ޕްލާސްޓިކް ކޮތަޅުން ނަގާފީއަކީ ރައްޔިތުންނަށް ނޫފުލޭވަރުގެ ތަކުލީފަކަށް ވުމަށް ނޭދޭ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ފީ ނެގުމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮތީ އެ ގާނޫނު ވުޖޫދުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅި މަގުސަދާ އެއްގޮތަށް ނޫން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި ސަރުކާރުން ހުށަހެޅި ބައެއް އިސްތިސްނާތައް މަޖިލީހުން ބިލު ފާސްްކުރި އިރު ހިމަނާފައި ނެތްކަމަށާއި، އެކަމާގުޅިގެން އެޤާނޫނު މިހާރު ވެފައިވަނީ ރައްޔިތުންނަށް ނޫފުލޭވަރުގެ ތަކްލީފަކަށް ކަމަށެވެ. އަދި އެއީ ސަރުކާރުން އެދޭގޮތް ނޫންކަމަށް ޝައުނާ މިއަދު ވިދާޅުވިއެވެ.

"މައްސަަލައަކީ ކޮންމެ މަރުހަލާއެއްގައި ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނެގުން. ރައްޔިތުންނަށް ނޫފުލޭ ވަރުގެ ތަކުލީފަކަށް މިކަން ވުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން," ޝައުނާ ވިދާޅުވިއެވެ.

ޝައުނާ މިއަދު ވިދާޅުވީ، ހޯލްސޭލްކޮށް ފަންސާހަށްވުރެ ގިނަ ކޮތަޅު ގަންނަ ހާލަތާއި، ކާޑުގެ ބާވަތްތައް ގަންނަ ހާލަތަކީ ފީ ނެގުން އިސްތިސްނާ ވާނެ ހާލަތެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮތަޅުން ފީ ނަގަނީ އާމްދަނީ ހޯދުމަށް ނޫންކަމަށާއި އެއީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން ފެށި މަސައްކަތެއްކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު