ސަރުކާރުގެ ސަބްމެރިން ކޭބަލާއެކު އިންޓަނެޓްގެ އަގު އަދިވެސް ހެޔޮވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް" އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.

މި ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި މި ސަހަރައްދުގެ އެހެން ސަރަހައްދުތަކާވެސް ގުޅާލެވޭނެއެވެ. އަދި މި ކޭބަލްގެ ސަބަބުން މި މިސަރަހައްދުގެ ވިޔަފާރި ކުރިއަރައިގެންދާނެކަމަށާއި، މިއީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖެއިން ކުރާ މަސައްކަތައް ލިބިގެންދާ ކުރިއެރުމެއްކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ވ.ކެޔޮދޫގައި ކުރިއަށްގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސަބްމެރިން ކޭބަލްއާއެކު އިންޓަނެޓްގެ ޚިދުމަތްވެ އަވަސްވެ އަގުހެޔޮވާނެ ކަމަށާއި، މި ޚިދުމަތް ރައްޔިތުންނަށް ދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ސަބްމެރިން ކޭބަލާއެކު އިންޓަނެޓްގެ އަގުހެޔޮވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.



"އޮގަސްޓު މަހުގެ މެދުތެރޭގައި ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އެއަޅާ ކަބްސީ ކޭބަލް ރާއްޖެއާ އެއްގޮތް ކުރެވިގެންދާނެ. ނަތީޖާއަކަށްވެގެންދާނީ މިހާރު އަޅުގަނޑުމެންނަށް މި ލިބޭ އިންޓަނެޓްގެ ޚިދުމަތް އަގުހެޔޮވެ ހަލުވިވެގެން ދިއުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ސަބްމެރިން ކޭބަލެއް ސަރުކާރުން ގެނަޔަސް އިންޓަނެޓްގެ ޚިދުމަތުގެ ރީޓައިލް ވިޔަފާރިއަށް ސަރުކާރުން ނުވަންނާނެކަމަށެވެ. ނަމަވެސް ސަރުކާރުގެ ބޭނުމަކީ މިހާރު ވެސް އެ ޚިދުމަތް ދޭ ފަރާތްތަކާއި އަލުން އޭގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުންކަމަށެވެ.

ކެޔޮދޫގައި ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވަނީ 2018 ވަނަ އަހަރު ވީ ވައުދާ އެއްގޮތަށް އިންޓަނެޓްގެ ޚިދުމަތް އަގުހެޔޮ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިންޓަނެޓަށް ގެންނަ ތަރައްޤީއާއެކު ކުދި ރަށްތަކަށް ޚިދުމަތް ހޯދުމަށް ފަސޭހަވެ ލުއިތައް ލިބޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު