ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "ކޭޕާކް ރެސިޑެންސް"ގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ އާބަންކޯގެ މުވައްޒަފެއް ސަސްޕެންޑް ކޮށްފިއެވެ.

ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހަންބޯ ޓެކް ކުންފުނިން އަރބަންކޯއަށް މައްސަލަތަކެއް ހުށައެޅުމުން އެކުންފުނިން ވަނީ އެމައްސަލަ ފުލުހުންނަށް ހުށައަޅާފައެވެ. އެމައްސަލަ ފުލުހުންނަށް ހުށައެޅުމާއި ގުޅިގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންގެ އެދުމަށް ކޯޓުން އަމުރު ނެރެ މިހާތަނަށް 3 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭޕާކުން 110 އެޕާޓްމަންޓް ތަރައްޤީކުރާއިރު، އެއަށްވުރެ އިތުރަށް 60 އެޕާޓްމަންޓް ވަނީ ވިއްކާފައެވެ.

އާބަންކޯ އިން މިއަދު ބުނީ، އެ ކޯޕަރޭޝަންގެ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން, ކޭޕާކް މައްސަލައިގެ ތަހުގީގު ކުރިއަށްދާ މުއްދަތުގައި، ކުންފުނީގެ މުވައްޒަފު އަބްދުއް ނާފިއު މުޙައްމަދު 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓާއި ފުލުހުން ގުޅިގެން ކުރިޔަށްގެންދާ ތަހުގީގު ނިމުމުން އެ މުވައްޒަފަށް އިތުރަށް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅު އަޅާނެ ކަމަށް އާބަންކޯ ބުނެއެވެ.

ނާފިއުއަކީ އާބަންކޯގެ ޑިވަލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައި 2014 އިން ފެށިގެން މަސައްކަތް ކުރަމުން ގެންދާ މުވައްޒަފެކެވެ. އޭނާ އަކީ ރިއަލް އެސްޓޭޓްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރުމަށް ދޫކުރާ ބިންތައް އިވެލުއޭޓްކޮށް، އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ ކަންތައްތަކުގައި ވެސް ހަރަކާތްތެރިވާ މުވައްޒަފެކެވެ.

ނާފިއުއަކީ މަންޑޭގެ ހިއްސާ އޮންނަ އެހެން ކުންފުންޏެއް ކަމަށްވާ ދިކޯރު އިންވެސްޓްމަންޓް އެންޑް ކޮންސަލްޓިން ގްރޫޕް ޕްރައިވެޓް ލިމިޑެޓްގެ އެއް ޕާޓްނަރެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މަންޑޭ އެވެ.

ކޭޕާކް މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް އަރބަންކޯގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާކަމަށް އަރބަންކޯ އިން ވަނީ ބުނެފައެވެ. ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނިންވެސް، އެ ކުންފުނީގެ ރާއްޖޭގެ އެޖެންޓް ހަސަން މަމްދޫހުގެ މައްސަލަތަކެއް ވަނީ ފުލުހުންނަށް ހުށައަޅައިފައެވެ.

މި މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭ އެވެ.

ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް ހުޅުވައިގެން މަންޑޭ ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، މަކަރާއި ހީލަތާ އޮޅުވާލުމުގެ ތެރެއިން ގިނަބަޔަކަށް ފްލެޓް ވިއްކައި އެމީހުންގެ އަތުން މަންޑޭ ވަނީ ފައިސާވެސް ނަގާފައި ކަމަށެވެ. އަދި ފްލެޓްތައް ވިއްކިއިރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްފައިވާ ލިޔުންތަކެއް ހަދައި، ވިއްކި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި މަންޑޭގެ އިތުރުން ޖައިޝަން ސައީދު ކިޔާ މީހަކު ސޮއިކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ. ޖައިޝަން އަކީ ކޭޕާ އެކު މަަސައްކަތް ކުރާ ދިވެހި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކޯދި އިންވެސްޓްމަންޓްސްގައި މަންޑޭގެ އިތުރުން ހިމެނޭ ހިއްސާދާރެކެވެ.

މި މައްސަލައިގައި ތުހުމަތުގެ އިނގިލި ދިއްކުރެވޭ މަންޑޭ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނީ މިއީ ކުންފުނީގެ އަނެއް ހިއްސާދާރުގެ ރޭވުމަކުން ކުރި ކަމެއްކަަމަށެވެ. ނަމަވެސް ތަކުރާރުކޮށް ވިއްކި ބައެއް ފްލެޓް ތަކުގެ ފައިސާ ސީދާ މަންޑޭގެ އަމިއްލަ އެކައުންޓަށް ބައެއް މީހުން ލައްވާ ޖަމާކުރުވާފައިވާކަން އެފަދަ ފަރާތްތަކުން ބުނެފައި ވެއެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން