ހުޅުމާލޭގައި 3000 ޓަނުގެ ފެން ޕުލާންޓެއް ގާއިމް ކުރުމަަށް ނިންމާފައިވާ ކަމަަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ހުޅުމާލޭގައި ފެނުގެ ޚިދުމަތް މެދުނުކެނޑި ލިބޭގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި 3000 ޓަނުގެ ފެން ޕުުލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، މި ހިނގާ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުޅުމާލޭގެ ފެނުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ޝާހް ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކަން (ހުޅުމާލޭގައި މެދު ނުކެނޑި ފެނުގެ ޚިދުމަތް ދިނުމުގެ މައްސަލަ) އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ، 3000 ޓަނުގެ ޕުލާންޓެެއް ހުޅުމާލޭގައި އިންސްޓޯލްކޮށް އެ ނިމެނީ އޭގެ ފައިނަލް މަސައްކަތްތައް މިހާރު ކުރަމުންއެދަނީ،" ޝާޙް ވިދާޅުވިއެވެ.

މީގެ އިތުރުން ޝާޙް ވިދާޅުވީ، ހުޅުމާލެ އަށް އަންނަ ތަރައްގީއާއި އިތުރުކުރާ ކުންފުނިތަކުގެ ފުލެޓްތަކާއި އޮފީސް އިމާރަތްތަކާއި ފޭސް 2 އާއި ފޭސް 3 އާއި އެއްކޮށް މެދުނުކެނޑި ޚިދުމަތް ދިނުމަށް ފެނުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެމަސައްކަތް ކުރަން ބޭނުންވާ ބިން ހުޅުމާލޭގައި ލިބެން ނެތް ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ހުރި ފެން ހަދާ ފެކްޓަރީ ގުޅީފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޝާޙް ވިދާޅުވިއެވެ.

"އެމްޑަބުލިއުއެސްސީގެ ހުޅުމާލޭގައި ހުރި ފެން ހަދާ ފެކްޓަރީ އަޅުގަނޑުމެން މި ވިސްނަނީ ގުޅީފަޅަށް ބަދަލުކުރަން، ގުޅީފަޅަށް ބަދަލުކޮށްފައި އެތަނުން ލިބޭ ޖާގައިގައި އެމްޑަބުލިއުއެސްސީން ބޭނުންވަނީ ފެނުގެ ޚިދުމަތް ދިނުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަން، މާލޭގައި 13000 ޓަނުގެ ދެ ތާނގީ ޖެހުމުގެ މަސައްކަތް ވެސް އެބަކުރަން މީގެ ބޭނުމަކީ ރައްޔިތުންނަށް ހިތްހަމަޖެހިލައިގެން އަރާމުކަންމަތީގައި އަދި ކުޑަކޮށް ކަމެއް ދިމާވިޔަސް ފެނަށް ނުޖެހި އުޅެވޭގޮތް ހެދުން،"ޝާހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު