ބޭންކް އޮފް މޯލްޑިވްސް މައި އޮފީސް އިމާރާތް
ބޭންކް އޮފް މޯލްޑިވްސް މައި އޮފީސް އިމާރާތް
ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވަބާއާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގެއްލުމަކީ އަދި އަރައިގަތުމަށް އުނދަގޫވާނެ އެންމެ ބޮޑު އަޑި ގަނޑަކީ އިޤްތިޞާދީ ގޮތުން ޤައުމަށް އަންނަ ލޮޅުމެވެ. މި ލޮޅުން ނާރާ ހަމަ އެއްވެސް ދާއިރާއެއް، ހަމަ އެއްވެސް ދިމާއެއް ނެތެވެ. އެންމެ ވަރުގަދަ ބޮޑެތި ވިޔަފާރިތަކުން ފެށިގެން އެންމެ އާދައިގެ މީހާގެ ޖީބަށްވެސް މިއަސަރު މިދަނީ ކުރަމުންނެވެ.

މުޅި ޤައުމުގެ ވިޔަފާރިތައް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ބުރިވެއްޖެއެވެ. ކޮރޯނާ ވައިރަހާއެކު ހުރިހާ ރިޒޯޓެއް އޮޓަމެޓިކުން ލޮކްޑައުންވީއެވެ. އާމްދަނީ ލިބޭން އޮތް ހުރިހާ މަގުތަކެއް ބަންދުވީއެވެ. ރާއްޖޭގެ މަސައްކަތްކުރާ އާބާދީގެ އެންމެ ގިނަ ބަޔަކު ބަރޯސާ ވެގެން ތިބީ ފަތުރުވެރިކަމަށެވެ. އެ ވިޔަފާރި ހުއްޓުމަކަށް އައުމާއެކު މިދެންނެވި ދާއިރާގައި މަސައްކަތް ކުރަމުން އައި ދިވެހީންގެ ވަޒީފާތައް ގެއްލުނީއެވެ.

މިއާއެކު މިއަދު ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި އިޤްތިޞާދީ އަޑިގަނޑުން އަރައިގަތުމަށް ނުވަތަ އެކަމުން ކުރާ އަސަރުތައް ކުޑަކުރުމަށް ހަރުދަނާ ވިސްނުންތެރި ފިޔަވަޅުތަކެއް އެޅުމެވެ. ރައްޔިތުން ހާސްވެ ގޮތް ހުސްނުވަނީސް އެ ރައްޔިތުންނަށް އުއްމީދުތަކެއް ދިނުމެވެ. ވިޔަފާރި ވެރިން އަތް އުރާ ނުލަނީސް އެމީހުންނަށް ކޮންމެވެސް ގޮތެއް ހޯދައި ދެވޭތޯ މަސައްކަތް ކުރުމެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިހަށް ދުވަހު ރައްޔިތުންނާ ކުރިމަތިލައްވައި އެއުއްމީދު ކިތަންމެ ހާވެސް ފުރިހަމައަކަށް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވި އުފާރި ޚަބަރުތަކުން، ކުރަހައި ދެއްވި ނަލަ ތަސްވީރުގެ ސަބަބުން ރައްޔިތުންގެ ހިތްތަކަށް އުއްމީދެއް ލިބިއްޖެއެވެ. ނިވެމުން ދިޔަ އުއްމީދުގެ ހުޅުކޮޅު ބޮޑުވެއްޖެއެވެ.

ރާއްޖެއަށް ކުރިމަތިވަމުން މިއަންނަ ޢިޤްތިޞާދީ ދަތި އުނދަގޫ ތަކުން ސަލާމަތްކޮށް ހައްލުތަކެއް ހޯދައިދިނުމަށް ސަރުކާރަށް އެންމެ ފުރަތަމަ އެޅޭން އޮތް ފިޔަވަޅަކީ ޤައުމުގެ ތެރެއިން ލިބެން ހުރި ހައްލުތަކެއް އަވަހަށް ހޯދައި ދިނުމެވެ. ސަރުކާރުން ޤައުމީ ބޭންކުގެ ދޮރުގައި ފުރަތަމަ ވެސް ޓަކި ދިނީ އެންމެ އަވަހަށް، އެންމެ ފަސޭހައިން އެކަމަށް ހައްލެއް ހޯދައިދެވޭނެ މަގަކުން ހިނގުމަށެވެ.



ދިވެހި ޤައުމީ ބޭންކް ނުވަތަ ބޭންކް އޮފް މޯލްޑިވްސްގެ ދޮރަކީ ރާއްޖޭގެ އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ ބޮޑެތި ވިޔާފާރިތަކުން ވެސް އެދޮރެއްގައި ޓަކި ޖަހައިގެން އެބޭންކަށް ވަދެ ތިބި ދޮރެވެ. އެހެންކަމުން އެބޭންކަށް ވަދެ ތިބި މިދެންނެވި ފަރާތްތަކަށް ލުއިތަކެއް ހޯދައި ދިނުމަކީ ސަރުކާރަށް މިވަގުތު އިހުތިޔާރު ކުރެވޭން އޮތް އެންމެ ފަސޭހަ ގޮތެވެ. އެންމެ އަވަސް ހައްލު ތަކެއް ހޯދައިދެވޭނީވެސް އެ ބޭންކުގެ ދޮރުގައި ޓަކި ޖަހައިގެން ކަމަށް ސަރުކާރަށް ވެސް ގަބޫލުކުރެވުނީއެވެ.

ސަރުކާރުން އެދުނީ އެބޭންކުން ދިވެހީން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ފަސޭހަ ގޮތްތަކެއް މިދަނޑިވަޅުގައި ހޯދައިދިނުމަށެވެ. އެގޮތުން މިދެންނެވި ލޯނުތައް ދެއްކުމަށް ހަމަސް ދުވަހުގެ ލުޔެއް ދިނުމަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ކުރިއަށް މިއޮތް ހަމަސް ދުވަހުގެ ތެރޭގައި ލޯނުތައް ނުދައްކައި ހަމަހުގެ މެދުކެނޑުމެއް ދިނުމަށެވެ. މި ހަމަސްދުވަސް ލޯނު ދެއްކުމުގެ މުއްދަތަށް އިތުރުކޮށްދީ އިތުރު ތަކުލީފެއް ނުޖެހޭ ގޮތަށް ކަންކަން ހަމަޖައްސައި ދިނުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިހަށްދުވަހު ދިވެހި ރައްޔިތުންނަށް، ދިވެހި ވިޔަފާރިތަކަށް ދެއްވި އެންމެ އުފާވެރި އެއް ޚަބަރަކީވެސް މިއެވެ. ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނުތައް ދެއްކުން ހަމަހަށް ފަސްކޮށްދެއްވި ވާހަކައެވެ. އެއަށްފަހު ލުއިތަކެއްވެސް ދެއްވި ވާހަކައެވެ. އެމަނިކުފާނު މި ވިދާޅުވި ލުއިތައް ގިނަ މީހުން މާނަކުރީ ވެސް ހަމަ ވަރަށް ލުއިކޮށެވެ. އެއްވެސް ބުރައެއް ފަހުންވެސް ނުޖެހޭނެ ގޮތަށް އިތުރު ބުރައެއް ކޮނޑުގައި އަޅަން ނުޖެހޭނެ ގޮތަށް ލޯނު ދެއްކުން ހަމަހަށް ފަސްކުރި ކަމަށެވެ.

އެކަމަކު ބޭންކުން މިކަން އިޢުލާން ކުރިއިރު މިއޮތީ ރައްޔިތުންނަށް ރައީސް ދެއްވި ލުއި މާނަ ކުރި ގޮތާއި މުޅިން ޚިލާފަށެވެ. ބޭންކުން އާންމުކޮށްފައިވާ ލިޔުން ބުނާ ގޮތުން ރައީސް އެވިދާޅުވާ ލުއި ދެއްވި ހަމަހަށް ވެސް ދީފައި އޮތީ ބޮޑު ބުރައެއް އުފުލާން ޖެހޭ ގޮތަށެވެ. ފަހުން ލޯނު ދައްކާއިރު އޭގެ ދެގުނަ ބުރަ ކޮނޑުގައި އެޅޭ ގޮތަށެވެ.

ބޭންކުން ބުނަނީ އެބުނާ ލޯނު ދެއްކުން ފަސްކުރި ހަމަސް ދުވަހަށްވެސް އެކިޔާ އިންޓްރެސްޓް އަރަމުން، ހިނގަމުން ދާނެ ކަމަށެވެ. މި ހަމަސް ދުވަހުގެ އިންޓްރެސްޓް ލޯނުގެ ނުދައްކައި އޮތް ބައިގެ ތެރެއަށް އެއްކުރެވޭނެ ކަމަށެވެ.

ހަގީގަތުގައި މިހާރު މިއޮތް ގޮތުން ދެއްވި ލުއިގެ ބޭނުން ކޮށްފިއްޔާ އަނެއްކާވެސް ދަރަނީގެ މައްޗަށް އިތުރު ދަރަންޏެއް އިތުރުވަނީއެވެ. މާނައަކީ 12 ޕަސެންޓް އިންޓްރެސްޓާ އެކު ލޯނު ނަގާފައިވާ މީހާގެ ލޯނުގެ ތެރެއަށް މި ދެންނެވި ލޯނު ނުދައްކާ ލުއި ހަމަހުގެ، ކޮންމެ މަހަކަށް ޖެހޭ 12 ޕަސެންޓް އިންޓްރަސްޓް އޭނާގެ ލޯނަށް އެއްކޮށް ދައްކަން ޖެހޭ އަދަދު އިތުރު ވުމެވެ. ނަމަވެސް އެބުނާ ލުޔަކީ ލޯނު ދެއްކުމަށް ހަމަސް ދުވަސް އިތުރަށް ލިބުން ކަމަށްވާނަމަ އެލުއި އެއޮތީ ދެވިފައެވެ.

އެހެންވީމާ ސަރުކާރުންނާއި ބޭންކުން މިދަނޑިވަޅުގައި ދިންކަމަށް އެބުނާ ލުއި މިއޮތީ ކޮންމެވެސް އެއްފަރާތަކަށް ގޯސްކޮށް މާނަކުރެވިފައެވެ. ނޫނީ ގަސްތުގައި ނުބައިކޮށް މާނަކޮށްފައެވެ. މީސް މީޑިއާގައި މިކަމާމެދު ކުރެވެމުންދާ ބަހުސަށް ބަލާއިރު އެއްބަޔަކު ބުނަނީ ސަރުކާރުން އެއޮތީ ލޯނުތައް ދައްކަން ހަމަސް ދުވަހުގެ ބޮޑު ލުޔެއް ދެއްވާފައި ކަމަށެވެ. އެހެންވީމާ ލޯނު ނަގައިގެން ގެދޮރު އިމާރާތްކޮށްގެން ކުއްޔަށްދީގެން ތިބި މީހުން މި ހަމަސް ދުވަހުގެ ކުލި ނަގާކަށް ނުޖެހެއެވެ. ނޫނީ މިލުއި ބޭނުން ކުރަންޏާ ކުލިން ބޮޑު ބައެއް މަޢާފުކޮށްދޭން ޖެހޭނެއެވެ. އެކަން އެގޮތަށް ނުކޮށްފިއްޔާ ސަރުކާރުގެ މި ލުއިގެ ތެރެއިން އެމީހަކަށް ލުއި ލިބިގެން ނުވާނެ ކަމަށެވެ.



މިކަމާއި ދެކޮޅަށް ބަހުސް ކުރާ ފަރާތްތަކުން ދައްކާ ހުއްޖަތް ތަކުގައި ވެސް ބުރަދަނެއް އެބަހުއްޓެވެ. އެމީހުންގެ އެންމެ ބޮޑު ޝަކުވާއަކީ މި ހަމަސްދުވަހުގެ ލުއި ބޭނުން ކޮށްފިއްޔާ ލޯނަށް އިތުރުވެގެންދާ އަދަދުގެ ވާހަކައެވެ. އެބައި ދެއްކުމުގެ ޒިންމާ މާދަމާވެސް ނަގަން ޖެހޭ ފަރާތަކީ ލޯނު ނަގާފައިވާ ފަރާތްކަމަށް ވުމެވެ. އެހެންވީމާ މިއަދު ކުލި ދައްކަން ލުއި ދީފިއްޔާ އެބުރަ ފަހުންވެސް ގޭގެ ވެރިފަރާތުން ނުވަތަ ލޯނު ނަގާފައިވާ ފަރާތުން އުފުލަން ޖެހޭ ވާހަކައެވެ.

އެހެންވީމާ މިއޮތީ ލުއި ދިނުމުގައާއި ލުއި ލިބުމަގައާއި އެ ލުޔަށް ޒިންމާ ވުމުގައިވެސް އޮޅުންތަކެއް އަރާފައެވެ. ނޫނީ ގަސްތުގައި އޮޅުވާލާފައެވެ. މިއީ މާ ދިގު ބަހުސެއް ނޫނީ މާބޮޑު ހޯދުންތަކެއް ހޯދައިގެން ހިސާބު ޖަހަން ޖެހޭ ކަމެއްނޫނެވެ. ސަރުކާރުން ވިދާޅުވީ ޤައުމީ ބޭންކުން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ވަރަށް ބޮޑު ލުޔެއް ދެއްވި ވާހަކައެވެ. އެބޭންކުންވެސް ބުނީ ސަރުކާރުން އެވިދާޅުވާ ލުއި ދެއްވި ވާހަކައެވެ.

އެކަމަކު ތަފާތަކީ އެބޭންކުން ލުއި ދެއްވި ގޮތެވެ. އެއީ ދެފަރާތުން ވާހަކަ ދެކެވި އެއްބަސްވި ގޮތް ކަމަށްވާނަމަ އެއޮތީ ދެފަރާތުން އެ ލުއި މާނަ ކުރި ގޮތް ހަމަ ރަނގަޅަށް ދިމާވެއެވެ. އެހެންވެއްޖެއްޔާ އެލުއި ދިން ގޮތް އޮޅިގެން މިއުޅެނީ ރައްޔިތުންނަށެވެ. ދެން ޖެހޭނީ އޮޅިގެން އުޅޭ ރައްޔިތުންނަށް އެކަން ރަނގަޅަށް ސާފުކޮށްދޭށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން