ގޮތްދޫކުރަށްވައި އެމްޑީޕީއާ އެއްސަފަށް ވަޑައިގެން ސިޔާސީ މަސައްކަތް ކުރެއްވުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކް (މޫކޭ) ރައީސް ނަޝީދަށް ގޮވާލަށްވައިފިއެވެ.

މޫކޭ މިމޭރުމުން ރައީސް ނަޝީދަށް ގޮވާލައްވާފައިވާއިރު މިހާރުވެސް ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް އެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބިވަޑައިގަތް ނާކާމިޔާބަށްފަހު ރައީސް ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުމުގެ" ނަމުގައި ޕާޓީގެ އެތެރޭގައި ވަކި ފެކްޝަނެއް އުފައްދަވައިގެން ސިޔާސީ މަސައްކަތްތަކެއް ކުރަށްވަމުންނެވެ. އަދި މިއަދު ރައީސް ނަޝީދުވަނީ އެމްޑީޕީން ރައީސް ޞާލިޙް ވަކިކުރަންޖެހޭ ކަމަށްވެސް ވިދާޅުވެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ، 2019ގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގެ ތެރޭގައި ހިނގައިދިޔަ ބައެއް މައްސަލަތައް ފެންމަތި ކުރެއްވުމަށް ފަހުއެވެ. ނަމަވެސް މޫކޭ ވިދާޅުވީ އެމްޑީޕީއަށް ބައެއް ގޮނޑިތައް ގެއްލުމުގެ އަޑީގައި ހުންނެވީ ރައީސް ނަޝީދު ކަމަށެވެ.

ރައީސް ޞާލިޙް އެމްޑީޕީން ވަކިކުރުމަށް ރައީސް ނަޝީދު ގޮވާލެއްވުމާ ގުޅިގެން މޫކޭ ވިދާޅުވީ، 2019ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށް ދިޔައިރު އެމްޑީޕީ އޮތީ ރައީސް ނަޝީދުގެ ފުރިހަމަ ކޮންޓްރޯގެ ދަށުގައި ކަމަށެވެ. އަދި އޭރު ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގައި ތިއްބެވީ މިއަދު ފިކުރެއްގެ ދިރުމުގައި އިސްކޮށް އުޅުއްވާ ރައީސް ނަޝީދުގެ އަރިސް ބޭފުޅުންކަމަށް މޫކޭ ވިދާޅުވިއެވެ.

"ކިތަންމެ ދާއިރާއެއްގެ ގޮނޑި ގެއްލުމުގެ އަޑީގައި ހުންނެވީ މަނިކުފާނު. ދެންވެސް ގޮތްދޫކުރަށްވައި ޕާޓީއާ އެއްސަފަށް ވަޑައިގަންނަވާ." މޫކޭ ވިދާޅުވެފައިވެއެވެ.



2019ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. އަދި އޭގެފަހުން ބޭއްވި މަޖިލީހުގެ 2 ބައި-އިލެކްޝަންވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ. ހަމަ އެއާއެކު މަޖިލީހުގައި ތިއްބެވި 2 މެންބަރަކުވެސް މިހާރުވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު