މަރިޔަމް ލަމްޙާ ރަޝީދު   2 އޭޕްރީލު 2023 - 12:30
ބަޓަރ ޗިކަން
ބަޓަރ ޗިކަން
ކުކުޅުން ތައްޔާރުކޮށްލެވޭ އިންޑިއާއަށް ޚާއްސަ ކެއުންތަކުގެ ތެރޭގައި ހިމެނޭ ބަޓަރ ޗިކަންއަކީ އޮލަކޮށްހުންނަ ކުޅި ރިހައެކެވެ. ބަޓަރ ޗިކަންއަކީ ދިވެހިން ދަންނަ މީރު ކެއުމެކެވެ.

އެހެންކަމުން އާއިލާ އެކީ މިއަދު ރޯދަވީއްލަން ގޭގައި ތައްޔާރުކޮށްލަން މިއީ އެންމެ ރަނގަޅު ކެއުމެވެ.

ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާތަކެތި:

800 ގުރާމް ބޯންލެސް ޗިކަން (ރިހައަށް ކަމުދާވަރަށް ކޮށާފައި)

½ ޖޯޑު ޕްލެއިން ޔޯގަޓް

1 ½ މޭޒުމަތީ ސަމްސާ ލޮނުމެދު (ގާނާފައި)

1 ސައިސަމްސާ އިނގުރު (ގާނާފައި)

2 ސައިސަމްސާ ގަރަމް މަސާލާ

1 ސައިސަމްސާ ރީނދޫ

1 ސައިސަމްސާ ދިރި (މުގުރާފައި)

1 ސައިސަމްސާ މުގުރި މިރުސް

1 ސައިސަމްސާ ލޮނު



ސޯސް ތައްޔާރުކުރުމަށް ބޭނުންވާ ތެކެތި:

2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް

2 މޭޒުމަތީ ސަމްސާ ގިތެޔޮ (ނުވަތަ 1 ސަމްސާ ބަޓަރާއި 1 ސަމްސާ ތެޔޮ އެއްކޮށްފައި)

1 ފިޔާ – ބޮޑު ( ތުނިކޮށް ކޮށާފައި)

1 ½ މޭޒުމަތީ ސަމްސާ ލޮނުމެދު (ގާނާފައި)

1 ½ ސައިސަމްސާ ގަރަމް މަސާލާ

1 ސައިސަމްސާ ކޮރެއަންޑާ ޕައުޑަރ

14 ގަރާމް ޓޮމާޓޯ (ޗަސްކޮށްފައި)

1 ¼ ސައިސަމްސާ ލޮނު (ނުވަތަ ރަހަލާވަރަށް)

1 ޖޯޑު ހެވީ ކްރީމް

1 މޭޒުމަތީ ސަމްސާ ހަކުރު

ބަޓަރ ޗިކަން ތައްޔާރުކުރާނެގޮތް:

މެރިނޭޓް ކުރަން ބޭނުންވާ ހުރިހާ ތަކެތި ފުންތައްޓަކަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި 12 ގަޑިއިރުވަންދެން ފްރިޖުގައި ބަހައްޓާށެވެ. ނުވަތަ ވަގުތު ލިބޭ މިންވަރަކުން 30 ނުވަތަ 1 ގަޑި އިރު ބަހައްޓާށެވެ. ދެން މެރިނޭޓް ކުރި ކުކުޅު ނަގައި ބޮޑު ތަވަލަކަށް ތެޔޮ އެޅުމަށްފަހު މަޑު ގިނީގައި ތިން ވަރަކަށް މިނެޓުވަންދެން ނުވަތަ މުށި ކުލަ އަރަންދެން ރަނގަޅަށް ފިހެލާށެވެ. ދެން ތަވަލުން ނަގައި މިބައި ވަކިން ބަހައްޓާށެވެ.

ދެން ހަމަ އެތަވަލަށް ގިތެޔޮ ނޫނީ ބަޓަރު އެޅުމަށްފަހު ފިޔައި މީރުކުރާށެވެ. މިގޮތަށް ފިޔާކޮޅު ރަތްވަންދެން އެއްކުރަމުންދާށެވެ. ދެން އޭގެ ތެރެއަށް ލޮނުމެދުކޮޅާއި އިނގުރުކޮޅު އަޅައި މިނެޓެއް ވަންދެއް އެއްކުރާށެވެ. އެއަށްފަހު ދިރިއާއި ކޮރިއެންޑަރ އަދި ގަރަމް މަސާލާ އަޅާށެވެ. އަދި 20 ވަރަކަށް ސިކުންތައް އެއްކޮށްލާށެވެ. ދެން ޓޮމާޓޯކޮޅާއި މުގުރި މިރުސް އަދި ލޮނު އަޅައި 15-10 މިނެޓު ވަންދެން ކައްކާށެވެ. އަދި އިރުއިރުކޮޅާ ހަލުވާށެވެ.

ސޯސްގަނޑު އޮލަވެ ރަތް ކުލަ އެރުމުން އުނދުން ނިއްވާލާށެވެ. އަދި ސޯސްގަނޑު މިކްސަރަށް އަޅައި ގަނޑުތައް ނުހުންނާނެހެން މިކްސަރުން ފުނޑާށެވެ. މިގޮތަށް މިކްސަރރަށް އަޅާއިރު 4 ވަރަކަށް މޭޒުމަތީ ސަމްސާ ފެންފޮދެއް އެޅިދާނެއެވެ.

ތައްޔާރުކުރެވުނު ޕިއުރޭ ސޯސް އަނެއްކާވެސް މިކްސަރުން ތަވަލަށް އަޅާށެވެ. ކްރީމްއާއި ހަކުރު އަޅާއި މަޑު ގިނީގައި އެއްކޮށްލާށެވެ. ދެން ކުކުޅުކޮޅު އެއަށް އަޅާފައި 10-8 މިނެޓަށް ކައްކާށެވެ. ބޮކި އަރައި ސޯސްގަނޑު އޮލަވުމުން ބަޓަރ ޗިކަން ތައްޔާރުވީއެވެ.

ބަޓަރ ޗިކަން އެންމެ މީރުވާނީ ފަރާޓާ ނުވަތަ ނާންއާއެކު ކާށެވެ. އެހެންނަމަވެސް ބަތާއެކުވެސް އަދި ބޭނުންވައްތަރެއްގެ ރޮޓާއެކުވެސް ކެވިދާނެއެވެ. ކޮންމެ އެއްޗަކާއެކު ކެޔަސް މިއީ ދިވެހީން ވަރަށް ގަޔާވާނެ ކެއުމެއްކަން ޔަގީނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން