 އަހަރުގެ މިއްނެތް މައްސައްކަތުގެ ނަތީޖާއެވެ. އެކުދީންނަށް އުނގަންނައިދެއްވަމުން އައި މުދައްރިސުންނާއި އަދި އެކުދީންގެ ބެލެވެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އިމްތިހާނުގެ ނަތީޖާއިން ބައެއް ކުދިންނަށް އުންމީދު ކުރިވަރަށްވުރެވެސް ރަނގަޅު ނަތިޖާ ހާސިލްވެގެން ދިޔައިރު އަނެއްބައި ކުދިންނަށް ބޭނުންވި ނަތީޖާ ހާސިލްކުރެވުނެވެ. ހަމައެހެންމެ އެއްބައި ކުދިންނަށް ހާސިލް ކުރެވުނީ ދަށް ނަތީޖާއެކެވެ. އެހެންނަމަވެސް ދަށް ނަތީޖާއެއް އަދި ލިބުމަކުން ކިޔެވުމުގެ ފުރުޞަތު ގެއްލުނީކީ ނޫނެވެ.



މިއަދު ރާއްޖޭގައި ކިޔަވާ ކުދިންނަށް ގިނަ ފުރުޞަތުތަކެއް އެބަ އޮތެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި އަމިއްލަ ކްލެޖުތަކުގެ ދޮރުތައްވަނީ އިހުނަށްވުރެ ބޮޑަށް ހުޅުވިފައެވެ. އެހެންކަމުން އުއްމީދު ކުރި ނަތީޖާ ހާސިލްނުކުރެވުނު ކަމުގައިވިޔަސް އަދި ތިޔަ ކުދީން މާޔޫސް ނުވާށެވެ. ޓީޗަރުން، މައިންބަފައިން އަދި ބެލެނިވެރިންވެސް ކުދިންނަށް ހިތްވަރުދީ ހުޅުވިފައިމިވާ ތަނަވަސް ދޮރުތަކުގެ ބޭނުން ހިފުމަށް އެކުދީންނަށް އެހީތެރިވެދޭށެވެ.

ދިމާވާ ކަމަކުން ކުއްޖަކު ގްރޭޑް 10 އެއްވެސް ނުނިމި އޯލެވެލް ނުހެދި ހުރެދާނެއެވެ. އަދި އޯލެވެލް ހެދި ނަމަވެސް 3 މާއްދާއިން ރަނގަޅު ނަތީޖާ ހާޞިލް ނުކުރެވުނު ކުއްޖާއަށްވެސް އެކުއްޖަކު ކުރިއަަށް ދާން ބޭނުންވާ ދާއިރާ އިޚްތިޔާރުކުރުމުން، އެ ދާއިރާއިން ސެޓްފިކެޓް ލެވެލް 2 ގެ ކޯހަކުން ފަށައިގަނެވެން އެބައޮތެވެ. އެއަށްފަހު ލެވެލް 3 އަދި 4 ފުރިހަމަކުރާނީއެވެ. މިއަށްފަހު ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު އެ ހުޅުވުނީއެވެ.

ގްރޭޑް 10 އެއް ނިއްމި ކުދީންގެ ތެރެއިން، 3 މާއްދާއިން ފާސްވެފައިވާނަމަ އެކުއްޖަކު ކުރިއަށްދާން އިޚުތިޔާރު ކުރި ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ގެ ކޯހުން ފަށަގަނެވޭނެއެވެ. ދެން އަށްފަހު ސެޓްފިކެޓް 4 ނިންމައި ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ.

ރާއްޖޭގެ އޭލެވެލް ސްކޫލްތަކަށް ކުދިންވެއްދުމަށް އެކުލާވާލާފައިވާ ކްރައިޓީރިޔާއަށް ބަލާއިރު، ސްޓްރީމް މާއްދާތައް ކިޔެވުމަށް ފުރުޞަތު ލިބެނީ މަދުވެގެން 05 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށެވެ. އެހެންކަމުން 05 މާއްދާއަށްވުރެ މަދުން ފާސްވި ކުދިންނާއި އަދި ފަސް މާއްދާ ނޫނީ އެއަށްވުރެ ގިނަ މާއްދާއިން ފާސްވި ނަމަވެސް އެކުއްޖަކު އޭލެވެލް ނުކިޔަވައި ވަކި ދާއިރާއަކުން ކުރިއަށްދާން ގަސްތުކޮށް އެދާއިރާއިން ކުރިއަށްދާން ބޭނުންވާނަމަ އެކުދީންނަށްވެސް ކޮލެޖުތަކުން ކިޔެވުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު އެބައޮތެވެ. މިގޮތުން 3 މާއްދާއިން ފާސްވެފައިތިބި ދަރިވަރުންނަށް ސެޓްފިކެޓް ލެވެލް 4 ހެދުމަށް ފަހު ޑިގްރީއަށް ކިޔެވުމަށް ފަށައިގަނެވިދާނެއެވެ. އަދި 3 މާއްދާއިން ފާސް ހޯދިފައިނުވާ ދަރިވަރުންނަށްވެސް ސެޓިފިކެޓް ލެވަލް 3 ހާސިލްކޮށް ސެޓިފިކެޓް 4 ނިންމުމަށްފަހު ޑިގްރީ ޕްރޮގްރާމަކަށް ޖޮއިން ކުރެވިދާނެއެވެ.

އެހެންނަމަވެސް ސާނަވީ އިމްތިޙާނުގެ ނަތީޖާއަށް ފަހު މަތީސާނަވީގައި ކިޔެވުމަށް އެ ހޭދަކުރާ ދެއަހަރު ސްކޫލުގައި ކިޔަވާނީތޯ ނޫނީ ވަގުތު ގެއްލުވާނުލައި އޯލެވެލްގެ ނަތީޖާއަށްފަހު ސެޓްފިކެޓް ލެވެލް 4 ގެ ކޯސް ނިންމުމަށް ފަހު ޑިގްރީއަށް ކިޔެވުމަށް އޮތް ފުރުޞަތުގެބޭނުން ފަށައިގަންނަންވީތޯ މިއީ ކުދީންގެ ސިނކުޑީގައި އެނބުރެމުންދާނެ އެންމެ ބޮޑު ސުވާލެވެ. މިކަން ބޮޑު ކަމަކަށްވަނީ ކުރިއަށް ދާން ގަސްދުކުރާ ދާއިރާ އެކުދީންގެ މުޅި ދިރިއުޅުން ބިނާވެގެންދާނެތީއެވެ.

ގިނަފަހަރަށް ކަންހިނގާގޮތަށްބަލާއިރު ކުއްޖާގެ ޝަޢުޤުވެރިކަން ވަކި ދާއިރާއަކަށް ހުރިނަމަވެސް މައިންބަފައިންނަށް އެދާއިރާ ކަމުނުގޮސްގެން، މައިންބަފައިން އެދޭ ދާއިރާއެއް ދަރިފުޅު އިޚްތިޔާރު ކުރަން މަޖްބޫރުވަނީއެވެ. މައިންބަފައިންގެ އެދުމަށް ފުރަގަސް ނުދޭންވެގެން ކުއްޖާ އެ ދާއިރާއެއް ޚިޔާރުކުރަނީ މާބޮޑު ޝަޢުޤުވެރިކަމެއް ނެތި ކުރިމަގާއިދެތެރޭ މާބޮޑު ވިސްނުމެއްވެސް ނެތިއެވެ. މިފަދަ ނިންމުންތައް ކުދިން ނިންމަންވެއްޖެ ނަމަ އެވާނީ ދަތި އުދަގޫ ކަމަކަށެވެ. އަދި މައިބަފައިންގެ އެދުމުގެ މަތީން އެނިންމާ ނިންމުން ބައެއްފަހަރު ކުއްޖާއަށް ކުރިއަށް ނުގެންދެވޭތަންވެސް އާދެވެ. އެކުއްޖެއްގެ ޝަޢުޤުވެރިކަމެއް ނެތް ނަމަ އަދި ޓީޗަރުން އިރުޝާދު ދެއްވި ނަމަވެސް ކުއްޖާއަށް ކުރިއަށް ދާން އުދަގޫވެ ގިނަފަހަރު ހުއްޓާލަތަން އާދެއެވެ. އެއީ ކޯހެއް ކަމުގައިވިޔަސް އަދި އޭލެވެލްގައި ކިޔެވުން ކަމުގައިވިޔަސް ޝަޢުޤުވެރިކަމެއްނެތް ކުދިން ވަކި ހިސާބަކުން ކިޔަވަން ނުގޮސް ހުއްޓާލައެވެ.

އެހެންނަމަވެސް މިއާޚިލާފަށް ދަރިފުޅު ކުރިއަށްދާން ބޭނުންވާ ދާއިރާއެއް ކަނޑައެޅުމުގެ އިޚްތިޔާރު މައިންބަފައިން އެކުދީންނަށް ދޫކޮށްލައިފިނަމަ، އޯލެވެލް ނިންމާއިރުވެސް އެކުދިން ތިބޭނީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑައަޅައި ދުރާލާ ތައްޔާރުވެގެންނެވެ. މީގެ ތެރެއިން ބައެއް ކުދީން އޯލެވެލް އިން އެންމެ މަތިން ފާސްވިނަމަވެސް އަދި ޓޮޕް އެޗީވާސްގެ ތެރޭ ހިމެނުނު ކަމިގައިވިޔަސް އޭލެވެލް ނުކިޔަވައި ޕްލޭންކުރި ދާއިރާއިން ލެވެލް 4 ގެ ކޯސް ހަދަން ނިންމައެވެ. އަނެއްބައިކުދިން، ތަޢުލިމީ ނިޒާމުގައި ގިނަ ފުރުޞަތުތަކެއް ތަނަވަސްވެފައި އޮތުމުން އޯލެވެލް އަށްފަހު، ލިބިފައިވާ ނަތީޖާއަށް ބަލައި މިނިންމުން ނިންމަން އުނދަގޫވެ ހާސްވެގެންވެސް އުޅެންޖެހެއެވެ. އޭލެވް ކިޔަވާނީތޯ ނުވަތަ ކޮލެޖަށް ވަންނާނީތޯ ގިނަ ކުދިންގެ ހިތުގައި އުފެދޭ ބޮޑުސުވާލެވެ. މިސުވާލަށް ޖަވާބު ހޯދުމަށްޓަކައި ލިބެން ހުރި މައުލޫމާތުތައް ހޯދައި މީހުންނާއި މަޝްވަރާ ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.



ކުރިންވެސް ފާހަގަކުރި ފަދައިން އޭލެވެލްއާއި ސެޓްފިކެޓް 4 އަކީ ދަރިވަރުން ޑިގްރީއަށް ޖޮއިން ކުރުމަށް ބޭނުންވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކަނޑައަޅާފައިވާ ކްރައިޓީރިއާއެވެ. އަދި ހަމަ އެހެންމެ އޭލެވެލް ނަހަދައިވެސް އިޚުތިޔާރު ކުރާ ދާއިރައިން ސެޓްފިކެޓް ލެވެލް 4 ގެ ކޯހާއެކު ފަށައިގަނެވޭނެއެވެ. އެހެންނަމަވެސް، އޭލެވެލްގައި އެކުދިން ކުރިން ކިޔެވި ސްޓްރީމް މާއްދާތައް ކިޔެވުމުގެ ފުރުޞަތު އޮތީ އޯލެވެލް 5 މައްދާއިން ފާސްވާ ކުދިންނަށެވެ. އެއަށްވުރެ ދަށުން ފަސްވާ ކުދިންނަށް އޮތީ ވަކި ދާއިރާއެއް އިޚްތިޔާރުކޮށް ސެޓްފިކެޓް ލެވެލް 4 ގައި ބައިވެރިވާށެވެ. އެއަށް ފަހު ލެވެލް 4 ނިންމައި ޑިގްރީއަށް ކިޔެވުމެވެ. މަތީ ސާނަވީގައި ކިޔަވަން ބޭނުން ނުވާ ކުދިންނަށްވެސް ކުރިއަށްދާންބޭނުންވާ ދާއިރާއިން ވަގުތު ގެއްލުވާނުލައި އޭލެވެލް އަށް ކިޔެވުމުގެ އެފުރުސަތު ގެއްލުނު ކުދިންނާއެކު ސެޓްފިކެޓް 4 ގެ ކޯސް ފުރިހަމަކޮށް، އޭގެފަހުން ޑިގްރީއަށް ފަށައިގަތުމުގެ ފުރުޞަތުވެސް އޮތީއެވެ. ސެޓްފިކެޓް ލެވަލް 4 އަކަށް ބޭނުންވާ އޯލެވަލްގެ 3 ފާސް ނެތް ދަރިވަރުން ލެވަލް 3 އަކުން ފަށައިގަނެ ލެވަލް 4 ނިންމުމަށްފަހު ޑިގްރީއަށް ކިޔަވަންފަށާނީއެވެ. ގިނަކުދިންނަށް މިއީ މިއުދަގޫ ނިންމުމެކެވެ. އެހެންކަމުން މިފަދަ ނިންމުމެއް ނިންމާއިރު ކުދީންނާއި ބެލެނިވެރިން ތިރީގައިމިވާ ކަންކަމަށް ވިސްނާލުން ނުހަނު ބޭނުންތެރިއެވެ.

އޯލެވެލްއަށްފަހު ދެން ކިޔެވުން ކުރިއަށް ގެންދިޔުމުގައި ވިސްނާލަންވީ ކަންތައްތައް

1. ކިޔެވުމުގެ މުއްދަތު

އޭލެވް ކިޔެވުމުގެ މުއްދަތަކީ އާއްމުގޮތެއްގައި 2 އަހަރު ދުވަހެވެ. ސީ.4 ލެވަލްގެ ފައުންޑޭޝަންއެއް ނުވަތަ އެލެވަލްގެ ސެޓްފިކެޓް ހާސިލް ކުރުމަށް ބޭނުންވަނީ 1 އަހަރު ދުވަހެވެ. އެހެންކަމުން ފައުންޑޭޝަން ސްޓަޑީސްގެ މުއްދަތު ކުރެވެ. ނަމަވެސް ކުރު މުއްދަތުގައި ކިޔެވި ނަމަވެސް އެސައިންމަންޓްސްތަކާއި ގިނަ މަސައްކަތްތަކެއް ހިމެނޭ މިކޯސްތަކަކީ އޭލެވަލްއަށްވުރެ ސްޓެރެސްވެދާނެ ކަމަކަށްވުން އެކަށިގެންވެއެވެ. އޭލެވް ހެދުމުގައި ގިނަ ދުވަސް ހޭދަވީނަމަވެސް ކިޔަވައިދޭ މާއްދާތަކަށް ވަގުތު ދެވި މާބޮޑަށް ހަމަޖެހިގެން ކިޔަވައި ނިންމާލެވޭނެއެވެ.

ވިސްނަންވީ ނުކުތާ: އަވަހަށް ނިންމަން ބޭނުންނަމަ ފައުންޑޭޝަން ސްޓަޑީސް ޚިޔާރު ކުރާށެވެ. އެހެންނޫންނަމަ އޭލެވަލްއާއިއެކު ކުރިއަށްދާށެވެ.

2. ކިޔަވައިދޭ ބައިތައް

އޭލެވެލް ގައި ފޯކަސްކޮށްފައި ހުންނަނީ ތިޔަކުދިން އޯލެވްގައި ކިޔެވި މާއްދާތަކަށެވެ. އެހެންކަމުން މައިގަނޑު 3 ނުވަތަ 4 މާއްދާއަށް ފޯކަސްކުރެވޭނެއެވެ. އެހެންނަމަވެސް ފައުންޑޭޝަން ސްޓަޑީސް ފޯކަސް ކުރާނީ ތިޔަ ދަރިވަރުން ޑިގްރީ ހެދުމަށް ނިންމާފައިވާ ދާއިރާއަށެވެ.

ވިސްނަންވީ ނުކުތާ: ޑޮކްޓަރުކަމާއި ސައިންޓިސްޓުން ފަދަ ދާއިރާތަކަކީ އެ ދާއިރާއުން ކުރިއަށް ދިޔުމަށް އޭލެވެލް ކިޔެވުން މުޙިއްމު ދާއިރާތަކެކެވެ. އެގޮތުން ޑޮކްޓަރުކަން ކިޔެވުމަށް ނުވަތަ ސައިންޓިސްޓަކަށްވުމަށް ގަސްދުކޮށްގެން ހުރި ކުއްޖެއްނަމަ އޭލެވެލްގައި ކިޔެވުމަށް ސަމާލުކަންދޭށެވެ. އަދި އޭލެވެލްގައި ނުކިޔަވައި ކޯސްތައް ހެދެން ހުރި ނަމަވެސް، ޓީޗިންގ އަދި ނަރސިންގ ފަދަ ކޯސްތަކަށްވެސް އެކުއްޖަކު ކުރިއަށް ދިއުމަށް ފަސޭހަވާނީ އޭލެވެލްގެ ކިޔެވުން ފުރިހަމަކުރުމުންނެވެ. އެހެންނަމަވެސް ސައިކޮލޮޖީ ފަދަ ދާއިރާއިން ކުރިއަށް ދާން ބޭނުންނަމަ އޭލެވެލް ނުކިޔަވައިވެސް، ފައުންޑޭޝަން ސްޓަޑީސްއާއިގެން އެކުއްޖަކަށް ކުރިއަށްދެވިދާނެއެވެ.

3. ކިޔެވުމުގައި ދިމާވެދާނެ އުނދަގޫތައް

ގިނަ މާއްދާތަކެއް އެކުލެވޭ އަދި ބޭރު ޤައުމުތަކުން މާކުކުރާ ޕޭޕަރުތައް ހިމެނޭ އޭލެވަލް ސްޓަޑީސް، ފައުންޑޭޝަންއަށްވުރެ އުނދަގޫވާނެއެވެ. އާއްމުގޮތެއްގައި ފައުންޑޭޝަން ކޯސްތަކަކީ ލޯކަލް ކޮލެޖަކުން އެޕްރޫވްކުރާ އަދި ވަކި ދާއިރާއަކަށް ފޯކަސްކުރެވިފައިވާ ބަޔަކަށް ވުމުން ނަތީޖާ ހާސިލް ކުރުމަށް ފަސޭހަވާނެއެވެ.

ވިސްނާލަންވީ ނުކުތާ: ކިޔަވާހިތްވާ އަދި ތިމަންނައަށް 3-4 މާއްދާއަށް ފޯކަސްކޮށްގެން ގިނަވަގުތު ހޭދަކޮށް ބޭނުންވާ ލަނޑުދަނޑިތަކެއް ހާސިލްކުރަން ބޭނުންނަމަ އޭލެވަލްގައި ކުރިއަށްދާށެވެ. އެފަދަ ޚިޔާލެއްނެތްނަމަ ފައުންޑޭޝަން ކޯސް ފުރިހަމަ ކުރާށެވެ.

4. ސްކޮލަޝިޕް ފުރުޞަތުތައް

އޭލެވްލް ޓޮޕް އެޗީވާސްގެ ތެރެއިން 01 ވަނަ ހާސިލްކުރާ ދަރިވަރުންނަށް ސްކޮލަރށިޕްތައް ލިބިގެންދެއެވެ. އަދި އޭލެވް ނިންމާފައިތިބޭ ކުދިންނަށް ބޭރުގެ ޔުނިވަރސިޓީތަކުން ސްކޮލަޝިޕްހޯދަން ފަސޭހަވެއެވެ. ސަބަބަކީ އިމްތިހާނުތަކަކީ ބޭރުގެ އެކިޤައުމުތަކުން ޤަބޫލުކުރާ އިމްތިހާނުތަކަކަށްވާތީއެވެ. އެހެންނަމަވެސް ފައުންޑޭޝަން ކޯސްތައް ނިންމިނަމަވެސް ބައެއް ހާލަތްތަކުގައި އެކި ޤައުމުތަކުގެ ކޮލިފިކޭޝަން ހުންނަ ގޮތުން އެޤައުމުތަކުގައި ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހޯދުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ.

ވިސްނަންވީ ނުކުތާ: އޭލެވަލް ޓޮޕް އެޗީވާރސްގެ އެވޯޑު ހޯދުމަށް ނުވަތަ ސްކޮލަރޝިޕް ހޯދުމަށް ބޭނުންނަމަ އޭލެވަލްއާއިއެކު ކުރިއަށްދާށެވެ. އަދި ބޭރުން ޑިގްރީ ހާސިލްކުރަން ބޭނުންނަމަ މަތީ ސާނަވީއަށް ކިޔެވުމަށް ސްކޫލަކަށް ޖޮއިންވެލާށެވެ.

5. އެސެސްކުރެވޭ ގޮތްތައް

އޯލެވަލްއެކޭ އެއްގޮތަށް އޭލެވަލްގައިވެސް ނަތީޖާ ބިނާކުރާނީ އިމްތިހާނު ކަރުދާހުގެ މައްޗަށެވެ. އެހެންކަމުން މިއީ %100 އިމްތިހާނުގެ ނަތީޖާގެ މައްޗަށް ކަނޑައެޅޭ ކޮލިފިކޭޝަންއެކެވެ. ނަމަވެސް ފައުންޑޭޝަން ސްޓަޑީސްއަކީ އިމްތިހާނު ކަރުދާހާއި ކޮލެޖްގައި ދެއްވާ ކޯސްވޯކްތައް ހިމެނޭހެން އިވެލުއޭޓްކޮށް ނަތީޖާ ފައިނަލްކުރެވޭ ކޯސްތަކެކެވެ.

ވިސްނަންވީ ނުކުތާ: އާއްމުގޮތެއްގައި އިމްތިހާނު ހެދުމަކީ ބޭނުންނުވާ ކަމެއްނަމަ ފައުންޑޭޝަން ކޯހާއިގެން ކުރިއަށްދާށެވެ. އަހަރުގެ ފަހަށް އޮންނަ ޓެސްޓު ޕޭޕަރު ހެދުމަށް ޝައުޤުވެރިކަން ހުންނަނަމަ ސްކޫލްދައުރު އިތުރުކޮށްލައި އޭލެވަލްއާއިގެން ކުރިއަށްދާށެވެ.

6. ވަޒީފާ އަދާކުރުން

ސްކޫލްގައި ފުލްޓައިމް ކިޔަވަމުން ވަޒީފާއަދައެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ކޮލެޖްގައި ކިޔަވަމުން ވަޒީފާގެ މާހައުލަށް ނުކުމެވިދާނެއެވެ. އުމުރުން 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ ހުއްދައާއިއެކު ވަޒީފާއަދާކުރެވެއެވެ. ވަޒީފާގެ މާހައުލަށް ނުކުމެ އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންނަމަ ފައުންޑޭޝަން ކޯހާއިގެން ކުރިއަށް ދަމުން ޕާޓް-ޓައިމް ވަޒީފާއެއް އަދާކުރެވިދާނެއެވެ.

ވިސްނަންވީ ނުކުތާ: ތިޔަދަރިވަރުން ކޮންމެ ގޮތަކަށް ނިންމި ކަމުގައިވީނަމަވެސް އެގޮތެއްގައި އަޒުމްވަރުގަދަކޮށް ނަތީޖާ ހާސިލްވަންދެން ހިއްވަރު އެލުވައިނުލާށެވެ. އަދި ކޮންމެ ގޮތެއް ޚިޔާރުކުރިނަމަވެސް ގޮންޖެހުންތައް ހުންނާނެކަން ހަނދާން ކުރަންވާނެއެވެ. އޯލެވަލްގެ ނަތީޖާއަށްބަލައި މާޔޫސްނުވެ މިއިން ކޮންމެވެސް އެއްގޮތް ޚިޔާރުކޮށްގެން ކުރިއަށްދާށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ނުދައްކާ ވާހަކަ - ޒ

20-Aug-2023

މި ލިޔުމުގައި ބޭނުންތެރި ބައެއް ވާހަކަ އެބަހުރި. އެހެނަސް މިއީ ދަރިވރުން އޭލެވެލް އާ ދުރުކޮށް ޝޯކަޓް ނަގަން ހިތްވަރުދޭން ލިޔެފައޮތް ލިޔުމެއް. މީގަ މުޅިންވެސް ހުރީ އޭލެވެލް އާ ކުއްޖާ ދުރުކުރުވާ ވާހަކަތައް. އެންމެ މުހިންމު ފައިދާތައް ނުވެސް ނެތް. ކީތްވެ ކޮލިޓީ/ފެންވަރުގެ ވާހަކަނުދެއްކީ... އޭލެވެލް ކިޔަވައިގެން ކޯސް ހަދާ ކުއްޖާ އާ އޭލެވެލްއަށް ނޮގޮސް ކޯސް ހަދާ ކުއްޖާ ގެ ފެންވަރު އުޑާ ބިމާ ހާ ތަފާތު. އޭލެވެލް ނިންމާފަ ކޯސް ހަދާ ކުދިންނަށް އެ އިލްމުގެ އެހީގަ ކޯސްތައް ފަސޭހަވެ ކާމިޔާބީއަށް ވާސިލްވާން ފަސޭހަވޭ. އޭލެވެލް ނަހަދާ ކުރިއަށްދާކުދިންނަށް ވ.ގިނަ ގޮންޖެހުން ދިމާވެ ފެއިލްވުމުގެފުރުސަތު ބޮޑު އަދި ވަކިހިސާބަކުން ކޯސް ދޫކޮށް ވަޒީފާއަކަށް ނުވަތަ އެހެން ކޯހަކަށް ދޭ. މިއީ ބޭކާރުވެގެންދާ ވަގުތު. ޝޯކަޓް ގެ ސަބަބުން މިހާރު ވަޒީފާގެ ބާޒާރުގަ ފެންވަރު ރަނގަޅު މުވައްޒަފުން ވ.މަދު. ގިނައީ ފޭކް. ސެޓްފިކެޓް ގަންނަ މީހުންވެސް އުޅޭ. އެހެން މީހުން ލައްވާ އެސައިންމަންޓް ހަދައިގެން ސެޓްފިކެޓް ހޯދާ މީހުންވެސް މަދެއްނޫން. އަޅުގަނޑުމެން ބޭނުންވަނީ ގިނަބައެއް އެކަންނެއްނޫން، މަދަސް ފެންވަރު ރަނގަޅުު މީހުން. ވަގުތުހޭދަވިޔަސްމަތީތަޢުލީމުންމީހާގެފެންވަރުމަތިވޭވިސްނާލާ


1

ާއާމިނަ

20-Aug-2023

ވަރަށް ފުރިހަމަ ލިޔުމެއް. ޝުކުރިއްޔާ.


-2

އިބްރާހިމް

20-Aug-2023

ވަރަށް ރަނގަޅު ލިޔުމެއް! މާޝާ ﷲ



ޓްރެންޑިން