ރާއްޖެއިން އުމްރާއަށް މީޙުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން އުމްރާއަށް މީޙުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އުމްރާއަށް މީހުން ގެންދަން ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަށެވެ.

ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ 43 ކުންފުންޏަކަށެވެ. އޭގެ ތެރެއިން 24 ކުންފުންޏެއްގެ ހުއްދަ މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށްއެދި ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި ބުނެފައިވާ ޝަރުތު ފުރިހަމަވަވާ ކުންފުނިތަކަށެވެ. އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަދެނީ ހިއްސާދާރުންގެ ޖިނާއީ މައްސަލައެއް ނެތް ސައްތައިން ސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުނި ތަކަށެވެ.

އުމްރާއަށް މީޙުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ޕްރޮޕޯސަލް ބަލައިގަންނަން ފަށާނީ މިމަހުގެ 14 އިން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން