މިއުޒިކު ކުޅުމާއި އެކްޓްކުރުމުގެ ދާއިރާގައި މަޝްހޫރުކަން ހޯދާފައިވާ ތުރުކީވިލާތުގެ އޮޒްކާން އުގުރް، އުމުރުން 69 އަހަރުގައި މިދުނިޔެއާއި ވަކިވެއްޖެއެވެ.

އޮޒްކާން މަޝްހޫރުވެފައިވަނީ އޭނާގެ ހުށަހެޅުންތަކުގައި ފެނިގެންދާ ހަކަތަޔާއި އުފާވެރިކަމާއި ހިނިތުންވުމުގެ ސަބަބުންނެވެ. އޮޒްކާން މިދުނިޔެއާއި ވަކިވީ، ކެންސަރު ބައްޔާއި ދެކޮޅަށް ކުރި ދިގު ޖިހާދެއްގެ ނިމުން މިއަދު ހެނދުނުގެ ވަގުތެއްގައި އައި ހިނދުގައިއެވެ.

އޮޒްކާން އުފަންވީ، ސަތާރަ އޮކްޓޯބަރު ނަވާރަ ސަތޭކަ ފަންސާސް ތިން ވަނަ އަހަރު ތުރުކީގެ އިސްތަންބޫލުގައިއެވެ. އިބްތިދާޢީ ތަޢުލީމުގެ ޙަޔާތް، އޮޒްކާން ފުރިހަމަކުރީ ރެސަތް ނޫރީ އެލެމެންޓްރީ ސްކޫލުގައިއެވެ. އޮޒްކާނަށް މެންޑޮލިން (ގިޓާ ފާޑުގެ ނަރުލީ އެއްޗެއް) އެނގުނީ މިސްކޫލުގައި ކިޔެވި ދުވަސްވަރުއެވެ.

ޘާނަވީ ތަޢުލީމުގެ ދުވަސްވަރު، ފެނަބާޗޭ ހައި ސްކޫލުގައި އޭނާ އުޅުނުއިރު، މިއުޒިކަށް ހިތުގައި ދެވުނު ލޯބި އިތުރުވިއެވެ. މިސްކޫލުގައި އުޅުނު އިރު، ނަމަކަށް، އެޓޮމިކްލަރ ކިޔާ މިއުޒިކު ގްރޫޕެއް އުފައްދާ، އެދުވަސްވަރުގެ މަގްބޫލު ލަވަތައް ކުޅެމުންދިޔައެވެ.

މަދްރަސީ ދައުރަށްފަހު، މިއުޒިކީ ޙަޔާތް އޭނާ ފެށީ 1970 ވަނަ އަހަރު ސެރިފް ޔުޒްބަސިއޮގްލު އޮކެސްޓްރްއާއެކުއެވެ. ހަމަ އެއަހަރު އޭނާ ބޭސް ގިޓާ ކުޅެންފެށިއެވެ. އެއީ އޭނާ ގުޅުނު ފުރަތަމަ ބޭންޑްކަމަށްވާ (ލަވާޕާޓީކަމަށްވާ) ކޭގިސިޒްލަރްގައިއެވެ. އެބޭންޑުގައި ދެން ހިމެނެނީ މަޒްހަރް އަލަންސަންއާއި ފުއާޓް ގުނަރެވެ.

ކޭގިސިޒްލަރު ބޭންޑު އުވުމާއި ގުޅިގެން، 1972 ގައި އޮޒްކާން ގުޅުނީ ފުންނާބުއުސް ފަންނުވެރިޔާ، ރޮކް ލަވަކިޔުންތެރިޔާ، ބަރިސް މަންކޯގެ ކުރްތަލަން އެކްސްޕްރެސް ބޭންޑާއިއެވެ. ދެއަހަރަށް ފަހު، 1974 ވަނަ އަހަރު މިބޭންޑާއި ވަކިވުމަށް ފަހު އޭނާވަނީ އަލްބަމެއް ނެރެފައިއެވެ. މިއަލްބަމް ނެރުނީ އޭނާގެ ދުވަސްވީ އެކުވެރިންކަމުގައިވާ މަޒްހަރް އަލަންސަނާއި ފުއާޓް ގުނަރާއިއެކުއެވެ. އަނެއްކާ 1976 ވަނަ އަހަރުވެސް ކުރު މުއްދަތަކަށް އޮޒްކާންވަނީ ކުރްތަލަން އެކްސްޕްރެސް ބޭންޑަށް ގިޓާ ކުޅެދީފައިއެވެ. އަދި އެބޭންޑުން 1978 ވަނަ އަހަރު އަނަޓޯލިއާއަށް ކުރި މިއުޒިކީ ދަތުރުގައިވެސް އޭނާވަނީ އެބޭންޑަށް ގިޓާ ކުޅެދީފައިއެވެ.

އޮޒްކާންގެ މިއުޒިކީ ޝަޚްޞިއްޔަތަކީ ދެވަނައެއްނުވާފަދަ ކުލަގަދަ، އޭގައި ވަރުގަދަ ޖާޒުބިއްޔަތެއް ހުރި ޞަޙްޞިއްޔަތެކެވެ. އަދި އޭނާ ހުށަހަޅައިދޭ ހުށަހަޅައިދުނުންތަކުގައިވަނީ ދިރުމެވެ.

އޮޒްކާނާއި އޭނާގެ މިތުރު ފުއާޓް ގުނަރު، ނަވާރަ ސަތޭކަ އަށްޑިހައިން ނަވާރަ ސަތޭކަ އަށްޑިހަ ތިނަކަށް، މަސައްކަތްކުރީ، މަޝްހޫރު އެކްޓަރ ފެރްހާން ސެންސޯއީގެ ޑްރާމާތަކުގައި މިއުޒިކުކުޅުންތެރިންގެ ގޮތުގައި އަދި އެކްޓަރުންގެ ގޮތުގައިއެވެ.

މިތިންމީހުން 1984 ވަނަ އަހަރު ނެރުނު ފުރަތަމަ އަލްބަމަށް ލިބުނު މަގުބޫލުކަމުގެ ސަބަބުން "އެމް.އެފް.އޯ ތިނެއްގެ" ނަމުން އެމީހުން މަޝްހޫރުވެގެން ދިޔައެވެ. އެމް.އެފް.އޯއަކީ މިތިން މީހުންގެ ނަން ފެށޭ އަކުރުތަކެވެ. މިތިން މީހުން މިޔަށް ފަހު، ޔޫރޯވިޒަން ލަވަ މުބާރާތުގައި، ދެފަހަރެއްގެ މަތިން ތުރުކީވިލާތް ތަމުސީލުކުރިއެވެ. މިމުބާރާތުގައި 1985 އަހަރު އެމީހުން ކީ ލަވަޔަކީ "ޑިޑާ ޑިޑާ ޑާ" އެވެ. ހަމަ މިމުބާރާތުގައި 1988 ވަނަ އަހު އެމީހުން ކީ ލަވަޔަކީ "ސޫފީ" އެވެ.

އެމް.އެފް.އޯގެ ގައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން 2019 ވަނަ އަހަރު ތުރުކީވިލާތުން، އެގްރޫޕަށްވަނީ ޘަގާފަތާއި ފަންނުގެ އެންމެ މަތީ އިނާމު، މިއުޒިކުގެ ދާއިރާއިން ދީފައެވެ.

މިއުޒިކުގެ އިތުރުން އޮޒްކާންވަނީ ޓީވީ ސީރީސްތަކުގައިވެސް ބައިވެރިވެފައިއެވެ. ފަންނުވެރިޔަކަށްވީތީ ގެންގުޅެންޖެހޭ ތިލަފަތްހަމަ ތަރާދެއް، އެދެދާއިރާގައި އޮޒްކާން ގެންގުޅުނެވެ.

އޮޒްކާން ކައިވެނީގެ ގޮތުން ގުޅުނީ ބޮލޭ ފަންނުވެރިޔާ އޭސުން އަސްލާންއާއިއެވެ. މިދެމަފިރިންނަށް ފިރިހެން ދަރިޔަކު ލިބިފައިވެއެވެ. އޭނާގެ ނަމަކީ އަލީސަންއެވެ.

އޮޒްކާންގެ ގައުމީ ޚިދުމަތްތައް ފާހަގުކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެއް މާދަމާނޫން އަނެއްދުވަހު ތުރުކީ ސަރުކާރުން ބާއްވާނެއެވެ. އޭނާގެ ޖަނާޒާގެ ކަންތައްތައްވެސް އޮންނާނީ ހަމަ އެދުވަހުއެވެ.

އޮޒްކާނާމެދު ތުރުކީ ބުނަމުންދަނީ އޭނާއަކީ ލާމަސީލު ޝަޚްޞިއްޔަތެއްގެ ވެރިޔެއްކަމަށާއި އޭނާގެ ސަބަބުން އެތައް ބަޔެއްގެ ހިތަށް ދިރުން ލިބިގެން ގޮސްފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން