މި ދައުރުގައިވެސް ދިއްގަރުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކޮށްދެއްވާފައިވާކަމަށާއި، ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެއްޖެނަމަ ތަރައްޤީގެ އިތުރު މަޝްރޫޢުތައްވެސް އެ ރަށުގައި ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ދިއްގަރު ހަރުގޭގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ދިއްގަރު ރައްޔިތުން އެދެމުންދިޔައީ އުދައިން ރަށް ސަލާމަތްކުރުމަށާއި، ފުރިފައި އޮތް ބިން ކުޑަ ރަށް ހިއްކުމަށް ކަމަށެވެ. އަދި ކޯވިޑްގެ ދަތި އުނދަގޫ ހާލަތުގައިވެސް ރައްޔިތުން އެދުނު މަސައްކަތްތައް ފެށިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ދައުލަތުގެ ބަޖެޓުން 150 މިލިއަން ރުފިޔާ ދިއްގަރަށް ޚަރަދުކޮށްފިކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ދިއްގަރުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށެވެ. އެގޮތުން އަންނަމަހު ފެށިގެންދާނީ ބިން ހިއްކައި, ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަކާއެކުކަން ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްވެސް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.



"ދިއްގަރަށް ބޭނުންވާ ކަންކަން ކޮށްދީ ނިންމާނަން. މިރަށަށް ބޭނުންވެފަ ވަނީ ސިއްހީ ޚިދުމަތް ރަށުގަ ތިބެގެން ލިބުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގަ ޒަމާނީ ހޮސްޕިޓަލެއް އަޅާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާރުޓީއެލް ހިދުމަތް ދިއްގަރުގައި ފެށެންދެންވެސް ވަގުތީގޮތުން ލޯންޗް ފެރީގެ ޚިދުމަތް ފައްޓަވާނެކަމަށެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ މެނިފެސްޓޯގައި ދިއްގަރުގައި ފުލެޓް ނުވަތަ ރޯ ހައުސް އަޅަން ހިމަނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިއްގަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ އިތުރުން، ފަސޭހައިން ފައިސާނެގޭނެ ނިޒާމެއް ޤާއިމްކުރުމަށް އޭޓީއެމްގެ ޚިދުމަތްވެސް ވަރަށް އަވަހަށް އެ ރަށަށް ތައާރަފްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދައުރަށް އިންތިހާބުވެއްޖެނަމަ ދިއްގަރު މަގު ހެދުމުގެ މަސައްކަތްވެސް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު