މަރިޔަމް ލަމްޙާ ރަޝީދު   31 މާރިޗު 2023 - 16:15
ރޯސްޓެޑް ޗިކަން
ރޯސްޓެޑް ޗިކަން
ކުކުޅަކީ ދިވެހިންގެ ތެރޭގައި ހުކުރުދުވަހަށް ޚާއްސަ ކެއުމެކެވެ. އަދި ޚާއްސަ ކެއްކުންތަކުގައިވެސް ކުކުޅުގެ އެކި ބާވަތްތައް ސުފުރާމަތީ ނެތުމަކީ ދެވެހީންނަށް ކަމުދާކަމަކަށް ނުވެއެވެ. އެހެންކަމާއެކު ޚާއްސަ ކެކުންތަކުގައި ބަޓަރ ޗިކެން، ޗިކެންޓިއްކާ، ޗިކަންމަސާލާ، ޑެވިލްޑް ޗިކަން އަދި ރޯސްޓެޑް ޗިކަންފަދަ ބާވައްތައް އަޅުގަނޑުމެން ދިވެހިން ތައްޔާރުކުރެއެވެ.

މިފަހަރު މިގެނެސްދެނީ ރޯސްޓެޑް ޗިކަން ތައްޔާރު ކުރާނެގޮތެވެ. މިއީ ތަރާވީސްދަމަށްވެސް އެއްވަނައިގެ ކެއުމެކެވެ. ނިކަން އަޖުމަބަލާލަން މިއަދުގެ ތަރާވީސް ދަމަށް ތައްޔާރުކޮށްލަމާ ހިނގާށެވެ.

ބޭނުންވާ ތަކެތި:

8 ލޮނުމެދު

1 ލެމަން

2 ކުޑަ ފިޔާ

1 ސައިސަމުސާ ލޮނު

1 ސައިސަމުސާ މުގުރި ދިރި

2 މޭޒުމަތީ ސަމުސާ ތެޅި މިރުސް

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމްސާ ކޮރިއެންޑަރ ޕައުޑަރ

½ 1 ސައިސަމުސާ އޮލިވް އޮއިލް

2 ސައިސަމްސާ ސޯޔާ ސޯސް

1 ސައިސަމްސާ އޮއިސްޓަރ ސޯސް

2 މޭޒުމަތީ ސަމުސާ ލޮނުނުލާހުރި ބަޓަރު (ފިނި ކަނޑުވާފައި)

1.2 ކިލޯ ހޯލް ޗިކަން (ހަންގަނޑާއިއެކު)

ތައްޔާރު ކުރާނެގޮތް:

ލެމަންގެ ތޮށްޓާއި 4 ލޮނުމެދު ގާނާފައި ބަހައްޓާށެވެ. އަދި ފިޔާކޮޅު ބޮޑެތިކޮށް ކޮށާލާއި ލެމަން ފޮތިކޮށްލާށެވެ. އަދި ބާކީއޮތް ހުރި ލޮނުމެދު ޗަސްކޮށްލާފައި ބަހައްޓާލާށެވެ. ދެން ފުންތައްޓެއް ނަގައި ހުރިހާ ހަވާދުގެ ބާވަތްތަކާއި ތެޔޮ، ބަޓަރު، އޮއިސްޓަރ ސޯސް އަދި ސޯޔާ ސޯސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅުގެ ކަރާއި ހުޅުވިފައިވާ ތަނުގެ ވަށައިގެން ގިނަވެފައި ހުންނަ ހަންގަނޑު ކަފާލައިގެން ނަގާށެވެ. ދެން ތޫނު ވަޅިއެއް ބޭނުން ކޮށްގެން ކުކުޅުގެ ކޮންމެ ފައެއްގައި ޅިއައެއް އަޅާށެވެ. ދެން ޓިޝޫ ބޭނުން ކޮށްގެން ކުކުޅު ރަނގަޅަށް ހިއްކާލާށެވެ. އަދި ކުކުޅު ފިހަން ބޭނުން ކުރާނެ ތަބަކުގައި ފޮއިލްއަޅައި ކުކުޅު ބާއްވާށެވެ.

ދެން ކުކުޅުގެ މެއާ ދިމާލުން ހަނގަނޑާއި މަސްގަނޑުގެ ދޭތެރެއަށް ދެއިނގިލި ވައްދާލާ މަޑުމަޑުން ޖާގައެއް ހުޅުވާލާށެވެ. މެއާ ދިމާލުން ދެފަރާތަށްވެސް މިހެން ހަދާށެވެ. ހަމަ މިގޮތަށް ފައިގައި ޅިއަ އެޅިތަނުގައިވެސް އިނގިލި ބޭނުން ކޮށްގެން ޖާގައެއް ހުޅުވާލާށެވެ. އިނގިލި ބޭނުން ކުރަން ބޭނުން ނޫން ނަމަ ކުޑަ ސަމުސަލެއް ބޭނުން ކޮށްގެންވެސް މިހެން ހެދިދާނެއެވެ. އެއަށްފަހު އެއްކުރި ސާމާނުގެ ދެބައިކުޅަ އެއްބައި ނަގައި ކުކުޅުގެ މެއާއި ދިމާލުން ހެދި ޖާގައިގެ ތެރެއަށާއި ފައިގައި ޅިއަ އެޅި ތަންތަނުގެ ތެރެއަށް އަޅާ ފަތުރާލާށެވެ. ބާކީ ހުރި އެތިކޮޅު މުޅި ކުކުޅުގެ ބޭރުގައި އުނގުޅާލާށެވެ.ދެން ގޭނި ލޮނުމެދާއި ކޮށާފައި ބެހެއްޓި ފިޔާ އަދި ލެމަންގެ ދެބައިކުޅައެއްބައި ކުކުޅުގެ ހުޅުވިފައި އޮންނަ ތަނުގެ ތެރެއަށް އަޅާށެވެ. ދެން ތަބަކުގެ މަތީގައި ފައިތަށް މައްޗަށް ވާނެ ގޮތަށް ކުކުޅު ބާއްވާށެވެ. ދެން ބާކީހުރި ފިޔާ އަދި ލެމަން ތަބަކުގެ ތެރޭގައި ކުކުޅުގެ ވަށައިގެން އަތުރާލާށެވެ.

ކުކުޅު ފިހުމަށް 220 ޑިގްރީސް ސެލްސިއަސްގައި 10 މިނިޓު ވަންދެން އަވަން ހޫނުކުރަން ޖައްސާށެވެ. އެއަށްފަހު 1 ގަޑިއިރު ވަންދެން ނޫނީ ކުކުޅު ރޯފިލާ އޭގެ ބޭރަށް ރަން މުށިކުލަ އަރަންދެން ފިހާށެވެ. ކުކުޅު ފިހެވުމުން ސާވިން ޕްލޭޓްއަކަށް ނަގާށެވެ. އަދި ބަތް ނުވަތަ ނާން އާއި ފަރާޓާ ފަދަ އެއްޗަކާއިއެކު ސާވްކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން