ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީ އަކީ ޗެލެންޖެއް ނޫންކަމަށާއި ޗެލެންޖަކަށްވާނީ ޕީޕީއެމް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވ އަދި މ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިޙު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަވެރި ދެ ޕާޓީއަކަށް ވާނީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް ކަމަށެެވެ. އަދި އިންތިޚާބުގައި ޑިމޮކްރެޓްސް އަކީ އެމްޑީޕީއަށް އޮތް ޗެލެންޖެއް ނޫން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އޭގެ ތަފާތެއް އައިއްސަ އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ، އެހެންވީމާ އަޅުގަނޑުމެންގެ ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން. އަޅުގަނޑުމެންގެ ޗެލެންޖަކީ ޕީޕީއެމް،" ރައީސް ސާލިޙު ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ ނަތީޖާ އޮތީ ފެންނަން ކަމަށެވެ. ރައީސް ވިދާޅުވީ ކުރީގައި އެމަނިކުފާނަށް ތާއީދުނުކުރާ ބައެއް ފަރާތްތަކުގެ ތާއީދު މިހާރު ލިބެމުންދާކަމަށެވެެ.

ރައީސް އިތުރަށް ވިދާޅުވީ މަސައްކަތްކުރަމުންދަނީ ގެއްލޭ ވޯޓުތައް އެހެން ގޮތްގޮތުން ހޯދުމަށްކަމަށެެވެ. ކެމްޕޭނުގައި ނިކުމެވަޑައިގެން ކުރަށްވާ މަސައްކަތުން އެވޯޓުތައް ލިބޭތަންވެސް ފެނިވަޑައިގަންނަވާކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު