މަރިޔަމް ލަމްޙާ ރަޝީދު   12 އޭޕްރީލު 2023 - 12:37
ޗޫރޯސް: އެންމެ މީރުވާނީ ޗޮކްލެޓް ސިރަޕާއެކު ކާން
ޗޫރޯސް: އެންމެ މީރުވާނީ ޗޮކްލެޓް ސިރަޕާއެކު ކާން
ބޭރު ފަށަލަ މުރަނަ އަދި އެތެރޭގައި މަޑު މަޑު ފުށްގަނޑެއްހެން ހުންނަ ޗޫރޯސްއަކީ ފޮނި ކާތަކެތީގެ ތެރެއިން، މިހާރަކަށް އައިސް މީހުން ގަނެގެން ކައި އުޅޭ ބާވަތެކެވެ. މިއީ މެކްސިކޯގެ ކެއުމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މީރު ކެއުމުގެ ބާވަތެކެވެ.

އެހެންކަމުން ޗޫރޯސް ގޭގައި އަމިއްލަޔަށް ތައްޔާރުކޮށްލައި ގޭގެ އެންމެނަށް ކަމުދޭތޯ ބަލާލުމަށް މިފަހަރު މިގެނެސްދެނީ ގޭގައި ޗޫރޯސް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތެކެތި:

1 ޖޯޑު ފެން

¼ ޖޯޑު ބަޓަރު (ކިއުބްކޮށްފައި)

1 މޭޒުމަތީ ސަމްސާ ހަކުރު (މިކްސަރުން ހިމުންކޮށްފައި )

¼ ސައިސަމްސާ ލޮނު

1 ޖޯޑު ފުށް

1 ބިސް

½ ސައިސަމްސާ ވެނީލާ އެސެންސް

ތެޔޮ (ތެލުލަން ބޭނުންވާވަރަށް)

ޗޫރޯސް ބޭރުގައި ލުމަށް:

½ ޖޯޑު ހަކުރު

4/3 ސައިސަމްސާ ފޮނިތޮށި (މުގުރާފައި)

ތައްޔާރު ކުރާނެގޮތް:

ޗޫރޯސް ބޭރުގައި ލުމަށް ބޭނުންވާ ހަކުރާއި ފޮނިތޮށި ތަށްޓަކަށް އަޅައި އެއްކޮށްލައި އެއްކައިރީގައި ބަހައްޓާށެވެ.

ޗުރޯސް ޕައިޕިންއަށް ބޭނުންވާ ފުށްގަނޑު ހެދުމަށް ބޭނުންވަ ފެނާއި ބަޓަރު، ހަކުރު އަދި ލޮނު ތެއްޔަކަށް އަޅައި މަޑުގިނީގައި ކައްކާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ފުށް އަޅާށެވެ. އަދި ރަނގަޅަށް އެއްކުރަމުން ކައްކާށެވެ. ރަނގަޅަށް އެއްވުމުން ހަރުކޮށް ހުންނަ ތަންތަން ނުހުންނާނެއެވެ.

ދެން އެއްކުރި ފުށްގަނޑު އުނދުނުން ބާލައި ފިނިކުރުމަށް ބަހައްޓާށެވެ. އެއަށްފަހު ވެނީލާ އެސެންސާއި ބިސް އަޅައި އިލެކްޓްރިކް މިކްސަރަކުން ވަރަށް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޕައިޕިން ބޭގްއަކަށް މިފުށްގަނޑު އަޅާށެވެ. އަދި ތަރި ހެން ހުންނަ ނޮޒުލްއެއް ފައިޕިން ބޭގުގައި ޖަހާށެވެ.

ދެން ތެލުލުމަށް ބޭނުންވާ ތެއްޔަށް ތެޔޮ އަޅައި ތެޔޮ ގަނޑު ހޫނުވުމުން ތެލުގެ ތެރެއަށް ޗޫރޯސް ޕައިޕް ކޮށް ކަތުރެއް ބޭނުންކޮށްގެން 6 އިންޗި ދިގުމިން ހުންނަވަރަށް ބުރިކޮށްލާށެވެ. އަދި ތެލުލަމުން، ތެޔޮ ހިއްކުމަށް ޓިޝޫ އަޅާފައިވާ ތަށްޓަކަށް އަޅަމުން ގެންދާށެވެ. (ތެލުލެވުމުން ހުންނަންވާނީ ރަން މުށި ކުލައެއްގައެވެ.)

އެއްކޮށް ހުރިހާ ޗޫރޯސް ތެލުލެވުމުން، ބޭރުގައި ލުމަށް ތައްޔާރުކުރި ފޮނިތޮއްޓާއި ހަކުރު މިކްސްގެ ތެރެއަށް ޗޫރޯސް އަޅައި އެއްކޮށް ޗޫރޯސްތައް އެއަށް ލައި ރަނގަޅަށް ހަކުރުކޮޅު ހޭކޭނެހެން ފޮވުވާލާށެވެ. އަދި ސާވްކުރުމަށް ނަގާށެވެ. ޗޮކްލެޓް ސިރަޕް، ނުވަތަ ކެރަމެލް ސޯސްފަދަ އެއްޗަކާއިއެކު ސާވް ކުރުމުން ޗޫރޮސް އިތުރަށް ރަހަ ފުރިހަމަވެގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން