މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮމިއުނިޓީ ފަންޑްގެ ނަމުގައި މުޖުތަމައުގެ އެކި މަސައްކަތްތަކަށް ހަލައްކަ ރުފިޔާ ހަމަޖައްސައި އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލައިފިއެވެ.

އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް މިއަދު ވިދާޅުވީ، އަހަރަކު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހު ވަނީ ހުޅުވާލާފައިކަމަށެވެ. އަދި މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ފަންޑަށް އެދި ހުށައެޅުމުގެ މުއްދަތު ހަމަވާނެ ކަމަށް ދާނިޝް ވިދާޅުވިއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ދާނިޝް ވިދާޅުވީ، އެމްޕީއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް އެ ކުންފުނިން ކަނޑައަޅާފައިވާ ކަމަށާއި، އެ ފަންޑުގެ ދަށުން އެހީވުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމަށް އިސްކަން ދެވޭނެ ކަމަށެވެ. އަދި މިހާތަނަށް ފަންޑަށް އެދި ފޯމު ހުށައަޅާފައިވަނީ ދެ ފަރާތަކުން ކަމަށް ދާނިޝް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުންފުނިން މި ފަންޑަށް އަހަރަކު 600،000 ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރަކު 10 މަޝްރޫއަށް އެހީ ދޭން ވަނީ ނިންމާފަ. އެގޮތުން 50،000 ރުފިޔާގެ ކުދި 8 މަޝްރޫއު، އަދި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށް އެހީ ދިނުމަށް ވަނީ ނިންމާފައި،" ދާނިޝް ވިދާޅުވިއެވެ.

ފަންޑަށް އެދި ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ވެސް އދގެ ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 އިންސައްތަ ދޭނެކަމަށް އެމްޕީއެލް އިން ހާމަކޮށްފައިވެއެވެ. އަދި އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 އިންސައްތަ ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮޖެކްޓް ޕްލޭނާއި އިމްޕްލިމެންޓް ކުރާ ގޮތަށް 30 އިންސައްތަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލަށް 10 އިންސައްތަ ދޭނެކަމަށް އެމްޕީއެލް އިން މަޢުލޫމާތު ދީފައިވެއެވެ.

ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތަކާއި ސްކޫލްތަކަށް ކުރިމަތިލެވޭނެއެވެ. ކޮމިއުނިޓީ ފަންޑަށް އެދި ހުށަހަޅަން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމަކުންނެވެ.

އެމްޕީއެލް އިން ބުނީ، ވޭތުވެދިޔަ އަހަރުތަކުގައި އެކުންފުނިން ދިޔައީ ސީއެސްއާރު ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި، ތައުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން އެކުންފުނީގެ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު އެކުންފުނިން ހުޅުވާފައިވާ ފުރުސަތުގެ ބޭނުންކޮށް، ވީހާވެސް ގިނަ ފަރާތްތަކުން ކޮމިއުނިޓީ ފަންޑަށް ކުރިމަތިލުން ކަމަށް ދާނިޝް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން