މިރޭ އެމްޕީއެލްއާ ދެކޮޅަށް ނިކުންނަން އަރބަންކޯ ވޮލީ ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އެކުންފުނިން ބުނެފިއެވެ.

މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ބާއްވާ އިންޓަ އޮފީސް ވޮލީބޯލް މުބާރާތް ފަށާފައިވާއިރު، މި މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު ވަނީ ކުޅެފައެވެ. ދެވަނަ މެޗުގައި މިރޭ ކްލަބް އަރްބަންކޯ އިން އެމްޕީއެލްއާ ވާދަކުރާނެއެވެ.

އަރބަންކޯއިން ބުނީ އެކޯޕަރޭޝަނުގެ ކްލަބް އަރބަންކޯ ޓީމުން މި މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން 14 ޕްލޭޔަރުންގެ ޓީމުގައި ރާއްޖޭގައި ވިދަމުންދާ ވޮލީބޯޅަ ކުޅުންތެރިން ވެސް ހިމެނޭކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.

އޭގެތެރޭގައި ގައުމީ ވޮލީ ބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އިޝާން މުހަންމަދު، ގައުމީ ޓީމުގެ ސެންޓަރ ބްލޮކަރ ފައިރޫޒް، ބީޗް ވޮލީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޝަމާއިލް ހުސައިން އަދި، ބީޗް ވޮލީ ގޯލްޑް މެޑަލިސްޓް އިސްމާއިލް ސާޖިދު ހިމެނެއެވެ. މި ވަރުގަދަ ޓީމުގެ ކޯޗުކަން ކޮށްދެނީ ގައުމީޓީމުގެ ހެޑް ކޯޗް މުހަންމަދު ސާޖިދެވެ.

ގްރޫޕް ސްޓޭޖުގައި ކްލަބް އަރބަންކޯއިން ކުޅެން ހަމަޖެހިފައި ވަނީ 4 މެޗެވެ. އެއީ މިރޭ އެމްޕީއެލް އާ ދެކޮޅަށް ކުޅޭ މެޗް، ބުދަ ދުވަހު އެމްއޭސީއެލްއާ ދެކޮޅަށް ކުޅޭ މެޗު އަދި ބުރާސްފަތި ދުވަހު އެމްޕީއެސްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރަށް ހޮނިހިރު ދުވަހު ސްޓެލްކޯއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގައެވެ.

މި މުބާރާތުގެ މައިގަނޑު މަގްސަދަކީ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި، ވާދަވެރި މަޖާ އަދި އެކުވެރި މާހައުލެއް ގާއިމްކޮށް، ގުޅުން ބަދަހިކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން