ރާއްޖޭގެ އެކި ހިސާބުތަކުން ރައްޔިތުން ދިރިއުޅެން ގޯތި ދެމުން ދިޔަނަމަވެސް މާލެ މީހުންނަށް މިއިން ޒަމާނަކު އަގަކާއި ނުލައި ގޯތި ދީފައެއް ނުވެއެވެ. ހުޅުމާލެ ހިއްކައިގެން ބިން ވިއްކިޔަސް، ދިރިއުޅެން ހިލޭ ގޯތި ދީފައެއް ނުވެއެވެ. މިއީ މާލެ ރައްޔިތުންގެ ޝަކުވާއެއްވެސްމެއެވެ. ރާއްޖޭގެ އެހެން ހިސާބުތަކުން ދިރިއުޅެން ގޯތިދޭއިރު މާލެ މީހުންނަށް ގޯތި ނުދޭތީ އެތައް ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

ގޯތި ނުދޭތީ ސުވާލު އުފައްދަންޖެހޭ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެއީ މާލޭ މީހުންނޭ ބުންޏަސް ދިރިއުޅޭނެ ރަނގަޅު، ތަނަވަސް ޖާގައެއް ނެތް މީހުން ބައިވަރު އުޅެއެވެ. އާއިލާތަކުން ކުދިކުދި ޖާގަތައް ފަޅިކޮށްގެން އުޅެނީ ވަރަށް ހާލުގައެވެ. ޑިއުޓީ ބަހާ އުސޫލުން ނިދާ މީހުން މަދެއް ނޫނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެވެ. އެ ޝަކުވާތަކަށް ޖުމްލަ ހައްލެއް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މާލެ މީހުންނަށް ގޯތި ދޭނެކަމާއި އެ މަނިކުފާނުގެ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ގޯތި ލިބޭ މީހުން ކަނޑައަޅުއްވައި، އެކަމާއި ގުޅޭ ލިޔުން ދެއްވާނެކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ. އަދި އޭގެފަހުން އެމަނިކުފާނު ވަނީ ގޯތި ދެއްވުމަށް ނިންމެވި އަދަދު އިތުރުކުރައްވައި، ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ގޯތި ދެއްވާނެކަމަށް ވިދާޅުވުމުން އެކަން ގަބޫލުކުރި މީހުންނަށްވުރެ ގިނައީ އެކަން ގަބޫލުނުކުރާ މީހުންނެވެ. އެއީ މިއިން ޒަމާނަކުވެސް މާލެއިން ހިލޭ ގޯތި ދީފައިނުވާތީއެވެ. މިދިޔަ ދައުރުތަކުގައި މާލެއަށް ނިސްބަތްވާ ބޭފުޅުން ވެރިކަން ކޮށްފައި ވަޑައިގެންނެވިއިރު ވެސް ގޯތި ދީފައެއް ނުވެއެވެ. ހަމައެކަނި ދިނީ ފްލެޓެވެ. އެވެސް ފައިސާ ދައްކާ އުސޫލުންނެވެ. ހިލޭ ގޯތި ދީފައި ނުވާތީ، ރައީސް ސާލިހުގެ ސަރުކާރުންވެސް ގޯތި ދޭނެކަމަށް ގިނަ ބަޔަކަށް ގަބޫލު ނުކުރެވުނީ އެފަދަ ސަބަބުތަކެއް ހުރުމުންނެވެ.

ކޮންމެއަކަސް ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް ގޯއްޗަށް އެދި ކުރިމަތިލުމަށް ފޯމް ހުށަހެޅުމަށް ހުޅުވާލިއެވެ. އެތައް ހާސް ބަޔަކު އެކަމަށް ކުރިމަތިލުމުން މާލެ މީހުން ގޯތި ބޭނުންވެފައި ހުރި މިންވަރު ހާމަވިއެވެ. އަދި އެކަމަށް އެދުމަށް އިންތިޒާމް ހަމަޖައްސާފައިވާ ކަމުގެ ފަސޭހަކަމަކީވެސް މީގެކުރިން މިފަދަ ކަމެއްގައި ފެނުނު މަންޒަރެއް ނޫނެވެ. ދުނިޔޭގެ ކޮންމެތާކު ކޮންމެ ވަގުތަކުވެސް ފޯމް ފުރާލާފައިވާ އޮންލައިން ކޮށް ހުށަހަޅަންވީއެވެ. އެގޮތުން ދުނިޔޭގެ 64 ގައުމަކުން އެކި ވަގުތުތަކުގައި ފޯމް ހުށަހަޅާފައި ހުއްޓެވެ.

ފޯމް ހުށަހެޅުމަށްފަހު އެ ފޯމްތައް ޗެކްކުރުމުގެ މަރުހަލާ ކުރިއަށްދިޔައިރުވެސް ގޯތި ދޭނެކަމާއިމެދު ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. އަދި އެއީ ނުވާނެކަމެއްކަމަށް ތަކުރާރުކޮށް ދިޔައީ ދައްކަމުންނެވެ. ނަމަވެސް ރައީސް ސާލީހު ދެއްވީ ޔަގީންކަމެވެ. އެ ޔަގީންކަމުގެ އުއްމީދުގައި އެތައް ބަޔަކު އިންތިޒާރުގައި ތިއްބާ، މުޅި ރާއްޖޭގެ ސަމާލުކަން އެކަމަކަށް އެ ދުވަހު ހުއްޓުނީ، މިމަހުގެ 26 ވަނަ ދުވަހު މާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓް ސަރުކާރުން އިއުލާންކުރެއްވުމުންނެވެ. 40 ވަރަކަށް އަހަރަށްފަހު ފުރަތަމަ ފަހަރަށް މާލެ މީހުންނަށް ހިލޭ ގޯތި ދިނީއެވެ. އެތައް ބަޔަކަށް މިއީ، އެ މީހުންގެ ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު އުފަލެވެ.

މާލެ މީހުންނަށް ގޯތި ދީފިއެވެ. ނަމަވެސް އެކަން ކޮށްދެއްވީ މާލެ ބޭފުޅެއް ނޫނެވެ. އެކަން މާލެ މީހުންނަށް ކޮށްދެއްވީ ފާދިއްޕޮޅު ހިންނަވަރުން މާލެ ވަޑައިގެން، ގައުމީ ހިދުމަތް ފައްޓަވައިގެން، އޭގެ އެތައް އަހަރެއް ފަހުން ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. މާލޭ މީހުން އެންމެ ބޭނުންވި ވައުދު އެ ފުއްދަވައިދެއްވީ، އެކަން ނުވާނެކަމަށް ބުނި މާލެ މީހުންނަށްވެސް ގޯތި ދެއްވުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން