ޚާރިޖީ ވުޒާރާގައި ދިގު މުއްދަތެއްވަންދެން ޚިދުމަތް ކުރެއްވި އާބިދާ އަޙްމަދުގެ ހަނދާނުގައި އެވުޒާރާގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ނިންމައިފިއެވެ.

ޚާރިޖީ ވުޒާރާއިން ރޭ ބުނީ، އާބިދާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މި މަހުގެ 14 އިން 18 އަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 14:00 އަށް އެ މިނިސްޓްރީގެ އަލްއަމީރު ޙަސަން ފަރީދު މާލަމުގައި (ގްރައުންޑް ފްލޯ) ގައި ހުޅުވިފައި ހުންނާނެ ކަމަށެވެ.

އާބިދާ އަކީ ދިވެހި ސަރުކާރަށް 40 އަހަރަށް ވުރެ ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލެކެވެ. އާބިދާ ނިޔާވީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. ނިޔާވިއިރު އުމުރުފުޅަކީ 66 އަހަރެވެ.

އާބިދާ ނިޔާވުމާއި ގުޅިގެން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު އެމިނިސްޓްރީއާ ވަކިވެގެން ދިޔަ އާބިދާ އަހްމަދަކީ ދިވެހި ޚާރިޖީ ޓީމުގެ އެއް ތަނބު ކަމަށެވެ. އެގޮތުން ވަފާތެރިކަމާއި، ލޯތްބާއި، ޝައުގުވެރިކަމާއެކު 40 އަހަރަށްވުރެ ގިނަ ދުވަހު އެމިނިސްޓްރީއަށް އާބިދާ ހިދުމަތްކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާބިދާ ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ، މުލީއާގޭ މެއިޑެއްގެ ވަޒީފާއިން 15 ނޮވެންބަރު 1978 ގައެވެ. މެއިޑެއްގެ ވަޒީފާއިން 8 ޖޫން 1982 ގައި ވަކިވެވަޑައިގަތުމަށްފަހު، އަލުން ހިދުމަތް ފެއްޓެވީ 26 ސެޕްޓެންބަރު 1983 ގައި މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ.

އޭގެފަހުން 15 އޮގަސްޓު 1985 އިން ފެށިގެން ހިދުމަތް ކުރައްވަމުން ގެންގޮސްފައި ވަނީ، ފޮރިން މިނިސްޓްރީގައެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، އާބިދާވަނީ އެ މިނިސްޓްރީއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން