މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ވަގުތީ ނަތީޖާއިން، ރާއްޖޭގެ އާބާދީގައި ހިމެނެނީ 515122 މީހުންކަމަށް ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މިއަދު ވަނީ މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ބޯހިމެނުމުން ލިބުނު މައުލޫމާތުތަކުން ބައެއް ވަގުތީ ނަތީޖާތައް އާއްމުކޮށްފައެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބިދޭސީންނާއި ދިވެހިން ހިމެނޭގޮތަށް ރާއްޖޭގެ އަބާދީއަކީ 515122 ކަމަށްވާއިރު، އޭގެތެރެއިން 382751 މީހުންނަކީ ދިވެހިންނެވެ. އަދި 132371 މީހުންނަކީ ބިދޭސީންނެވެ.

މި އަދަދުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީގެ 26 އިންސައްތައަކީ ބިދޭސީންނެވެ. އެއީ ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއްގެ ރޭޝިއޯއެކެވެ.

ބޯހިމެނުމުގެ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 41 އިންސައްތަ އުޅެނީ މާލޭގައެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި އުޅެނީ އާބާދީގެ 46 އިންސައްތައެވެ. އާބާދީގެ 10 އިންސައްތަ ރިސޯޓްތަކުގައި އުޅޭއިރު 3 އިންސައްތަ މީހުން އުޅެނީ ސިނާއީ މަސައްކަތްކުރާ ރަށްރަށުގައެވެ. އެހެންކަމުން ގިނަ މީހުން އުޅެނީ ރަށްރަށުގައިކަމަށް މި މައުލޫމާތުތަކުން ހާމަވެއެވެ.

ވަކިވަކި ސަރަހައްދުތަކުގެ އާބާދީއަށް ބަލާއިރު ރާއްޖޭގެ ޖުމްލަ އާބާދީގެ 5 އިންސައްތަ ނުވަތަ 25053 މީހުން އުޅެނީ އައްޑޫ ސިޓީގައެވެ. އާބާދީގެ 4 އިންސައްތަ ނުވަތަ 14603 މީހުން އުޅެނީ ހދ.އަތޮޅުގައެވެ. އާބާދީގެ 3 އިންސައްތަ އާބާދީ އުޅޭ އަތޮޅުތަކުގެ ތެރޭގައި ހއ، ށ، ރ، ކ އަދި ލ އަތޮޅު ހިމެނެއެވެ. ބާކީ ހުރި އަތޮޅުތަކުގައި އުޅޭނީ އާބާދީގެ 2 އިންސައްތަށްވުރެ މަދު އަދަދަކަށެވެ.



8 އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޫބަރުމަހާއި ހަމައަށެވެ.

މިއަދު އާއްމުކޮށްފައިވާ މައުލޫމާތަކީ އިދާރީ ރަށްރަށުގެ ފެންވަރުގައި އެއްކުރެވުނު މަޢުލޫމާތުތަކެކެވެ. މިގޮތުން އެރަށެއްގައި އުޅޭ ދިވެހިންގެ އަދަދާއި ބިދޭސިންގެ އަދަދާއި ޖިންސާއި އުމުރުފުރައިގެ މަޢުލޫމާތުތައް ވަނީ އާއްމުކޮށްފައެެވެ. އަދި ގޭބިސީތަކުގެ އަދަދާޢި އެވްރެޖްކޮށް ގޭބިސީއެއްގައި އުޅޭ މީހުންގެ އަދަދާއި އިމާރާތްތަކާއި މީހުން ނިދާ، ދިރިއުޅޭ ތަންތަނާއި ލޭބަރ ކުއަރޓާޒްތަކާއި މަސައްކަތް ހިނގާ ތަންތަނުގެ މަޢުލޫމާތުތައްވެސް ވަނީ އާއްމުކޮށްފައެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ ބޯހިމެނުމުގެ ޑޭޓާގެ ކޯޑްކުރުމުގެ މަސައްކަތާއި އެކި ދާއިރާތަކުން ނަގާފައިވާ ތަފްސީލް މަޢުލޫމާތު ވެލިޑޭޓްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އަދި އިތުރު ދާއިރާތަކުގެ ނަތީޖާތައް ހާމަކުރާނެ ތާރީޚުތައް އާއްމުކޮށް އަންގަމުން ގެންދާނެކަމަށެވެ.

ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއް އަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ބޯހިމެނުމުގައި ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މަޢުލޫމާތުވެސް ވަނީ އެއްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު