ނޫސްވެރިކަމުގެ މިނިވަންކަމާއި އަސާސީ ހައްގުތަކަށް ވަކާލާތުކުރުމުގައި އެންމެ ގަދައަށް އަޑުއުފުލާކަމަށް ވިދާޅުވެ، "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްކުރާ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންތަކަކަށް ނޫސްވެރިންގެ ސުވާލުތަކެއް ހަޖަމް ނުވެގެން، ފުރައްސާރަކޮށްފިއެވެ.

ނޫސްވެރިންނަށް ފުރައްސާރަކުރުމުގެ މިއަމަލު ހިންގާފައިވަނީ "ދަ ޑިމޮކްރެޓްސް"އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ ރައީސް ނަޝީދު އުފައްދަން މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް"އާއި ރައީސް ޔާމީންގެ ޕީޕީއެމްއާ ދެމެދު ބާއްވަމުންދާ މަޝްވަރާތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

ރައީސް ނަޝީދު އުފައްދަން މަސައްކަތްކުރާ ޕާޓީއާއެކު ޕީޕީއެމުން ބާއްވާ މަޝްވަރާތައް ފެށުމާއެކުވެސް ގިނަ ބަޔަކު ދިޔައީ އެކަމާއި ގުޅޭގޮތުން ސުވާލުކުރަމުންނެވެ. ރައްޔިތުން ސުވާލު އުފެދެންޖެހުނު މައިގަނޑު ސަބަބަކީ މީގެކުރިން ދުވަހަކުވެސް އެކުގައި މަސައްކަތްކޮށްފައި ނުވާ ސިޔާސީ ބަޔަކު އެއްކޮށް މަސައްކަތް ފެށުމެވެ.

ރައްޔިތުންގެ ގިނަ ސުވާލުތަކެއް މިކަމުގައި އޮތުމުން ނޫސްވެރިންގެ ޒިންމާއަކީވެސް އެ ރައްޔިތުން ބޭނުންވާ މައުލޫމާތުތައް ގެނެސްދިނުންކަމަށްވާތީ، ރައްޔިތުންގެ އެ ސުވާލުތައް ސިޔާސީ ބޭފުޅުންނާއި ހަމައަށް ރަސްމީކޮށް ގެންގޮސްދެނީ ނޫސްވެރިންނެވެ. ސިޔާސީ ބޭފުޅުން އެ ސުވާލަކަށް ދެއްވާ ޖަވާބު ރައްޔިތުންނާއި ހަމައަށް އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފޯރުކޮށްދެނީވެސް ނޫސްވެރިންނާއި މީޑިއާތަކުންނެވެ. ނޫސްވެރިން އަދާކުރަމުންދަނީ އެ ޒިންމާއެވެ.

މިއަދު ޕީޕީއެމާއި ނަޝީދު ޕާޓީން ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމުރު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންދިޔައިރު، އޭގެތެރެއިން ބައެއް ސުވާލުތަކާއި މެދު އެ ބޭފުޅުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭކަން ފާޅުކުރަށްވާފައެވެ.

ޕީޕީއެމްގެ ސެނެޓުގައި މަޝްވަރާނުކޮށް ދަ ޑިމޮކްރެޓްސްއާއެކު މަޝްވަރާކުރަމުންދަނީ ކީއްވެތޯ ސުވާލުކުރުމުން ޝުޖާއު ވިދާޅުވީ އެކަން ކުރިއަށްދަނީ ޕާޓީގެ ރައީސްގެ އިރުޝާދުގެ ދަށުންކަމަށެވެ. އަދި އެކަހަލަ ސުވާލުތައް ނޫސްވެރިން އުފައްދަނީ ރައީސް އޮފީހުން ސްޕޮންސަރ ދޭތީކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"އިބްރާހިމް މުހައްމަދު ސޯލިހު ކިހިނެއް ވެގެން މި އުޅެނީ ނޫސްވެރިންނަށް ސްޕޮންސާ ދީގެން ސުވާލު އުފައްދަނީ،" ޝުޖާއު ވިދާޅުވިއެވެ.

ޑިމޮކްރަސީއާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އެފަފަ އެހެން ހައްގުތަކަކީ ޕީޕީއެމްގެ ފިކުރިއްޔާތާއި މާބޮޑަށް ގުޅޭ ކަންކަމަށް ނުވިޔަސް، ރައީސް ނަޝީދާއި އެމަނިކުފާނު އަރިހުގައި އުޅުއްވާ ބޭފުޅުންނަކީ "ޑިމޮކްރަސީ"ގެ ޗެމްޕިއަނުންކަމަށް ދައުވާކުރާ ފަރާތްތަކަކަށްވާއިރު، އެ ބޭފުޅުންގެ ފަރާތުން މިފަދަ އަމަލެއް ފެނިދާނެކަމަށް ގިނަަ މީހުން އުއްމީދެއް ނުކުރެއެވެ. ޚާއްސަކޮށް އަމްރުފަދަ މަތީތަޢުލީމާ ތަޖުރިބާ ހާސިލުކޮށްގެން ހުންނެވި، އަދި އެމެރިކާގެ ލަސްވެގާސްފަދަ ތަހުޒީބީ މާހައުލުތަކުގެ ތަހުޒީބު ވިސްނުމުގެ ޒުވާނެއްގެ ފަރާތުން މިފަދަ ކަމެއް ފެނިދާނެކަމަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ. ނަމަވެސް ނޫސްވެރިންގެ ސުވާލުތަކަށް އަމްރު ޖަވާބު ދެއްވީ ހުދުމުހުތާރު ވެރިކަންކުރާ ވެރިޔަކާއި ސުވާލުކުރުމުން ޖަވާބު ދެއްވާފަދަ ހަރުކަށި ކަމާއެކުއެވެ.

އަމްރު އެހާބޮޑަށް ކޯފާވެ "ރޭރުވީ" މާ ބޮޑު ސުވާލެއް ކޮށްގެނެއްވެސް ނޫންކަން ފާހަގަކޮށްލެވެއެވެ. ނޫސްވެރިންގެ ސުވާލަކަށްވީ މިއޮތް ހުރިހާ ދުވަހު ރައީސް ޔާމީނަށް "ވަގަށް" ގޮވުމަށްފަހު އެމަނިކުފާނުގެ ޕާޓީއާއެކު ސިޔާސީ މަސައްކަތް ފެށީ ކީއްވެކަމާމެދު އުފެދޭ ސުވާލެވެ. އަދި ރައީސް ޔާމީނަކީ މިހާރު "ވަގެއް" ނޫންކަމަށް ދަ ޑިމޮކްރެޓްސްއިން ޤަބޫލުކުރަނީތޯވެސް ނޫސްވެރިން ސުވާލުކުރިއެވެ.

މިއީ ތަހުޒީބު މުޖްތަމައުތަކުގައި ނޫސްވެރިންގެ ފަރާތުން އަންނާނެ އާއްމު ސުވާލުތަކެކެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޮންމެވެސް އެއް ބައެއްގެ ރަނިން މޭޓަކަށް ވަޑައިގަންނަވާނެކަމަށް ބެލެވޭ އަމްުރަށް އެ ސުވާލުތަކަށް "ޑިޕްލޮމެޓިކް" ޖަވާބެއް ނުދެއްވުނުތާނގައި، ދެއްވި ޖަވާބުގެ ބަސްމަގު ހުރީ މެކްސިކޯ ނުވަަތަ ބްރެޒިލް ސަރަހައްދުގެ "ކާޓެލް"އެއްގެ ބޮޑަކާއި ސުވާލުކުރުމުން ޖަވާބުދެއްވާފަދަ މޭރުމަކާއި ބަހުރުވައަކުންނެވެ.

ވަރަށް ބޮޑަށް ކޯފާ އިސްކުރައްވަމުން އަތުގެ އިނގިލިތަކުން "އެ ލޯވަޅިން މި ލޯވަޅިން" ކުޅުއްވާ ޒާތަކަށް ހަރަކާތްތައް ބަހައްޓަވަމުން އަމްރު ވިދާޅުވީ ނޫސްވެރިން ސުވާލު ކުރަނީ ރައީސް އޮފީހުން ފައިސާދީފައި، އެ ސުވާލުތައް ކުރަން ބުނުމުންކަމަށެވެ. އަދި ވަކި ހިސާބަކުން އަމްރު އިތުރަށް ކޯފާވެ، މަޝްހޫރު "ގޮޑްފާދާރ" ފިލްމު ސީރީޒްގައި އުޅޭ "ޑޮން" ނުވަތަ ގޭންގު ލީޑަރުން މީހުންނާއި ދިމާލަށް އިނގިލި ދިއްކޮށްފައި ވާހަކަ ދައްކާ ސްޓައިލަށްވެސް އަމްުރު ވާހަކަދައްކަވަން ފެއްޓެވިއެވެ.

ނޫސްވެރިޔަކު ކުރި އާދައިގެ ސުވާލަކަށް ޖަވާބު ނުދެއްވާ އަމްުރު ދެން ވިދާޅުވީ މީހުން ގާތަށް މާބޮޑަށް "ހިނި އަންނާނެ" ޒާތުގެ ވާހަކައެކެވެ. އެއީ ސަރުކާރު ކުންފުނިތަކުން ނޫސްތަކަށް ފައިސާދޭ ވާހަކައެވެ.

"އަޅުގަނޑުމެން އެންމެންގެ ފައިސާ.. އެހެނެއް ނުބެހޭނެ. އެފައިސާ ނަގައިގެން އެ ބޭފުޅުން ބޭނުންފުޅުވާގޮތަށް ހެޑްލައިން ޖައްސަވަން ނޫޅުއްވާ،" އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން މިދިޔަ 4 އަހަރު މީޑިއާތަކަށް ފައިސާ ދެއްވި އަމްުރު ވިދާޅުވިއެވެ.

މީޑިއާތަކަށް ބަޔަކު ފައިސާ ދޭ ވާހަކަ ދައްކަން އަމްރަކީ އެންމެ ރަނގަޅު ބޭފުޅާތޯ މިއީ އޭނާ އަމިއްލަ ނަފްސާއި ކޮށްލަން ރަނގަޅު ސުވާލެކެވެ. އަމުރު އެވިދާޅުވާ ބީދައިން އަމުރުގެ ވެރިކަމުގައި ކިތައް މީޑިއާއަށް ކިތައް މިލިއަން ރުފިޔާދިންކަން އެސްޓީއޯގެ ހިސާބުތަކުންވެސް ދައްކާނެއެވެ. މީގެއިތުރުން ބައެއް މުއްސަނދި ބޭފުޅުންގެ އަމިއްލަ އުފަލަށް ބާއްވާ ހަރަކާތްތަކަށް ބޮޑެތި އަދަދުން އަމްރުގެ ނިންމެވުމަށް އެސްޓީއޯއިން ވަނީ ސްޕޮންސަރ ދީފައެވެ. ނަމަވެސް އެއީ ރައްޔިތުންގެ ފައިސާކަން އަމްުރަށް އޭރު އެނގިވަޑައި ނުގަތީކަމަށް ވެދާނެއެވެ.

ނަމަވެސް ސަރުކާރު ކުންފުންޏެއްގެ ވެރިޔަކަށް ހުންނައިވައިގެން މީޑިއާތަކަށް ސްޕޮންސަރ ދިނުމާއި، ވަޑައިގަންނަވާ ޓީވީ ޕްރޮގްރާމްތަކުގައި ކުރަންވީ ސުވާލުތައް ނޫސްވެރިންނަށް ދެއްވުމަށްފަހު، އެހެން މީހުންނާއި ދިމާލަށް އެކަހަލަ ވާހަކަ ގޮވުމަކީ "އެހާ ސަޅިކަމެއް ނޫން" ކަން އަމްރަށް އެނގިވަޑައި ނުގެންފާނެއެވެ. މީޑިއާގައި ވާހަކަދައްކަންޖެހޭ ގޮތާއި ވާހަކަ ދައްކަން ނުޖެހޭގޮތް ސިޔާސީ ޕޯޑިއަމްތަަކާއި ބައްދަލުވުން ތަކުގައި ވާހަކަ ދައްކަވާ ސިޔާސީ ބޭފުޅުންނަށް ނޭނގޭނަމަ، އެފަދަ ބޭފުޅުން މީޑިއާއާއި ދުރުގައި ގެންގުޅުމަކީވެސް ބައެއް ފަރާތްތަކުން ކުރާކަމެކެވެ.

ކުރަން އުޅޭ ސުވާލު ކުރީބައިގައި ނުބުނެ އަމްރާ ސުވާލެއް ކޮށްލުމުން ޖަވާބު ހުންނާނެ ގޮތް ވަރަށް ސާފުވެއްޖެއެވެ. އެންމެފަހުން މިފަދަ ކަމެއް ކުރީ ޗާގޯސް މައްސަލައިގައި އުޅުއްވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އަމުރު ފަދައިން މާބޮޑަށް އެނގިވަޑައިގެން ނޫސްވެރިންނާއި ދިމާކުރާ ޒާތަށް އެމަނިކުފާނު ވިދާޅުވީ އެންމެ ދެތިން ބަސްފުޅެކެވެ. އޭގެފަހުން ޗާގޯސްއާއެކު އެމަނިކުފާނުވެސް ދިވެހިންނަށް ގެއްލިއްޖެއެވެ.

ކުރިއަށް އޮތް ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަމްރުގެ ފަރާތުން ފެންނާނީ ކޮންކަހަލަ "ކެރެކްޓަރ"އެއްތޯ ބަަލަން ގިނަ ބަޔަކު އިންތިޒާރުގައި ތިބޭނެކަމަށް ބަލަމާ ހިނގާށެވެ. ނޫނީ މުނައްވަރު ފަދައިން އަމްރުވެސް ނޫސްވެރިންގެ ބައްދަލުވުންތަކަށް އަލްވަދާޢު ކިޔާނީ ކަންނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން