ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "ކޭޕާކް ރެސިޑެންސް"އާ ގުޅޭ މައްސަލަތަކެއް އަރބަންކޯ އިން ފުލުހުންނަށް ހުށައަޅައިފިއެވެ.

އަރބަންކޯ އިން ބުނީ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހަންބޯ ޓެކް ކުންފުނިން އަރބަންކޯއަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން، އެމައްސަލާގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި، މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް އިއްޔެ ހުށައަޅާފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް އަރބަންކޯގެ ފުރިހަމަ އެއްބަާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާކަމަށް އަރބަންކޯ އިން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނިންވެސް، އެ ކުންފުނީގެ ރާއްޖޭގެ އެޖެންޓް ހަސަން މަމްދޫހުގެ މައްސަލަތަކެއް ވަނީ ފުލުހުންނަށް ހުށައަޅައިފައެވެ.

މި މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭ އެވެ.

ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، މަކަރާއި ހީލަތާ އޮޅުވާލުމުގެ ތެރެއިން ގިނަބަޔަކަށް ފްލެޓް ވިއްކައި އެމީހުންގެ އަތުން މަންޑޭ ވަނީ ފައިސާވެސް ނަގާފައި ކަމަށެވެ. އަދި ފްލެޓްތައް ވިއްކިއިރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްފައިވާ ލިޔުންތަކެއް ހަދައި، ވިއްކި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި މަންޑޭގެ އިތުރުން ޖައިޝަން ސައީދު ކިޔާ މީހަކު ސޮއިކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ. ޖައިޝަން އަކީ ކޭޕާ އެކު މަަސައްކަތް ކުރާ ދިވެހި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކޯދި އިންވެސްޓްމަންޓްސްގައި މަންޑޭގެ އިތުރުން ހިމެނޭ ހިއްސާދާރެކެވެ.

އެހެންކަމުން މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ކުންފުނީގެ މައި ހިއްސާދާރު ޗައިނާގެ ޖިން ޝިހޫ ވަނީ މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ. އަދި އާބަންކޯގެ ސަމާލުކަމަށްވެސް އެކަން ވަނީ ގެނެސްފައެވެ.

ހަންބޯ ޓެކް ކޮރެއާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓް، (ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓާ) އެކު މަސައްކަތް ކުރެވެން ނެތުމުން އެ ކުންފުންޏާއެކު އޮތް އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި މި ނިންމުމާ ގުޅިގެން ކޭޕާކް ޕްރޮޖެކްޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ހަންބޯ ޓެކް ކުންފުނީގެ ބަޔާނުގައި ދީފައިވެ އެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން