ޙުސައިން ރަޝީދު އަޙުމަދު   18 އޯގަސްޓު 2023 - 12:27
ވޯޓުލުމަކީ ދުނިޔެވީ ކަމެކެވެ.

ވޯޓުލުން ފަދަ ކަންކަން ޝިރުކަކާ ހަމައަށް ގެންދާމީހާއަށް އެދެވެނީ ޝިރުކުގެ މަގުންކަމަށް ވެދާނެއެވެ.

ނަމާދުކޮށް އުޅޭ މުސްލުމުން ކިތަންމެ ގޯސްކޮށް އުޅުނަކަސް ﷲ އަށް ޝިކުރު ނުކުރާނެކަމުގެ އުފާވެރި ޚަބަރު ވަނީ ޢާލަމްތަކަށް ކައުކުރެއްވި ނަބިއްޔާ ދެއްވާފައެވެ. ދެން އިރުއިރު ކޮޅާ ބަޔަކުމީހުން މިއީ ޝިރުކެކޭ ތިޔައީ ކުފުރެކޭ މިވެނި ކަމެއް ކުރުމީ ޝިރުކެކޭ ވޯޓުލުމަކީ ޝިރުކެކޭ މިފަދަ ހާސަރުތައް ގޮވައި، މީޑިޔާ ހޫނުކޮށް ޢާއްމު މުސްލިމުންގެ ސިކުނޑިއާަ ކުޅެން އުޅެނީ ކީއްވެގެންބާއެވެ.

އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ޚާއްޞަކޮށް ވޯޓުލުން މިފަދަ ދުނިޔެވީ ކަންކަން ދީނާގުޅުވައިގެން އެކަންކަން ޝިރުކަށް ވައްދައިގެން ވާހަކަ ދައްކައި އުޅެނީ އަތުގައި ޝިރުކު ނޫން ހަތިޔާރެއް ނެތިގެންނެވެ.

ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައިވާ ޙަދީޘު ބަސްފުޅެއް އަޑު އައްސަވާށެވެ. عَنْ جَابِرٍ قَالَ سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّ الشَّيْطَانَ قَدْ أَيِسَ أَنْ يَعْبُدَهُ الْمُصَلُّونَ فِي جَزِيرَةِ الْعَرَبِ وَلَكِنْ فِي التَّحْرِيشِ بَيْنَهُمْ (މިއީ ބުޚާރީއާއި މުސްލިމުގެ ރިވާޔަތެކެވެ.)

ތަރުޖަމާ :

މާތް ﷲ ރުއްސުންލެއްވި ޖާބިރު އިބްނި ޢަބްދު ﷲގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘު ކުރެއްވިއެވެ. ޝައިޠާނާ ވަނީ ޢަރަބި ކަރައިގެ ނަމާދުކުރާ މީހުން ލައްވައި އެސޮރަށް އަޅުކަން ކުރުވުމަށް ކުރި މަސައްކަތް ނާކާމުވެގެން، އެކަމުން ނާއުއްމީދު ވެގެންނެވެ. އެހެނަސް އޭތި ދެން މަސައްކަތް ކުރަމުންދާނީ އެއުރެންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި، އެއުރެން ބައިބައި ކުރުވުމަށެވެ. (ބައެއް ރިވާޔަތްތަގައި ޢާއްމުކޮށް މުސްލިމުންނާ މުޚާޠަބުވެ ވަޑައިގެންފައިވެސް އެބަވެއެވެ.)

ޙަދީޘުފުޅާމެދު ވިސްނާލަމާ:



(1) ޢަރަބި ކަރައާއި މުސްލިމު ޤައުމުތަކުގައި މީސްތަކުން ދުނިޔެއަށް ހެއްލިގެން ދާނެކަން.

(2) ދުނިޔޭގެ ޖާހާއި ޢިއްޒަތަށްޓަކައި އެބައިމީހުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭނެކަން.

(3) އެބައިމީހުންގެ މެދުގައި ފިތުނަ ފަސާދަ އުފެދުމުގެ ސަބަބުން އެބައިމީހުން ބައިބައި ވާނެކަން.

(4) އެބައިމީހުންގެ މެދުގައި ހަނގުރާމަ ހިނގާނެކަން.

(5) ޝައިޠާނާ ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިއަސް މުސްލިމުންގެ މެދުގައި ﷲ އަށް ޝިރުކު ކުރުން ނޯންނާނެކަން.

(6) ބިމުގެ ޚަޒާނާތައް މުސްލިމުންނަށް ހުޅުއްވަވައި ދެއްވައި އެއުރެންގެ މެދުގައި އިންތިިހާއަށް ތިޔާގިކަން އަންނާނެކަން.

(7) މިތާގައި ޝައިޠާނާގެ އެއްމާނައަކ ސީދާ އިބިލީހެވެ. އަނެއް މާނައަކީ ޖިންނީންނާއި އިންސާނުންގެ ތެރޭން އުޅޭ ޝައިޠާނުންނެވެ.

(8) މިޙަދީޘުން ސާބިތުވާ އެއްކަމަކީ، ކީރިތި ރަސޫލާއަށްފަހު ޢަރަބި ޖަޒީރާގައި ޢާއްމުކޮށް ޝިރުކު ކުރުން ނޯންނާނެ ކަމެވެ. އެކަމުގެ އުފާވެރި ޚަބަރު އިތުރު އެކަލޭގެފާނު ވަނީ އެތަކެއް ޙަދީޘަކުން ދެއްވާފައެވެ. މިޙަދީޘަކީ އޭގެ ތެރޭން އެއްބަސްފުޅެވެ.

އަދި ބުޚާރީއާއި މުސްލިމުގެ އެހެން ރިވާޔަތެއްގައި އައިސްފައި ވަނީ ޢާއްމު މުސްލިމުންނާ މުޚާޠިވެ ވަޑައިގެންފައެެވެ. ޙަދީޘު ކުރަށްވަނީ: إِنِّي لَسْتُ أَخْشَى عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنِّي أَخْشَى عَلَيْكُمْ الدُّنْيَا أَنْ تَنَافَسُوا فِيهَا މާނައީ: އޭ މުސްލިމުންނޭވެ! ތިމަން ކަލޭގެފާނު ދުނިޔެ ދޫކުރަށްވާ ވަޑައިގަތުމުން ތިޔަބައިމީހުން ޝިރުކުކޮށްފާނެތީ ތިމަންކަލޭގެފާނު ކަންބޮޑުވެ ވަޑައިނުގަންނަވަމެވެ. އެހެންނަމަވެސް ތިމަން ކަލޭގެފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަކީ ދުނިޔޭގެ މުދަލާއި ޖާހަށްޓަކައި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިވެ ތަޅައިފޮޅައި ހަދާނެތީއެވެ.

އަދިވެސް އިމާމު ބައިހަޤީއާއި ބައްޒާރު ރިވާކުރެއްވި ރިވާޔަތެއްގައި އައިސްފައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައި ވެއެވެ. لَا يَجْتَمِعُ فِي جَزِيرَةِ الْعَرَبِ دِينَانِ މާނައީ: ޢަރަބި ޖަޒީރާގައި ދެ ދީނެއް އެއްތަން ނުވާނެއެވެ. އެބަހީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ފަހު އިސްލާމް ދީނާއެކު އެހެން އިތުރު ދީނެއް އެތަނަށް ޢާއްމުވެގެން ނާންނާނެ ކަމެވެ.

ދެން މިތާ އުފެދޭ ސުވާލަކީ އަޅުގަނޑުމެންގެ ތެރޭން ބައެއް ޝައިޚުން ތާއަބަދު މުސްލިމުން ޝިރުކު ކުރާވާހަކަ މިދައްކަނީ ކޮން ދީނެއްގެ ދަށުން ބާވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން