ޞާދިރު ޢަލީދީދީ   30 މާރިޗު 2023 - 16:58
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދާދާގުޅޭ)

.

ދުނިޔެ ހޯދަން އެދޭމީހެއްގެ ހުރިހާ ޙަރަކާތްތަކެއް ދުނިޔެވީ މަޞްލަޙަތުތަކުގެ ވަށައިގެން އެނބުރޭ ފަދައިން ކަލާނގެ ރުއްސެވުން އެދޭ އަޅެއްގެ ދިރިއުޅުން އަމާޒު ކުރެވިފައިވާނީ އާޚިރަތާ ދިމާޔަށެވެ. ކޮންމެ ކަމެއްގައިވެސް އޭނާ އެކަމެއް ކުރާނެގޮތް ކަނޑައަޅަމުން ގެންދާނީ އާޚިރަތުގައި އޭނާގެ ނިމުން އަންނާނީ ކިހިނެއްކަމާމެދު ކުރާ ޚިޔާލާ އެއްގޮތަށެވެ. އުފަލަކަށްވިޔަސް ނުވަތަ ހިތާމަޔަކަށްވިސް، ކާމިޔާބީ އަކަށްވިޔަސް ނުވަތަ ނާކާމިޔާބީއަކަށްވިޔަސް، އިޚްތިޔާރެއް ނެތުމާއި، އިޚްތިޔާރު ލިބިގެން ވުމާއެކުވެސް، ތަޢުރީފް ކުރަމުން ގެންދިޔަޔަސް ނުވަތަ ފާޑުކިޔަމުން ގެންދިޔަޔަސް، ރުޅިއައިސްފައި ހުއްޓަސް ނުވަތަ ލޯބިވެގެން އުޅުނު ކަމުގައިވިޔަސް، ކޮންމެ ހިނދެއްގައި، ކޮންމެ ޙާލެއްގައިވެސް އޭނާ އަށް މަގުދައްކާނީ އާޚިރަތުގެ ހަނދާނެވެ. އާޚިރަތުގެ ފިކުރު އޭނާ ޝުޢޫރުގެ އެންމެ ފުނުގެ އެއްބައިކަމުގައި ހިމެނިއްޖައުމަށް ދާންދެނެވެ. އެހާތަނަށްދާއިރު އޭނާގެ ކިބައިން އާދަމުގެ ދަރިވަންތަކަން ފިލައިނުދިޔަ ކަމުގައިވިޔަސް އޭނާގެ ފިކުރު އޭރު ހިނގަމުންދާނީ އާޚިރަތާ ގުޅުންހުރި ކަންތަކާ މެދުގައެވެ. އާޚިރަތާނުގުޅޭ ކަންތަކާމެދު އޭނާގެ ޝައުޤުވެރިކަން ކުޑަވެގެންދާވަރުން އޭނާއަށް ބައެއްފަހަރު ބުނާންޖެހެނީ "ތިޔަބައިމީހުން ތިޔަބައިމީހުންގެ ދުނިޔޭގެ ކަންތައް އަހަންނަށްވުރެ ބޮޑަށް ދަންނަމުއެވެ." މިފަދައިންނެވެ.

މިޙަޤީޤަތަކީ ހަމައެކަނި ޢިލްމީ ޙޯދުމަކާ އެއް ޙައިޘިއްޔަތެއްގެ އެއްޗެއްނޫނެވެ. މި ޙަޤީޤަތް ހާމަވުމަށްފަހު އިންސާނާގެ ދިރިއުޅުމުގެ ގޮތްތައް ބަދަލުވެގެން ހިނގައިދެއެވެ. އޭނާ މުޅީން އެހެން މީހަކަށް ވެދެއެވެ. މީގެ އެންމެ ފުރިހަމަ މިސާލަކީ އިސްލާމްދީނުގެ ނަބިއްޔާގެ ޒާތުފުޅެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ބޮޑު ފިލާވަޅަކީ މީހާ ދިރިއުޅޭ ސަޠުޙު ބަދަލު ނުކުރާހާ ހިނދެއްގައި ޢަމަލުތަކުގެ ސަޠުޙު ބަދަލު ނުކުރެވޭނެކަމެވެ.

އިސްލާމްދީނުގެ ނަބިއްޔާ އަށް މިޙަޤީޤަތް އެނގިވަޑައިގަތުމުން، އެކަންތައް ހިމެނުނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ބޮޑު މައްސަލަ ކަމުގައެވެ. އެކަލޭގެފާނު އެ ސުވަރުގެއެއްގެ ވާހަކައިން އުފާވެރިކަމުގެ ޚަބަރުދެއްވާ ސުވަރުގެއަށް އެންމެ ބޮޑަށް ދަހިވެތިވެ ވަޑައިގަންނަވަނީ ޚުދު އެކަލޭގެފާނު ކަމުގައި ހިމެނިވަޑައިގަތެވެ. އެނަރަކައަކާމެދު އެކަލޭގެފާނު އެހެންމީހުން ބިރުގަންނަވާ، ނަރަކަ ދެކެ އެންމެންނަށްވުރެ ބޮޑަށް ޚުދު އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވާން ފެށިއެވެ. އެކަލޭގެފާނަށް މިކުރިމަތިވެވަޑައިގަތް އެތެރޭގެ ޠޫފާން، ތަކުރާރު ކުރައްވަމުން ގެންދަވާ އިސްތިޣުފާރާއި ދުޢާގެ ސިފައިގައި އެކަލޭގެފާނުގެ ދޫފުޅުން ފާޅުވާން ފެށިއެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުން އާއްމު އިންސާނުންނާ ކިހާތަފާތެއްކަން ބައެއް ވާޤިޢާތަކުން އެނގެއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަނބިކަނބަލުން السيدة أم سلمة رضي الله عنها ގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. އެއްދުވަހަކު ރަސޫލާ އެކަމަނާގެ ގޭގައި އިންނަވާފައި، އެކަމަނާގެ ޚާދިމާއަށް ގޮވާލެއްވިހިނދު އޭނާ އައުން ލަސްވުމުން ކޯފާ އިސްވެ މޫނުފުޅުން އެކަމުގެ އަސަރު ފެންނަން ހުއްޓެވެ. السيدة أم سلمة ފަރުދާގެ ކައިރިއަށް ވަޑައިގެން ބެއްލެވިއިރު ޚާދިމާއުޅެނީ ކުޅޭށެވެ. އެހިނދު ރަސޫލާގެ އަތްޕުޅުގައި އޮތް ދަތްޕުޅު އުނގުޅުއްވާ މިސްވާކެއް ނަންގަވާފައި ޚާދިމާއާ ދިމާއަށް ވިދާޅުވިއެވެ. ޤިޔާމަތްދުވަހު މާތް ރަސްކަލާނގެ ބަދަލަށް ބަދަލު ހިއްޕެވުމުގެ ބިރުވެރިކަން ނުވާނަމަ، މި މިސްވާކުން ކަލެއަށް ތަދުވާވަރަށް ޖެހީމުހެވެ. (އަލްއަދަބުލް މުފްރަދު، ބާބު ގިޞާޞުލް ޢަބްދު، ސަފްހާ:29)

ހިޖްރައިން 2 ވަނަ އަހަރުގައި ބަދުރުހަނގުރާމަގައި ހައްޔަރު ކުރެވިގެން ގެނެވުނު މީހުންނަކީ އެކަލޭގެފާނުގެ އެންމެ ބޮޑެތި ދުޝްމަނުންނެވެ. ނަމަވެސް އެކަލޭގެފާނު އެމީހުންނަށް ވަރަށް މާތްކޮށް ހިއްތެވިއެވެ. މިދެންނެވި އަސީރުންގެ ތެރޭގައި ހިމެނޭ އެކަކުކަމުގައި سهيل بن عمرو ހިމެނުނެވެ. އޭނާއަކީ ވަރަށް ކުޅަދާނަ ވާހަކަ ދެއްކުންތެރިޔެކެވެ. މުޝްރިކުންގެ ހުރިހާ އެއްވުންތަކެއްގައި މާތް ރަސޫލާއާ ދެކޮޅަށް އޭނާ ވިޔާނުދާ ތަޤްރީރުތައް ކުރެއެވެ. އެހެންކަމާއެކު عمر رضي الله عنه އޭނާގެ ތިރީދަތްޕިލާއިގެ މެދުދެދަތް އުފުރައިލެއްވުމަށް ލަފާދެއްވިއެވެ. އޭނާގެ ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ކަނޑުއްވައިލެއްވުމުގެ ގޮތުންނެވެ. އެއަޑުފުޅު އިވިވަޑައިގަތުން މާތް ރަސޫލާ ޙަދީޘްކުރެއްވިއެވެ.

" އަހުރެންނަކީ މާތް ކަލާނގެ ރަސޫލަކު ކަމުގައިވިޔަސް ތިޔައިރުން ޤިޔާމަތްދުވަހުން އެކަލާނގެ އަހުރެންގެ މޫނު ހަލާކުކުރައްވާ ހުއްޓެވެ."

އިސްލާމްދީނުގެ ނަބިއްޔާއަކީވެސް އާއްމު އިންސާނުންނެކޭ އެއްފަދަ އިންސާނެކެވެ. އިންސާނުން އުފާވާކަހަލަ ކަންތަކާ އެކަލޭގެފާނު އުފާފުޅުވެއެވެ. މޮޅިވާ ޒާތުގެ ކަންތަކާމެދު އެކަލޭގެފާނުވެސް މޮޅިފުޅުވެއެވެ. ނަމަވެސް އެކަލޭގެފާނުގެ އަޅުވެރިކަން މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތަކުން އެކަލޭގެފާނު ބޭރުވެވަޑައިގަތަ ނުދެއެވެ.

އިސްލާމްދީނުގެ ނަބިއްޔާއަށް އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައި السيدة ماريةالقبطية ގެ ބަނޑުފުޅުން ފިރިހެން ބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ ވަރަށް ރީތި، ޞިއްޙަތު ރަނގަޅު ބޭފުޅެކެވެ. މާތް ރަސޫލާ އެދަރިކަލުންނަށް ނަންދެއްވީ އެކަލޭގެފާނުގެ އެންމެ މާތް ކާފާކަލުން ابراهيم ގެފާނުގެ ނަންފުޅުންނެވެ. ابورافع رضي الله عنه ވަޑައިގެން ابراهيم ގެފާނު ރައްކާވިވާހަކަ ވިދާޅުވުމުން މާތް ރަސޫލާއަށް ލިބިވަޑައިގެންނެވި އުފާފުޅުން ابورافع އަށް އިނާމަކަށް އަޅަކު ދެއްވިއެވެ. އެކަލޭގެފާނު ابراهيم ގެފާނު އުނގުފުޅުގައި ވަޑުއްވައިގެން ފަރީއްކޮޅު އަރުއްވައެވެ. އަދި ލޯބިކުރައްވައެވެ.

ޢަރަބީންގެ އާދަކާދައިގެމަތީން ابراهيم ގެފާނަށް ކިރުފޮދު އެރުވުމަށް ކިރުމައިކަނބަލަކާ ޙަވާލު ކުރެއްވިއެވެ. އެބޭކަނބަލަކީ بردة بنت المنذر بن زيد الانصارى އެވެ. އެކަމަނާއަކީ ދަގަނޑު ތަޅުއްވައި އުޅުއްވި ބޭކަލެއްގެ އަނބިކަނބަލުންނެވެ. އެކަލޭގެފާނުގެ ކުޑަކުޑަގެކޮޅު ވަރަށް ގިނަފަހަރު އޮންނަނީ ދުމުން ފުރިފައެވެ. މާތްރަސޫލާ ދަރިކަލުން ދެކެވަޑައިގަތުމަށް އެގެކޮޅަށް ވަޑައިގަނެއެވެ. އެގެކޮޅު އެކަލޭގެފާނުގެ ލޯފުޅަށާއި ނޭފަތްޕުޅަށް ދުންތައް ވަދެއެވެ. އެކަލޭގެފާނަކީ ވަރަށް ނާޒުކު ޠަބީޢަތެއްގެ ބޭކަލަކަށް ވެވަޑައިގަތުމާއެކުވެސް އެކަމަށް ކެތްކުރައްވައެވެ. ابراهيم ގެފާނަށް ދޮޅުއަހަރުފުޅު ވީތަނާ ހިޖުރައިން 10 ވަނަ އަހަރު (ޖެނުއަރީ 632މ.) އެކަލޭގެފާނު އަވަހާރަވެއްޖެއެވެ. ދަރިކަލުން އަވަހާރަވީތަން ފެނިވަޑައިގަތުމުން މާތް ރަސޫލާ ކީރިތި ކުރައްވަން ފެއްޓެވިއެވެ.

މިޙާދިޘާގައި މާތް ރަސޫލާ ފެންނަނީ އާއްމު އިންސާނަކު ފަދައިންނެވެ. އެކަލޭގެފާނުގެ ޖަޒުބާތައި، އެކަލޭގެފާނުގެ ހިތާމަފުޅުހުރީ އާއްމު ބައްޕައެކޭ އެއްގޮތަށެވެ. އެހެންކަމާއެކުވެސް މާތް ﷲ އެކަލޭގެފާނުގެ ގުޅުން ކަނޑުއްވައެއް ނުލައްވައެވެ. ޝައްކެއްނެތެވެ. އެކަލޭގެފާނު ހުންނެވީ މޮޅިފުޅުންނެވެ. ނަމަވެސް ދޫފުޅުން ވިދާޅުވަމުން ގެންދެވީ މިފަދައިންނެވެ.

"މާތް ﷲ ގަންދީ ހުވައިކުރަމެވެ. އޭ ابراهيم އެވެ. ހަމަކަށަވަރުން ދަރިފުޅާ ވަކިވާން ޖެހުމުގެ ސަބަބުން އަހަރެމެން މިތިބީ ވަރަށް ބޮޑުހިތާމައެއްގައެވެ. ލޮލުން ކަރުނަ ފައިބައި ރޮވެނީއެވެ. ހިތަށް ތަދުވަނީ އެވެ. ނަމަވެސް ﷲ ރުހިވޮޑިނުގަންނަވާނެ އެއްޗެއް އަހަރެމެންގެ ދުލަކުން ނުބުނާނޫއެވެ."

ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުސްތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ސިލްސިލާކޮށް ގެނެސްދެމުން އަންނަ

ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން