ހަމަގައިމުވެސް މީރު ކާނާގެ ބާވަތެއް ކާލުމަކީ ކޮންމެ މީހަކަށްވެސް ހިތްހަމަ ޖެހުން ގެނެސްދޭނެ ކަމެކެވެ. އަވަށްޓެރި އިންޑިއާގެ އުތުރާއި ދެކުނަށް ނަޒަރު ހިންގާލިޔަސް ތަފާތު އެކި ރަހަތަކުގެ މީރު ކެއުންތަކަކީ ބައިނަލްއަގުވާމީ ގޮތުންވެސް ގިނަބަޔަކު ފާހަގަކުރާ ކެއުންތަކެވެ.

އެގޮތުން އިންޑިއާގައި އެންމެ މަގުބޫލު ކެއުމުގެ ބާވަތްތަކަށް ނަޒަރު ހިންގާލިޔަސް ތަފާތު ވައްތަރުގެ ކެއުމުގެ ބާވަތްތައް ހިމެނިފައިވެއެވެ.

އިންޑިއާގައި އެންމެ މަގުބޫލު ހަތް ކެއުން:



ރާޖްމާ ޗާވަލް



އިންޑިއާގައި އެންމެ މަގުބޫލު އެއް ކެއުމުގެ ގޮތުގައި ފާހަގަކުރާ ރާޖްމާ ޗާވަލް އަކީ ރަތް ކިޑްނީ ބީންސް ރިހަ އާއި ބަތެވެ. މިކެއުމުގައި ރަތް ކިޑްނީ ބީންސް ރިހަ ތައްޔާރުކޮށްފައި ހުންނަނީ އިންޑިއާގެ އެކި ސްޕައިސް ބޭނުންކޮށް ހިކި ރިހަ ނޫނީ އޮލަކޮށް ރިހަ ހުންނަ ގޮތަށެވެ. މިއީ އިންޑިއާގެ ގިނަ ގޭގޭގައި އާންމު ކެއުމެކެވެ. މިކެއުމަށް ގިނަބަޔަކު އިންސާފު ކުރަނީ ކަރޑް އަދި ސެލެޑާއި އެކުއެވެ.

ޗޯލޭ ބަޓޫރޭ



އިންޑިއާގެ އުތުރުގެ ސަރަހައްދު ތަކަށް ހާއްސަ ޗޯލޭ ބަޓޫރޭއަކީ ގިނަބަޔަކަށް ކަަމުދާ ކެއުމުގެ ބާވަތެކެވެ. އިންޑިއާއަށް ޒިޔާރަތް ކުރާ ގިނަ ފަތުރުވެރިންނަށް ވެސް މިއީ ނިކަން ކަމުދާ ކެއުމުގެ ބާވަތެކެވެ. ޗޯލޭ ބަޓޫރޭގެ ތެރެއިން ޗޯލޭ އަކީ ސަނާ މުގުން ތައްޔާރުކޮށްފައި ހުންނަ ހިކި ރިހައެކެވެ. މިރިހަ އިންސާފު ކުރަނީ ބަޓޫރޭ ނުވަތަ ޕޫރީ އާއެކުއެވެ. މިއީ ތެލުލާފައި ހުންނަ ރޮޝީގެ ވައްތަރެކެވެ.

ލިއްޓީ ޗޯކާ



އިންޑިއާގެ ބިހާރުން މަޝްހޫރު މި ކެއުން ވަނީ އެތައް ބައެއްގެ ހިތްތަކުގައި ޖާގަ ހޯދާފައެވެ. މިކެއުމުގައި ހިމެނޭ ލިއްޓީ ތައްޔާރު ކުރަނީ ޒުވާރީ ފުށާއި، މުގުރި ސަނާމުގުގެ އިތުރުން ފިޔާ މިރުސް އަދި އެކި ސްޕައިސް އަދި ހަރބްސް ބޭނުންކޮށެވެ. ޗޮކާ ތައްޔާރުކުރުމަށް ފެނުކެއްކި އަލުވި، ބްރިންޖަލްސްގެ އިތުރުން ފިޔާ މިރުސް އަދި އެކި ސްޕައިސް އަދި ހަރބްސް އެއްކޮށް މޮޑެލުމުން ނިމުނީއެވެ.

ޑޯސާ



ދެކުނު އިންޑިއާގެ ކެއުމެއް ކަމަށްވާ ޑޯސާ އަކީ ފަރމެންޓް ކޮށްފައިވާ ހަނޑުލާއި މުގު ބޭނުންކޮށެވެ. މިއީ ތަރުކާރީ ރިހަ، ސަމްބާރ އަދި އެކި ކަހަލަ އިންޑިއަން ސޯސް ނުވަތަ ޗަޓްނީ އާއި އެކު އިންސާފުކުރާ ކެއުމުގެ ބާވަތެކެވެ. ޑޯސާގެ ތަފާތު ވައްތަރުތަކުގެ ތެރޭގައި މަސާލާ ޑޯސާ، ޕަނީރު ޑޯސާ، ބިސް ޑޯސާ އަކީވެސް ގިނަބަޔަކަށް ކަމުދާ ކެއުމެކެވެ. ޑޯސާގެ އެކި ބާވަތްތަކަކީ މިހާރު ދެކުނު އޭޝިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލު ކެއުމެކެވެ.

ބިރިޔާނީ



ބިރިޔާނީ އަކީ އިންޑިއާގެ ދެކުނުން މަޝްހޫރު ކެއުމެއް ނަމަވެސް އިންޑިއާގެ އެކި ކަންކޮޅުތަކުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިރިޔާނީ އަކީ މިހާރު ގިނަބަޔަކު އިންސާފު ކުރާ ކެއުމެކެވެ. ބިރިޔާނީ ތައްޔާރު ކުރަނީ އެކި ވައްތަރުގެ މަހުގެ ބާވަތްތަކާއި ތަރުކާރީ އަދި ބިހުންވެސް ބިރިޔާނީ ތައްޔާރުކުރެއެވެ. ބިރިޔާނީ އިންސާފު ކުރަނީ ކަރޑް ނުވަތަ ޔޯގަޓުން ތައްޔާރުކޮށްފައި ހުންނަ ރައިތާ އަދި ސެލެޑާއިއެކުއެވެ.

ބަޓަރ ޗިކަން



ހަމަ ގައިމުވެސް އިންޑިއާގައި އެންމެ މަގުބޫލު ކެއުންތަކުގެ ލިސްޓެއްގައި ބަޓަރ ޗިކަން ނެތްނަމަ ލިސްޓު ފުރިހަމަ ނުވާނެކަން ޔަގީނެވެ. ހިކިކޮށް ހަދާފައި ހުންނަ ކުކުޅު ރިހަ ނުވަތަ ބަޓަރ ޗިކަން އަކީ އެކި ސްޕައިސް ބޭނުންކޮށް ކްރީމީކޮށް ތައްޔާރުކުރާ ކެއުމުގެ ބާވަތެކެވެ. ބަޓަރ ޗިކަން އާއެކު ނާން، ފަރާޓާ އަދި ބަތަކީވެސް ކެއުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކެއުމުގެ ބާވަތްތަކެވެ.

މޯމޯ



ލިސްޓުގެ ފަހަތުގައި އޮތް ނަމަވެސް މޯމޯ އަކީ ލުއި ކާނާއެއްގެ ގޮތުގައި އެންމެންގެވެސް ފޭވަރިޓެކެވެ. މޮމޯސް އަކީ ހިމާލަޔާން ސަރަހައްދުން މަޝްހޫރު ވެގެންދިޔަ ތަރުކާރީގެ ބާވަތްތަކާއި މަހުގެ ބާވަތްތަކުން ތައްޔާރުކުރާ ފެނުކެއްކި ނުވަތަ ސްޓީމްކޮށް ތައްޔާރު ކުރާ ޑަމްޕްލިންގްސް ގެ ވައްތަރެކެވެ. މިއީ ޓިބެޓް، ނޭޕާލް، ބޫޓާން އަދި މިހާރު އިންޑިއާގައި ވެސް މަގުބޫލު ލުއި ކާނާއެކެވެ. މޯމޯސްގެ ތަފާތު ވައްތަރުތަކުގެ ތެރޭގައި ސްޓީމްޑް މޯމޯ، ފްރައިޑް މޯމޯ، ތަންދޫރީ މޯމޯ ފަދަ ވައްތަރުތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން