އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 މިއަދު ރަސްކަމުގެ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.

މި ރަސްމިއްޔާތުގެ ރަސްމީ ބައި ފަށާނީ ރާއްޖެ ގަޑިން މިއަދު މެންދުރުފަހު 3:00 ޖަހާއިރުއެވެ. އެއީ ލަންޑަންގެ ގަޑިން 11:00އެވެ.

ރަސްމީ ފެށުން 11:00 ޖަހާއިރު އޮތްނަމަވެސް، މިއަދު ހެނދުނުު 6:00 އިން ފެށިގެން އިނގިރޭސިވިލާތުގައި މިކަމާއި ގުޅޭ ހަރާކާތްތައް ވަނީ ފެށިފައެވެ.

އިނގިރޭސި ރަސްކަމުގެ ތަހުތުގައި ބޭފުޅަކު ވެޑުވުމުގެ ރަސްމިއްޔާތަކީ މީގެ އެތައް ސަތޭކަ އަހަރެއްކުރިން ފެށިގެން ބާއްވަމުން އަންނަ ރަސްމިއްޔާތެކެވެ. 950 އަހަރަށްވުރެ ދިގު ތާރީހެއް މިކަމުގައި އޮތްއިރު، މިކަމުގައި ގެންގުޅޭ އާދަކާދަތަކަށް މާބޮޑު ބަދަލެއް ނާދެއެވެ.

ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުން ނުވަތަ އެމަނިކުފާނުގެ ކޮރެނޭޝަން އޮންނާނީ ލަންޑަންގައި ހުންނަ ފައްޅިއެއްކަމަށް ވެސްޓްމިނިސްޓަރ އަބޭގައެވެ. މިކަންކުރުުމުގައި އިސްކޮށް ތިބޭނީ ނަސާރާ ދީނުގެ ފާދީރިންނެވެ.

ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ޝާހީ ޤާނޫނުތަކާއި ޝާހީ އާދަކާދަތަކާއި ގުޅޭ ވަރަށް ގިިނަ ކަންކަން ކުރިއަށްދާނެއެވެ. އޭގެތެރޭގައި ހުވާކުރުމާއި، ގައިގައި އަތަރުލުމާއި ރަނުން ހަދާފައިވާ ހެދުމަކާއި، ރަން ކަނޑިއެއްގެ އިތުރުން ރަން އަސައެއްވެސް ރަސްގެފާނަށް އަރުވާފައެވެ. އަދި އެންމެ ހާއްސަ ކަމަކަށް އޮންނާނީ ރަސްގެފާނުގެ އިސްތަށިފުޅުގައި ޖަވާހިރާއި ރަނުން ތައްޔާރުކޮށްފައިވާ ތާޖެއް އެޅުވުމަށްފަހު، ތަހުތު ގޮނޑިކޮޅުގައި ވެޑުވުމެވެ.

މިކަންކަން ކުރިއަށްދާއިރު ވެސްޓްމިނިސްޓާރއަށް އަބޭއަށް ދައުވަތު ދެއްވަައިގެން ވަޑައިގެންނަވާ އިއްޒަތްތެރިންނާއި ޤައުމުތަކުގެ ވެރިންނާއި ޝާހީ އާއިލާގެ މެމްބަރުން ތިއްބަވާނެއެވެ.

މި ރަސްމިއްޔާތަށްފަހު ރަސްގެފާން ޗާލްސްއާއި ކުއީން ކެމީލާ އަސްގާޑިޔާކޮޅުގައި އާއްމުންނަށް ފެންނަ ގޮތަށް މަގުތަކުގައި ދުއްވާފައި ވަޑައިގެންނަވާނީ ބަކިންހަމްޕެލަސްއަށެވެ. ގަނޑުވަރަށް ވަޑައިގެންނެވުމަށްފަހުވެސް އުފާ ފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.

އިނގިރޭސިވިލާތުގައި އެންމެފަހުން ރަސްކަމުގެ ތަހުތަށް ބޭފުޅަކު ވެޑުވިފައިވަނީ 1953 ވަނަ އަހަރުއެވެ. އެއީ ޗާލްސްގެ މަންމާފުޅު ކުއީން އެލިޒަބަތެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންއިރު ޗާލްސްގެ އުމުރުފުޅަކީ އެންމެ 3 އަހަރެވެ.

ޗާލްސްއަށް އިނގިރޭސި ރަސްކަން ލިބިވަޑައިގެންނެވީ މަންމާފުޅު ކުއީން އެލިޒަބަތު އަވާހަރަވުމުންނެވެ. އެކަމަނާ އަަވާޙަރަވީ 70 އަހަރު އިނގިރޭސި ތަހުތުގައި ރަނިކަން ކުރެއްވުމަށްފަހުއެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނުގެ މަޤާމަށް އުމުރުން 73 އަހަރުގެ ޗާލްސް އިސްކުރެވުނުއިރު، އޭނާއަކީ އެމަޤާމަށް ވަޑައިގެންނެވި އެންމެ އުުމުރުން ދުވަސްވީ ބޭފުޅާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން