ކާމިޔާބީގެ ހިއްސާދާރުންނަށްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ބައިއަތު ހިފުމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ގޮވާލައްވައިފިއެވެ.

ވ. ފުލިދޫގައި މިއަދު ހަވީރު ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ މިހާތަނަށް ކުރި ކެމްޕެއިން ދަތުުރުތަކުން އެނގުނީ ރައްޔިތުންގެ ތާއީދު ދުވަހަކަށް ވުރެ ދުވަހެއް ރައީސަށް އިތުރުވަމުންދާކަން ކަމަށެވެ.

އިމްރާން ވިދާޅުވީ, ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުން ވެރިކަަމަށް ކުރިމަތިލި ނަމަވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން ވެސް ރައީސަށް ތާއީދުކުރާނެ ކަމަށެވެެ. އިމްރާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނޫން ބޭފުޅެއް ވެރިކަމުގައި ހުންނެވި ނަމަ ކޯލިޝަނުގައި ތިބެ އެމަނިކުފާނާއި އެކުގައި ނެތް އެކަކު ވެސް ސަރުކާރުގައި މިހާރު ނުހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އެ ބޭފުޅުން މަޤާމުގައި ބޭތިއްބެވީ ރައީސްގެ އޯގާތެރިކަމުން ކަމަށް އިމްރާން ވިދާޅުވިއެވެ.



މިނިސްޓަރު އިމްރާން ވިދާޅުވީ މިހާރު އެ ބޭފުޅުން ކޯލިޝަން ހަދައިގެން ތިބި ޕާޓީން ކެންޑިޑޭޓުންގެ ގޮތުގައި ނުނިކުންނަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. އިމްރާން ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އަދިވެސް ވަގުތު އެބައޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ބައިއަތު ހިފުމަށް ގޮވާލައްވާފައެވެ.

އިމްރާން ވިދާޅުވީ އޭރުން ރައީސަށް ބައިއަތު ހިފާ ބޭފުޅުންގެ ހަގީގީ މަންޒިލަށް ރައީސާއެކު ދަތުރުކުރެވޭ ބޭފުޅުންނަށް ވާނެ ކަމަށާއި މިގައުމަށް ތަރައްގީއާއި ކުރިއެރުމާއި ކާމިޔާބީ ހޯދައިދެވޭނެ ހިއްސާދާރުންނަކީ އެމްޑީޕީގެ މެމްބަރުން ކަމަށް ވާނެ ކަމަށެވެ. އެހެންކަމުން އެކަމަށް ފެޔަށް ނުޖެހުމަށް އިމްރާން ވަނީ އެދިވަޑައިގެންފައެވެ.

އިމްރާން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި މިހާރު އޮތް ޖުމުހޫރީ ޕާޓީ އާއި އެމްއާރުއެމް އެމްޑީޕީއާއި ވަރަށް ކައިރިއަށް ޖެހޭ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބަށް އެޕާޓީތަކަށް މުޅިން ގޮތެއް ނިންމަން އުނދަގޫ ވެގެން އުޅެނީ ލީޑަރޝިޕްގެ ވިސްނުން ކުޑަކުޑަކޮށް ތަފާތުކޮށް އުޅޭތީ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުން މިއަދު މި ފަސް އަހަރު މިހާ އަމާންކޮށް މިދަނީ އަޅުގަނޑުމެން އެންމެން އެކުގައޭ، މިކަން އަޅުގަނޑުމެން ކުރިއަށް ގެންގޮސް ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ގެނެސްދޭށޭ، ތިބޭފުޅުންގެ އަތްމަތީގައި އެކަމަށް ޖާގަ އެބައޮތޭ، އެހެންވީމަ އަދިވެސް ވަރަށް ބޮޑު ޖާގައެއް އެބައޮތް މިމަހުގެ 23 ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލެވެނީ އޮގަސްޓް 7 ގައި ބަންދުކުރެވެނީ، އޭގެ ކުރިން ރަނގަޅު ވިސްނުމެއް ވިސްނަވާފައި އެކުގައި ގޮސް ވަރަށް ފަސޭހައިން މިކަން ނިންމާލުމުގައި އަދި ނިންމާލުމުގެ ބައިވެރިން ކަމުގައި ވުމަށް ހުރިހާ ބޭފުޅުން ވަޑައިގަންނަވާށޭ، އޭރުން އެއްބުރުން އަޅުގަނޑުމެން ކާމިޔާބުކޮށް ކުރިއަށް އޮތް ފަސް އަހަރަކީ ރާއްޖެއަށް ވަރަށް އުފާވެރި އަމާން ފަސް އަހަރަކަށް ހަދައި ނިންމާނަން،"އިމްރާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު