މިމަސް ނިމުމުން ސްޓެލްކޯއިން ފޮނުވާ ކަރަންޓު ބިލުގައި ވެމްކޯއަށް ދައްކަންޖެހޭ ފައިސާ ހިމަނާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.

މާލޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ބައެއް ފަރާތްތަކުން ގަވާއިދުން ނުދައްކާ މައްސަލައެވެ.

އެމައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނައިގެން ނެގުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވެމްކޯއާއެކު ކުރި މަޝްވަރާތަކަށްފަހު މިހާރު ވަނީ ނިންމާފައެވެ. މި ބަދަލާ ގުޅިގެން ސީދާ ވެމްކޯއިން މާލޭގައި ޚިދުމަތް ދެމުންގެންދާ ތަންތަނުން މިހާރުވެސް ނަގާފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އެހެން ނަމަވެސް ސްޓެލްކޯއިން މިމަހު ފޮނުވި ކަރަންޓު ބިލުގައި ވެމްކޯއަށް ނަގާފީ ހިމަނާފައެއް ނުވެއެވެ. އެކަމާ ގުޅިގެން ވެމްކޯއިން ބުނީ، މިމަހު ފޮނުވި ކަރަންޓު ބިލަކީ މާޗު/އެޕްރީލް މަހުގެ ކަރަންޓު ބިލް ކަމަށެވެ. އަދި ކަރަންޓު ބިލުގައި ވެމްކޯގެ ފީ ހިމަނަން ފެށީ އެޕްރީލް އެކަކުން ފެށިގެން ކަމަށް ވާތީ، އެ ފީ ހިމަނާނީ މި މަސް ނިމުމުން ފޮނުވާ ބިލުގައި ކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވަނީ، ކުނި މެނޭޖްކުރުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދެވޭނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތަކުންވެސް ވެމްކޯއަށް ފީ ދައްކައިގެން ކަމަށެވެ. އެހެންކަމުން އެންމެ ފަސޭހައިން، ޚަރަދުކުޑަކޮށް މި ފީ ލިބިގަނެވޭނެ ގޮތަކީ ޢާންމު ބޭނުންތަކުގެ އެހެން ޚިދުމަތެއްގެ ބިލުގައި މި ފައިސާވެސް ހިމަނައިގެން ފީ ކަލެކްޓްކުރުން ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މާލެ ސަރަޙައްދުގައި ވެމްކޯއަށް ފީދައްކަންޖެހޭ 53،690 ގޭބިސީ ހުރިނަމަވެސް ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20،000 ގޭބިސީން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން