ޖޭއެސްސީގެ މިހާރު ރައީސް ހިސާން ހުސެއިން، މަޖިލިސް ރައީސް، ޖޭއެސްސީގެ މެމްބަރު ނަޝީދު ނޫސްކޮންފަރެންސެއްގައި، ފޮޓޯ:އެމްޑީޕީ
ޖޭއެސްސީގެ މިހާރު ރައީސް ހިސާން ހުސެއިން، މަޖިލިސް ރައީސް، ޖޭއެސްސީގެ މެމްބަރު ނަޝީދު ނޫސްކޮންފަރެންސެއްގައި، ފޮޓޯ:އެމްޑީޕީ
މިނިވަންކަމާއި، އިންސާފުގެ ވާހަކައާއި ހަމަހަމަކަމުގެ ވާހަކައަކީ އެޖެންޑާ 19 އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެފައިވާ ކަންތައްތަކެވެ. 2013 ވަނަ އަހަރު އުފެދުނު ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި އިންސާފުންބޭރުން ކުރެއްވި ކަންތައްތަކާއި، ދައުލަރުގެ 3 ބާރު އުފެދިފައިވާގޮތަށް އެންމެބޮޑަށް ފާޑުވިދާޅުވެ ވަކާލާތު ކުރައްވަމުން ގެންދެވީ މިއަދު އެޖެންޑާ 19 އާއިއެކު ވެރިކަން ކުރަމުންދާ އެމްޑީޕީންނެވެ.

އޭރުގައި އިންސާފުވެރިކަމާއިއެކު ކަންކަން ނުދާކަމަށްބުނެ އަޑަށްބާރުލާފައި އެންމެ ހަރުއަޑުން އިންސާފަށް ގޮވާލަމުންދިޔައީ ހަމަ އެބޭފުޅުންނެވެ. ކޯޓުތަކުގެ ފަނޑިޔާރުންގެ މިނިވަންކަމާއިމެދު ސުވާލުއުފައްދައި، ޖޭއެސްސީ މުށުތެރެއަށް ލައިގެން ފަޑިޔާރުންގެ ސުލޫކީ މައްސަލަތަކަށް އިންސާފު ނުލިބޭކަމަށް ދިޔައީ ބުނަމުންނެވެ. ސްޕްރީމްކޯޓުގެ ފަނޑިޔާރުން ސިޔާސީވެ ވަކިއަތަކަށް ބުރަވެ ހުކުމްތައް ނެރެމުންދާކަމަށްބުނެ އިންސާފުގެ ތިލަފަތް ހަމަހަމަ ކުރުމަށް އިއްޔެ ވަނީ ވަކާލާތުކޮށް އަޑު އުފުލާ މުޒާހަރަ ވެސް ކޮށްފައެވެ.

ޕްރޮސެކިއުޓަޖެނެރަލް ސިޔާސީވެ ސަރުކާރު ހިންގާ ޕާޓީގެ ޕަޕެޓެއްގެ ގޮތުގައި ސިފަކުރެއްވީ މިހާރު އެކަން ކުރާން ތިއްބެވި ބޭފުޅުންނެވެ. ސަރުކާރު ޒިންމާދާރުކުރުމަށް ރައްޔިތުން އިންތިޚާބްކޮށްފައިވާ މަޖިލީހުން ހުރިހާކަމަކަށް އަތްބާނައި ބޭނުންގޮތަކަށް ޤާނޫނުތައް ބަދަލުކޮށް، ޤާނޫނޫ އަސާސީ އަށް ބޭނުން ގޮތެއް ހަދަމުން ދާތީ އަޑު އުފުއްލެވި ބޭފުޅުން މިއަދު ތިއްބެވީ ވެރިކަމުގައެވެ. މިއަދު އެހުރިހާ ބާރެއް އޮތީ އިއްޔެ އެވާހަކަ ދެއްކެވި ބޭފުޅުންގެ އަތްމަތީގައެވެ. ބަދަލު ހިފުމުގެ ރޫހުގައި ވަކި މައްސަލަތަކާއި ވަކި ޝަރީއަތްތައް ފަޑިޔާރުންލައްވައި ބަލާތީ އިންސާފު ގެއްލިގެންދިޔަކަމަށް ހަރު އަޑުން ދިޔައީ ވަކާލާތު ކުރައްވަމުންނެވެ.

މިއީ ހައްތަހާވެސް އިންސާފުގެ ދަތުރަށް ކަމަރުބަދެ ބާރުކޮށް ދަތުރަށް ފުރައި މަންޒިލަށްދާން އުޅުނު ބޭފުޅުން އުފެއްދިހާ ސުވާލުތަކެވެ. ދެއްކިހާވާހަކަތަކެވެ. އެބޭފުޅުން ވަކާލާތު ކުރައްވަމުން އަޑު އުފުއްލަވަމުން ގެންދެވި ކަންތައްތަކެވެ. އިއްޔެ އެވާހަކަތައް ދެއްކެވި ބޭފުޅުން މިއަދު މިތިބީ ވެރިކަމުގައެވެ. އެޖެންޑާ19 އާއިއެކު ފުރިހަމަ އިޚްތިޔާރާ ބާރާއިއެކުގައެވެ. އެބޭފުޅުން ވަކާލުކުރައްވައި އަޑުއުފުއްލެވި ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ ބާރު ރައްޔިތުން އެވަނީ އެބޭފުޅުންނަށް ދީފައެވެ. މިއީ ކޮންފަދަ އިއްތިފާގެއް ތޯއެވެ؟

ވެރިކަންލިބިވަޑައިގެން ހުރިހާ ބާރުތަކާއި އިޚްތިޔާރުތައް ލިބި ރަނގަޅަށް ހިންދެމިލައި ރައްޔިތުންނަށް ވިއްކެވި އެޖެންޑާ19 ގައި ހިމެނޭ ކަމަށް ވިދާޅުވި އިސްލާހުތަކާއި މެދު މިއަދު ފުންކޮށް ވިސްނާލުމުން އެއިސްލާހުތައް މިއަދު އެބޭފުޅުންނަށް މާނަ ކުރެއްވެނީ ނުވަތަ ފެނި ވަޑައިގަންނަވަނީ ހަމަ ރަނގަޅަށްތޯ ނުވަތަ ރައްޔިތުންނަށް އަޑު އިވުނު ގޮތް ގޯސްވެ އެޖެންޑާ މާނަ ކުރުމުގައި ރައްޔިތުންނަށް އޮޅުމެއް އަރައިގެން އުޅެނީތޯ މިއަދު މިވަނީ ސުވާލު އުފެދިފައެވެ.

އެބޭފުޅުން މިއަދު ކަންކަން އެކުރައްވަނީ ހަމަ އެވިދާޅު އެޖެންޑާ ގައި އޮތް ގޮތަށް ކަމަށްވާނަމަ މިއަދު އެވިދާޅުވި ހެޔޮބަދަލުތަކާއި އިސްލާހުތައް ރަނުން ރަނަށް ފުއްދަވާ މަންޒަރު ކިތަންމެހަވެސް ރަނގަޅަށް އެދަނީ ފެންނަމުންނެވެ. އިންސާފުވެރިކަމާއި ހަމަހަމަކަމާއިއެކު ބާރުތައް އެކަށައަޅުއްވަމުންދާތަން އެދަނީ އަމަލާއި ބަހުން ދައްކަވަމުންނެވެ.

ފަނޑިޔާރުގޭގެ މައްސަލަތައް ބެލުމަށާއި، ފިޔަވަޅު އަޅައި އިންސާފުހޯދުމަށް އެކުލަވާލާފައިވާ ޖޭއެސްސީގައި މިއަދު އެތިއްބެވީ ރައީސް ނަޝީދާއި، ނަޝީދުގެ ޤާނޫނީ ވަކީލުންނާއި، އެމްޑީޕީގެ އިސް އެކްޓިވިސްޓުންނެވެ. ޖޭއެސްސީގެ އެންމެ އިސް ހަރަކާތްތެރިއަކީ އެންމެ ބޮޑަށް ޖުޑިޝަރީއަށް ފާޑުވިދާޅުވި އެމްޑީޕީގެ މަޖިލިސް މެމްބަރު ހިސާން ހުސެއިންނެވެ. ނަން ނުދެންނެވިޔަސް ދެން ވެސް ތިއްބެވީ މި ލިސްޓުގެ އެންމެ ކުރީގައި އޭރު ކަންކަން އިސްލާހު ކުރައްވަން އަތުކުރިއައި ފައިކުރިވެސް އޮޅާ ލައްވައިގެން ނުކުމެ ވަޑައިގެން ވަރަށް ވެސް ހަރަކާތްތެރިކޮށް އުޅުއްވި ބޭބޭފުޅުންނެވެ.

ޖޭއެސްސީ އޭރުއެކުލެވިފައިވާގޮތުން އިންސާފު ނުލިބިގެން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރައްވަން އެންމެ ބާރަށް ވަކާލާތު ކުރައްވައި އަޑު އުފުއްލެވި ބޭފުޅުން މުއަދު އެތިއްބެވީ ޖޭއެސްސީގެ ތެރޭގައެވެ. މިއަދު ވެސް އަދިވެސް އޮތީ ހަމަ އޭރު ޖޭއެސްސީ އެކުލެވިފައި އޮތް ގޮތަށެވެ. ބަދަލުވީ އެތަނުގައި ތިއްބެވި މޫނުތަކެވެ. ބޭފުޅުންނެވެ. އޭރުގައި އެބޭފުޅުން ވިދާޅުވެފައި ހުރި ބަސްތައް މިހާރު އަޑުއަހާލުމުން ކުޑަކޮށް ލަދުގަންނަ ގޮތްވެއެވެ. އެއީ މައްސަލައެއް ނޫނެވެ. މިދައްކަނީ ސިޔާސީ ބޭފުޅުން ތަކެއް ސިޔާސީ ގޮތުން ދެއްކެވި ވަހަކަ ތަކެއްގެ ވާހަކައެވެ. ސިޔާސީ ބޭފުޅުންގެ ވާހަކަތައް މާބޮޑަށް އަދި ވެސް ގަބޫލުކުރެވެނީއެވެ. ގޯހީ އެވާހަކަތައް އަޑު އަހައި ގަބޫލުކޮށް ބަލައިގަތް ރައްޔިތުންނެވެ.

އެޖެންޑާ19 ގައި ލިޔެފައިވަނީ އިންސާފުވެރިކަމާއި ހަމަހަމަ ކަމާއިއެކު ފަނޑިޔާރުންގެ މައްސަލަތައް ބެލޭނެ ޖުޑިޝަލް ސާވިސް ކޮމިޝަނެއް އެކުލަވާލަންޖެހޭނެކަމަށެވެ. މިއަދު ކޮމިޝަންގެ މެޖޯރިޓީ އޮތީ އެޖެންޑާ19 ގެ ސިޔާސީ ފިކުރުގެ މައްޗަށެވެ. އިންސާފުހޯދައިދޭން ދައުލަތުން އިންސާފާއިއެކު ދައުވާކޮށް ވަކާލާތުކުރާ އިސްވަކީލަކީ މިހާރުވެސް ހިންގަމުންދާ އެންމެބޮޑެތި މައްސަލަ ތަކުގައި ވަކާލާތުކުރައްވައި އުޅުއްވި ވަކީލެކެވެ. ބޮޑުޚިޔާނަތުގެ އިސްބައިވެރިއެއްގެ ދިފާއީ ވަކީލެއްވެސްމެއެވެ. އެމްޑީޕީގެ އިންސާފުގެ ދަތުރުގެ ވެސް ބައިވެރިއެކެވެ.

ރާއްޖޭގައި ހިނގާ ޝަރީއަތްތަކާއި ބަލާ މައްސަލަތަކުގައި އެންމެ ފަހުބަސް ބުނާ ފަރާތަކީ ސްޕްރީމްކޯޓެވެ. އިއްޔެ ސްޕްރީމްކޯޓު އެކުލެވިފައި އޮތް ގޮތާއި، ސްޕްރީމްކޯޓުގައި ތިއްބެވި ފަޑިޔާރުންގެ އިންސާފު ނެތިގެން، ގޯސްވެގެން ގެނައި ފަޑިޔާރުންނަކީ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެ، މަޖިލިސް ކެމްޕެއިންގައިވެސް ހަރަކާތްތެރިވެފައި ނުވާ އިންސާފުވެރި ފަޑިޔާރުން ކަމަށް ވާނަމަ ދެން ދަންނަވާނެ އެއްޗެއް ނެތެވެ. އެޖެންޑާ 19 ގެ ދަށުން އެކުލަވާލާ ފަނޑިޔާރުގެތަކަށް ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރަން ތިބީ އެބޭފުޅުންގެ އެޖެންޑާ 19 ގައި އޮތް ފަދަ މިނިވަން، ނުފޫޒެއް ނެތް ބަޔަކު ކަމަށް ވާނަމަ ކިތަންމެ ހާވެސް ރަނގަޅެވެ. އެހެން ވިއްޔާ އިންސާފު ލިބޭނެކަން ކަށަވަރުވާނެއެވެ.

ދައުލަތުގެ 3 ބާރަކީ އެއްބާރުން އަނެއްބާރަށް ނުފޫޒާއި، ބާރު ނުފޯރުވައި މިނިވަންކަމާއިއެކު ހިނގަންޖެހޭ ބާރުތަކެއްކަން ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. ނަމަވެސް މިއަދު ކަންކަން ހިނގަމުންދާ ތަން މިފެންނަނީ ހަމަ އެގޮތަށް ތޯއެވެ؟ އެބޭފުޅުން ވިއްކެވި އެޖެންޑާ 19 ގައި އޮތް ގޮތަށް މިކަން ހިނގާތަން ރައްޔިތުންނަށް ނުފެނިގެން މިއުޅެނީ ކީއްވެގެން ބާވައެވެ؟ ރައްޔިތުން ބުނަނީ މިއަދު ޝަރީއަތް ކުރަނީވެސް އެޖެންޑާ 19ގައި އެބުނާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. ދައުލަތް ހިންގާ ގޮތް ކިޔައިދޭތަންވެސް މިފެންނަނީ މަޖިލީހުން ކަމަށެވެ. ތަޙްޤީޤުތަކާއި، ހުކުމްކުރުމާއި، ރަޢުޔުނެރޭތަނަކަށްވެސް ވެފައި މިވަނީ މަޖިލިސް ކަމަށެވެ. އެއީ އެޖެންޑާ 19 ގައި އޮތްގޮތް ކަމާއިމެދު ރައްޔިތުން ސުވާލު އުފައްދަނީ ހަގީގަތުގައިވެސް އޭގައި އެއްޗެއް ރޯ ނުބައިކޮށް ލިޔެވިފައި އޮތީމައެވެ.

އެޖެންޑާ19 ގެ ދަށުން މިއަދު ތަންފީޒުކުރަމުންދާ ކަންކަން ތަންފީޒުކުރަމުންދަނީ ލިޔެ ވައުދުވީގޮތަށް ކަމަށްވާނަމަ މިއަދު ކުރެވޭނެ އެއްވެސް ސުވާލެއްނެތެވެ. މިއަދު ފަޑިޔާރުންގެ މައްސަލަ ބެލުމުގައި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންގެ އަމިއްލަފުޅު އެއްވެސް އެދުންފުޅެއް އޮތް ކަމަކަށް ޝައްކު ކުރަނީއަކީ ނޫނެވެ. ޖޭއެސްސީގައި ދެންތިއްބެވި އެމްޑީޕީގެ އިސްފަރާތްތަކާއި، އަރިސް ބޭފުޅުންނާއިމެދު ޝައްކެއް އޮތީކީނޫނެވެ.

ޕީޖީގެ އިންސާފުވެރިކަމާއިމެދުވެސް ސުވާލު އުފައްދަނީއެއް ނޫނެވެ. ސްޕްރީމްކޯޓުގައި ހުސްނުއްސުއޫދު އިންނަވައިގެން އިންސާފު ނުލިބޭނެކަމަށްވެސް ޤަބޫލުކުރަނީކީ ނޫނެވެ. މަޖިލީހަށް ހުރިހާ ބާރެއް ނެގުމާއި ދައުލަތް ހިންގުމަކީ ކަޑަކަމެކޭވެސް ދަންނަވަނީކީ ނޫނެވެ. ވެރިކަމަށް ވަޑައިގެންނެވީ މިކަންކަން ހައްލުކޮށް މި އުސޫލުން ކަންކަން ކުރަންކަމުގައިވާނަމަ މިއަދު އިތުރަށް ކިޔާނެ ހަމަ އެކައްޗެއްވެސް ނެތެވެ.

ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިހާރު ސަރުކާރުގައި ތިއްބެވި އިސް ލީޑަރުން، ބޮޑު ކޯލިޝަނުން ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި ވައުދަކީ ގޯސްކޮށް ހިނގަމުންދިޔަ ހުރިހާކަމެއް ރަނގަޅުކުރާނެ ވާހަކައެވެ. ރައްޔިތުންނަށް އިންސާފާއި ހަމަކަމާއި ޚިދުމަތް ދިނުމުގައި ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނައްތާލާނެ ވާހަކައެވެ. މިއަދު ކަންތައްތައް ތިޔަ ގެންދަވަނީ ހަމަ އެޖެންޑާ19 ގައި އޮތްގޮތަށް ރަނުން ރަނަށް ކަމަށް ވާނަމަ ދަންނަވާނެ އެއްޗެއްނެތެވެ. މިއަދު ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ޖޭއެސްސީ މިހާރު ހިންގަނީ އެޖެންޑާ19 ގައި ލިޔެފައި އޮތްގޮތަށް ކަމަށް ވާނަމަ އެދަނީ، އެހިނގަނީ ހަމަ ރަނގަޅަށެވެ. ފަނޑިޔާރުގެ އޮތީ އެޖެންޑާ19ގައި އޮތްގޮތަަށްކަމަށް ވާނަމަ އުފައްދާނެ ސުވާލެއް ނެތެވެ. ޕީޖީ އެހުންނެވީ އެޖެންޑާ19ގެ ދަށުން ސީދާ އޮލަބަށް ކަމަށްވާނަމަ ދެން އެޖެންޑާ19ގެ އިންސާފާއިމެދު ސުވާލެއްނެތެވެ. މިނިވަން މުވައްސަސާތައް އެދަނީ އެޖެންޑާ19ގަ އޮތްގޮތަށް ރަނުން ރަނަށްކަމަށް ވަންޏާ އެއްވެސް ސުވާލެއް ޝައްކެއްނެތެވެ. މަޖިލިސް އެހިންގަނީ އެޖެންޑާ 19ގައި އޮތް ގޮތަށް ރަނުން ރަނަށް ކަމަށް ވަންޏާ ދެން އުފޭނެ ސުވާލެއް ދައްކާނެ ވާހަކަ އެއް އަމުދުން ނެތެވެ. ދެން ވެސް ގޮތް ނިންމާނީ ރައްޔިތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން