ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީނު އަބްދުލް ގައްޔޫމްގެ ކެންޑިޑެސީ މައްސަލައިގެ ހުކުމް ކުރުން މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ.

ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަަށް އިލެކްޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެން އެމައްސަލަ އެޕާޓީގެ ފަރާތުން ވަނީ ސްޕްރީމް ކޯޓަށް ހުށައަޅާފައެެވެ. އެމައްސަލަ އާއި ގުޅިގެން އެ ކޯޓުން އިއްޔެ ވަނީ ޝަރީއަތުގެ އަޑުއެހުމެއް ބާއްވައި އަޑުއެހުންތައް ނިއްމާލާފައެެވެެ.

ޢަޑުއެހުންތައް ނިންމާލައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ މައްސަލަ ނިންމެވުންކަމަށެވެ. މާދަމާ އެމައްސަލައިގެ ހުކުމް ކުރަން ސްޕްރީމް ކޯޓުގައި ތާވަލް ކުރި ނަމަވެސް ހުކުމް ކުރުމުގެ މަޖިލިސް ބާއްވާނެ ވަގުތެއް އަދި ސާފެއް ނުވެއެވެ.

ރައީސް ޔާމިންގެ ކެންޑިޑެސީ ފޯމް ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލުހުކުމާއި ގުޅިގެންނެެވެ. އެމައްސަލަ ޔާމިންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އަޑުއެހުންތައް ނިމި ހުކުމަކާއި ގާތްވެފައިވަނިކޮށް ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން އެމައްސަލައިގެ އަޑުއެހުންތައް ވަނީ މެދުކެނޑިފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމިނަށް ވާދަނުކުރެއްވޭ ހާލަތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ޕީޕިއެމުން މިހާރު ބުނަމުންދަނީ ޑރ.މުއިއްޒަކީ ޕްލޭން ސީ ކަމަށާއި އިންތިހާބުގައި ރައީސް ޔާމިނަށް ވާދަނުކުރެވޭ ހާލަތުގައި ޕީޕިއެމްގެ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ.

އެގޮތުން ޕީޕީއެމުން ވަނީ އެމައްސަލައިގައި ކޯޓުގެ ހުކުމް އަންނަގޮތަކުން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންފިނަމަ ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދަކުރުމުގެ ފުރުސަތު ދިނުމަށް ސްޕްރީމް ކޯޓުގައި އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު