ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ އާޖެންޓީނާގެ ލިއޮނަލް މެސީއަށް ސައުދީ އަރަބިއްޔާގެ އެންމެ ކާމިޔާބު ކްލަބުން ހުށަހެޅި 400 މިލިިއަން ޔޫރޯ ނުވަތަ 438 މިލިއަން ޑޮލަރުގެ ހުށަހެޅުމަށް އޭނާ ނޫނެކޭ ބުނެފައިވާކަމަށް ހަބަރުތައް ބުނެފިއެވެ.

މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރާ މެސީއަށް އަހަރަކު 438 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ހުށަހެޅީ ސައުދީ އަރަބިއްޔާގެ އަލް ހިލާލްއިންނެވެ. އެއީ ޤައުމުގެ އެންމެ ކާމިޔާބު އަދި އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ ކްލަބްވެސްމެއެވެ. މެސީއަށް މި ހުށަހެޅުން ލިބުނުކަން ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭ އެންމެ މަޝްހޫރު ނޫސްތަކުންނާއި ސައުދީ އަރަބިއްޔާގެ ނޫސްތަކުންވެސް ވަނީ ޔަގީންކޮށްދީފައެވެ.

މެސީއަށް ހުށަހެޅި 438 މިލިއަން ޑޮލަރުގެ ހުށަހެޅުމަކީ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ކުޅުންތެރިއަކަށް ހުށަހެޅި އެންމެ އަގުބޮޑު ހުށަހެޅުމެވެ. ނަމަވެސް މި ހުށަހެޅުން މެސީ ޤަބޫލުކޮށްފައެެއް ނުވެއެވެ. ހަބަރުތައް ބުނާގޮތުން މެސީ ބޭނުންވަނީ ޔޫރަޕްގެ ފުޓްބޯޅައިގެ ތެރޭގައި ހުންނާށެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު 7 ފަހަރު ހޯދާފައިވާ މެސީ މިވަގުތު ހުރީ ފްރާންސް ޕީއެސްޖީގެ ކޮންޓްރެކްޓެއްގައެވެ. ހަބަރުތައް ބުނާގޮތުން ޖޫންމަހު އެ ކޮންޓްރެކްޓް ހަމަވުމުން އިތުރަށް ޕީއެސްޖީގައި ހުންނާކަށް މެސީ ބޭނުމެއް ނުވެއެވެ. އަދި އޭނާގެ ކުރީގެ ކްލަބް ބާސެލޯނާއިން މެސީ ހޯދަން މަސަައްކަތް ފަށާފައިވާއިރު، މެސީ އަންނަ ސީޒަނުގައި ބާސެލޯނާއަށް ބަދަލުވުމަކީވެސް ގާތްކަމެެއްކަމަށް ބައެއް ހަބަރުތައް ބުނެއެވެ.

ވޯލްޑް ކަޕާއި، ޗެމްޕިއަންސް ލީގާއި، އެ ނޫންވެސް ބޮޑެތި ހުރިހާ މުބާރާތްތަކާއި، ފުޓްބޯޅައިގެ އެކިއެކި ރެކޯޑްތައް ޤާއިމްކޮށްފައިވާ މެސީއަކީ ފުޓްބޯޅައިގެ ހޯދޭނެ ހުރިހާ ކާމިޔާބީއެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

މެސީ ހޯދަން ސައުދީގެ ކްލަބަކުން ބޮޑު ހުށަހެޅުމެއް ހުށަހެޅުއިރު، އެނާއާ އެންމެ ވާދަވެރިކޮށް އުޅުނު ޕޯޗުގަލްގެ ރޮނާލްޑް މިހާރު ކުޅެނީ ސައުދީގެ އަލް ނަސްރަށެވެ. ނަމަވެސް އޭނާއަށް ދެނީ މެސީއަށް ހުށަހެޅިވަރަށްވުރެ 2 ގުނަ ކުޑަ މުސާރައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން