2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ނިއްމަވާލެއްވީ އައްޑޫ ސިޓީންނެވެ. އައްޑޫ ސިޓީގެ ރައްޔިތުން، އައްޑޫ ސިޓީ ތަރައްޤީ ކުރަން ބޭނުންވާގޮތް ލިޔެފައި އޮތް ފޮތެއް އެ ދުވަހު އައްޑޫގެ މޭޔަރު ވަނީ އޭރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ އަތްޕުޅަށް އަރުއްވާފައެވެ. އެދުވަހު ރައްޔިތުން ރައީސާއި ހަމަޔަަށް ގެންނެވި ކަންކަމުގެ އަމަލީ މަސައްކަތްތައް ފެށި ރައްޔިތުންގެ އުއްމީދުތަކުގައި މިއަދު ވަނީ ހަގީގީ ކުލަ ޖެހެން ފަށާފައެވެ.

ރައީސް ސާލިޙު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އައްޑޫ ސިޓީއަށް ހާއްސަ ސަމާލުކަމެއް ދެއްވިކަން ހާމަވެގެންދަނީ މި ސަރުކާރުން އައްޑޫ ސިޓީގައި ހިންގަމުންދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުންނެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް އައްޑޫގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް 06 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން ސަރުކާރުގެ ތަފާސް ހިސާބުން އެހެރީ ފެންނާށެވެ.



ސިޔާސީ ގޮތުން ސަރުކާރާއި ކިތަންމެ ޚިޔާލު ތަފާތުވިއަސް އެ ހަގީގަތްތަކުގެ މައްޗަށް ފަސްއަޅައި ނުފޮރުވޭ ވަރަަށް އައްޑޫ ސިޓީ ތަރައްގީ އެވަނީ "މެކުހަށް" ޖަހާފައެވެ. އައްޑޫ ސިޓީގެ ބަލާލި ކޮންމެ ދިމާލަކުން ފެންނަމުންދާ "ބޮޑު މަންޒަރު" ވަރަށް ސާފެވެ. އެއްވެސް މީހަކަށް އައްޑޫ ސިޓީ އަށް އަންނަ ތަރައްގީ އަށް ދެކޮޅު ހެދޭކަށް ނެތެވެ. އެވާހަކަ ދެއްކިޔަސް އެކަން އައްޑޫގެ ރައްޔިތުން ގަބޫލުކުރާނެ ހެނެއް ހިޔެއްނުވެއެެވެ. އައްޑޫ ސިޓީގެ ތަރައްގީ ރައްޔިތުން ވަނީ "ލޮލުން ދެކެ އަތުން ހިފާފަ" އެވެ.



އައްޑު އަތޮޅު މީދޫއަށް އުފަން މުޙައްމަދު ޖަމްޝީދު ނުވަތަ ޖަންބެ އަކީ އައްޑުއަތޮޅުގެ ޓޫރިޒަމް ޕްރޮމޯޓް "ވިޒިޓް އައްޑޫ" ނަމުގައި ދެ ފޭސްބުކް ޕޭޖެއް ހަދައި ޝޯޝަލް މީޑިޔާގައި އައްޑޫ ސިޓީ ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ފަރާތެކެެވެ. އެމަސައްކަތުގެ ތެރެއިން "އައްޑޫގެ ހާލަތު" މި ނަމުގައި ޖަންބެ ފޭސްބުކް ޕޭޖެއް ވެސް ހެދިއެެވެ. ބޭނުމަކީ އައްޑޫގެ ހާލަތު ރައްޔިތުންނާއި ހަމަޔަށް ގެނެސްދިނުމާއި ތަރައްގީގެ މަޝްރޫއުތައް ހިނގާ ނުހިނގާ ގޮތް ރައްޔިތުންނާއި ހަމަޔަށް ތިލަކޮށްދިނުމެވެ.

އެގޮތުން ޝައުގުވެރި ވީޑިއޯ ތަކާއި ފޮޓޯތަކުގެ ޒަރިއްޔާ އިން އައްޑޫގެ ހާލަތު ޖަންބެ މެދު ނުކެނޑި ގެނެސްދެމުންދިޔައެވެ. ރައްޔިތުން އެކަން ބަލައިގަތެވެ. އެކަން ހާމަވަނީ އޭނާގެ ފުލޯވާރސްގެ އަދަދުންނެވެެ.

ޖަންބެ އަކީ އަބަދުވެސް ކަމުގެ ހަގީގަތާއި އެއްގޮތަށް ވާހަކަ ދައްކަވާ ބޭފުޅެކެެވެ. އެކަން އޭނާގެ ފޭސްބުކް ޕޭޖަށް އެކަނި ބަލާލުމުން ވެސް އެނގެއެވެ. އޭނާ ފޭސްބުކްގައި ފާޅުކޮށްފައިވާ ޚިޔާލުތަކުން ފެންނަނީ ބިނާކުރަނިވި ފާޑުކިޔުންތަކެވެ. ސީދާ މައްސަލަ އަށް ވާހަކަ ދައްކައި ފާޅުކޮށްފައިވާ ޝުއޫރުތަކާއި ޚިޔާލުތަކެވެ. ސަރުކާރުން ވެސް އިދިކޮޅުން ވެސް އެއްކޮޅުން ވެސް އޭނާ އަށް ގަބޫލުނުކުރެވޭ ކަމެއް ކޮށްފިނަމަ ފާޅުގައި އެކަމާ ދެކޮޅު ހަދައެވެ. ހައްގު ބަސް ބުނުމުގައި އޭނާ ފަހަކަށް ނުޖެހެއެވެ. ސަރުކާރަށް ވެސް ފާޑުކިޔަން ޖެހޭ ތަންތަނުގައި ފާޑުކިޔައި އައްޑޫ އަށް ސަރުކާރުން ކަމެއްގައި އިހުމާލުވެއްޖެނަމަ އެވާހަކަ އެންމެ ފުރަތަމަ ދައްކާ މީހުންގެ ތެރޭގައި ޖަންބެ ހިމެނެއެވެ.

އެގޮތުން ދާދިފަހުން ދިމާވި ކަމެއް ޖަންބެ "ރަސް އޮންލައިން" އާއި ހިއްސާކުރިއެވެ. މަޖިލީހުގެ ޖަލްސާ އެއް އެޖެންޑާ ކުރުމަަށްފަހު ރިޔާސަތަށް ވަޑައިނުގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ކުޑަ ދަށުގައި ޑިމޮކްރަޓުންނާއެކު އިން ފޮޓޯ އަކާއި އެކަން ޖަންބެ ޝޯޝަލް މީޑިޔާގައި ހިއްސާކުރުމުން އޭނާ އަށް އަމާޒުވީ ނަޝީދަށް ތާއިދު ކުރާ މީހުންގެ ވަރަށް ހުތުރުކޮށް ހަޑިކޮށް ފާޑުކިޔައި ރައްދު ތަކެވެ.

އެހެންނަމަވެސް އޭނާ ހުރީ "ހަތިޔާރު ބަހައްޓާފައި އަމާން ދޭގޮތަކަށް ނޫނެވެ." އެ އަމަލުތަކާއި ހެދި ޖަންބެގެ ޚިޔާލު ބަދަލުވެ އެކަމާ ދެކޮޅަށް ތެދުވުމުގެ ރޫޙު އަށަގަނެ ހިތްވަރު އާލާވީއެވެެ. ފެންނަ ކަންތައްތައް ނުފެންނަ ކަންކަމަށް ހަދައިގެން ހުރުން އެއީ އޭނާ އަށް ފަސޭހަކަމަށްވެސް ނުވާތީއެެވެ. އެގޮތުން އައްޑޫ އަށް އަންނަ ތަރައްގީ ހަމަލޮލުން ފެނުމާއެކު އުމުރުން 40 ގެ އަހަރުތަައް މިހާރު ގުނަމުންދާ ޖަންބެގެ ތާއިދު ސަރުކާރަށް ނުދެވޭ ގޮތެއް ނުވިއެެވެ.

ކޮވިޑާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި ދަތި އުނދަގޫ ދަނޑިވަޅުގައި އައްޑޫގެ ޕްރޮޖެކްޓްތައް ވެސް ލަސްވެގެން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ މީހުންގެ ތެރޭގައި ޖަންބެ ހިމެނެއެވެ. އެހެނަސް މިއަދު އެ ހާލަތު މިވަނީ ބަދަލުވެފައެވެ. ގައުމު އާންމު ހާލަތަށް ރުޖޫޢަވެ އައްޑޫގެ ތަރައްގީގެ ޕްރޮޖެކްޓްތައް މިއިން ޒަމާނަކު ވެސް ކުރިއަށް ނުދާ ބާރު ސްޕީޑްގައި ކުރިއަށްދާކަން ގަބޫލުކުރަން ޖަންބެ އަށް ވެސް އެންމެ ފަހުން މަޖުބޫރުވީއެެވެ.



ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް އެދަނީ ބާރަށް ކުރިއަށެވެ. އައްޑޫގެ މަގުތައް ހެދުމަށް ދައުލަތުގެ ބަޖެޓުން 1.3 ބިލިއަން ރުފިޔާ ޚަރަދުކުރާއިރު އެމަޝްރޫއުގެ ދަށުން 207.7 ކިލޯ މީޓަރުގެ މަގު ހަދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޒަމާނީ ފެންވަރަށް ތާރު އަޅައިގެން މަގުތައް ހަދާއިރު އެ މަޝްރޫއު ނިމޭއިރު އަސާސީ އެތައް ބޭނުންތަކެއް ފުދިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ދެން އޮތީ އައްޑޫ ސިޓީ ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީގެ މަޝްރޫއުގެ ވާހަކައެެވެ. ‏މިއީ ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު، އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭގޮތަށް ތަރައްޤީ ކުރެވޭ ބައިނަލްއަޤްވާމީ އެއަރޕޯޓެކެވެ. އެ އެއަރޕޯޓާއެކު އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއަރައި އައްޑޫގެ އިގްތިސާދީ ހަރަކާތްތައް އިތުރުވެ އެ ސިޓީގެ އިގްތިސާދަށް ހީވެސް ނުކުރާހާ ބޮޑު ކުރިއެެރުމެއް ލިބިގެންދާނެ އެވެ.

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވަރުގަދަ ސަޕޯޓަރެއްގެ ގޮތުގައި މީގެކުރިން ފާހަގަކުރެވޭ ޖަންބެއަށް، ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން، ޗާޓުން ބޭރުވެ ލިމިޓުން ބޭރުވެގެންދިޔުން ޖަންބެއަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވުނެވެ. ޖަންބެ ސާބިތުކޮށްދިނީ އޭނާ އަކީ އެއްވެސް މީހެއްގެ އަޅެއް ނޫންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން