ޑިޒްނީ ކާޓޫނުތަކުގައި ޖާހިލީއްޔަ ޒަމާނުގެ އެންމެހައި ނުބައިކަންކަން ފެތުރުމަށްދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ޑިޒްނީ ކާޓޫނުތަކުގައި ޖާހިލީއްޔަ ޒަމާނުގެ އެންމެހައި ނުބައިކަންކަން ފެތުރުމަށްދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ޑިޒްނީއަކީ ކުޑަކުދިންގެ ހިތްތައް ފަތަހަކޮށްފައިވާ ކުޑަކުދިން ޝައުޤުވެރިވާ ކަހަލަ ކާޓޫނުތަކާއި ފިލްމުތައް އުފައްދާ ކުންފުންޏެކެވެ. ޚާއްސަކޮށް އުމުރުން ހަގުކުދިން ޑިޒްނީ ޗެނަލްއާއި ކާޓޫނުތައް ބެލުމަށް ފޯރިހުރެއެވެ.



އެހެންނަމަވެސް ދުނިޔޭގެ މަސްރަހުގައި ބަދަލުވަމުންދާ ހުރިހާ ކަންކަމަށް ފެއްތުމަށް ޑިޒްނީއިން އެމީހުންގެ އުފެއްދުންތައް ބަދަލު ކުރަމުންގެންދާއިރު، މިތަކެތި ކުދިންނަށް ދެއްކުމަކީ އެންމެ ރަނގަޅުގޮތްތޯ ނޫނީ ކުދީންނަށް މިފަދަ ކާޓޫނުތަކާއި ފިލްމުތައް ބެލުން މަނާކުރާނީތޯ މިއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެވެ. ހަމަ ޔަޤީނުންވެސް އެއްވެސް ބެލެނިވެރިޔަކު އެމީހެއްގެ ދަރިއަކަށް އެނގިހުރެ އެފަދަ އެއްޗެއް ނުދައްކާނެއެވެ.

ޑިޒްނީގެ އެގްޒެކެޓިވް މެމްބަރުންގެ މެދުގައި ބޭއްވި ވެބިނަރއެއްގައި އެލްޖީބީޓީ، ނުވަތަ އެއްޖިންސުން ގުޅުން ހިންގުމަކީ މައްސަލައެއް ނޫންކަމަށް ޓީވީ ސްކްރީން މެދުވެރިކޮށް ފާޅުގައި ކުދިންނަށް ދެއްކުމުގެ އެޖެންޑާއެއް މިހާރު އެމީހުން ގެންގުޅޭ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. މިވީޑިއޯގައި ޑިޒްނީގެ އެގްޒެކެޓިވް ޕްރޮޑިއުސަރ ލަޓޮޔާ ރަވީނިއު ބުނަނީ އޭނާގެ ޓީމުން ސީދާ އެލްޖީބީޓީ އެޖެންޑާ ޕްރޮމޯޓްކުރުމަށް އެފަދަ ލަފްޒުތަކާއި މަންޒަރުތައް ކުޑަކުދިންގެ ޕްރޮގްރާމްތަކަށް ލަމުން ގެންދާކަމަށެވެ.



މީގެއިތުރުން ޑިޒްނީގެ ކޯޕަރޭޓް ޕްރެސިޑެންޓް ކެރީ ބާކް ބުނެފައިވަނީ އެލްޖީބީޓީ ކެރެކްޓަރުން އެމީހުންގެ ޕްރޮޑަކްޝަންތަކާއި ސްކްރިޕްޓްތަކުގައި ހިމެނުމަށް ސަޕޯޓް ކުރާކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އެމީހުންގެ ޕްރޮޑަކްޝަންތަކުގެ 50 އިންސައްތައަކީ އެލްޖީބީޓީ އާއި ރޭޝަލް މައިނޯރިޓީސް ނުވަތަ މަދުމީހުން ނިސްބައްވާ ނަސްލުތަކަށް ޚާއްސަވެފައި ހުންނަ ކެރެކްޓަރތަކަށް ހެދުމަށް ބޭނުންވާކަމަށެވެ.

މިކަހަލަ ބަދަލުތަކެއް ޑިޒްނީއަށް މިފަހުން ގެންނަން ފަށާފައިމިވަނީ އެލްޖީބީޓީ އެކްޓިވިސްޓުންގެ ފަރާތުން ޕްރެޝަރ ކުރުމުންކަމުގައި ބެލެވެއެވެ. އަދި ޑިޒްނީއިން ފަހުގެ ޕްރޮޑަކްޝަންތަކުގައި އެލްޖީބީޓީ ތަމްސީލުކުރުމުގެ މަސައްކަތްތައް ކުރަމުންގެންދާކަމަށް އެކުންފުނީގެ ޕްރޮޑަކްޝަން ކޯޑިނޭޓަރ އެލެން މާޗް ބުނެއެވެ. މީގެތެރޭގައި މިކަން އާއްމުވެފައިވާ ނިއުޔޯކްއަށް ބިނާކޮށް ކާޓޫނުތައް އުފެއްދުމާއި ފަސްމަންޒަރުގައި ހިމެނޭ ކެރެކްޓަރތަކުން އެލްޖީބީޓީ ތަމްސީލުކުރާ ސީންތައް ހިމެނުމަށް މަސައްކަތް ކުރާކަމަށް އޭނާ ބުނެއެވެ.



މިހާރުވެސް ބައެއް ޑިޒްނީ ކެރެކްޓަރުތަކާއި ކާޓޫނުތަކުން އެލްޖީބީޓީ ޕްރޮމޯޓުކޮށް ޅަދަރިންގެ ވިސްނުން ކިލަނބުވާކަހަލަ މަންޒަރުތަކާއި ވާހަކަތައް ހުރިކަން ފާހަގަ ކޮށްލަން ބޭނުންވެއެވެ. މިސާލަކަށް ޑިޒްނީގެ ސްޓްރޭންޖް ވޯލްޑްގެ މެއިން ކެރެކްޓަރ އީތަންއަކީ "ގޭ" ޓީން ކެރެކްޓާއެކެވެ. އަދި ލައިޓްއިޔާ ގައި އެކާޓޫނުގައި އުޅޭ ދެ އަންހެން ކެރެކްޓަރުން ކިސްކުރާ މަންޒަރު ދައްކުވައިދެއެވެ.



އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރީން އެންމެ ތުއްތު އިރުންފެށިގެން ތަޢާރަފްކޮށްދޭ، މިދެންނެވި ޑިޒްނީ ކާޓޫނުތަކުގައި ޖާހިލީއްޔަ ޒަމާނުގެ އެންމެހައި ނުބައިކަންކަން ފަތުރަން މަސައްކަތް ކުރަންމުންގެންދާއިރުވެސް އަޅުގަނޑުމެން ބެލެނިވެރިން އަމިއްލަ ދަރިންގެ ސިނކުޑިތައް އެފަދަ ފާހިޝް މުޑުދާރު ޢަމަލުތަކަށް ހޭނެންދެން ބަލަންތިބޭނީތޯ ސުވާލުކުރަން އެބަޖެހެއެވެ. ހަމަގައިމުވެސް ޑިޒްނީއާއި ޕިކްސާއާއި މާވެލްއާއި މިނޫންވެސް ކުޑަކުދިންގެ ފިލްމާއި ކާޓޫނުތައް ޕްރޮޑިއުސްކުރާ ކުންފުނިތަކުން ބައެއްގެ މަޅީގައި ޖެހިގެން މިހާރު އެހިންގަންފެށީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޅަސިކުނޑިތައް އުމުރާ ނުގުޅޭ ކަންކަމަށް ހުށަހަޅައި އެކުދިންގެ ޝައުޤުވެރިކަން އެފަދަކަންކަމަށް ގެނުވައިދިނުމަށް އެމީހުން އެކުރާ މަސައްކަތަކީ ހަމަޔަގީނުންވެސް އެމީހުންގެ އެޖެންޑާ ކުރިއެރުވުމެވެ. އަދި މިއީ ޅަދަރިންގެ ބޮލަށް ފާޑުފާޑުގެ އެކިއެކި ޚިޔާލުތައް ގެނުވައި ހަރުލައްވައިގެން އެލްޖީބީޓީ ކޮމިއުނިޓީއަށް އެކުދިން ގެނުވައި އެމީހުންގެ ބައިގަނޑު އިތުރުކުރުމަށް ބޭނުންވެގެން ކުރާ ސެކިއުލަރ ވިސްނުމުގެ ނުރައްކާތެރި ރޭވުމެއްކަން ޔަގީނެވެ.

އެހެންކަމުން ބެލެނިވެރިން މިކަންކަމުގައި ސަމާލުވުމަކީ ވަރަށް މުހިންމުކަމެކެވެ. އަޅުގަނޑުމެންގެ މި އިސްކާމި މުޖުތަމަޢުގެ ޅަދަރިންނަށް މިމަންޒަރުތައް ދެއްކުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ކާޓޫނުތަކަކީ ކުދިން ނުހަނު ފަސޭހައިން ކޮޕީކޮށްލާ އެއްޗަކަށްވެފައި އެފަދަ ކާޓޫންތައް އުފެއްދުމުގައިވެސް ކުދިން ޝައުޤުވެރި ކުރުވާ އެކުދިންގެ ސަމާލުކަން އެމީހުން ބޭނުންވާ ކަންކަމަށް ގެނައުމުގެ ކުޅަދާނަކަން މިޝޯތަކާއި ފިލްމްތަކުގައި ހުންނާތީއެވެ.

އުމުރާއި ނުގުޅޭ އަދި މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރަށްވާފައިވާ ޖިންސީ ކަންކަމުގެ މިފަދަ ވާހަކަތަކަކީ ކުޑަކުދިންނާއި ހިއްސާކޮށްގެން ހެޔޮނުބައި އޮޅުން ފިލުވައިދެވޭނެ ކަންކަމެއް ނޫނެވެ.

އެންމެ ތުއްތު އުމުރުގައި ޅަދަރިންނަށް ސެކްޝުއަލިޓީ އޮޅުންފިލުވައިދީ އެލްޖީބީޓީއަށް ހާނުވާން މަސައްކަތްކުރާ މީހުންނަކީ ސިއްރު އެޖެންޑާއެއް އޮވެގެން ކުދިން މަގުފުރެއްދުމަށް މަސައްކަތް ކުރާބައެއްކަން ޔަޤީނެވެ. އެހެންކަމުން އަޅުގަނޑުމެން މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރުމުގައި ކުދިންގެ އުމުރާއި ގުޅޭގޮތުން މިކަންކަމުގެ މައުލޫމާތު ދިނުމަކީ ވަރަށްވެސް މުހިންމުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން