މަރިޔަމް ލަމްޙާ ރަޝީދު   30 މާރިޗު 2023 - 14:23
ސެމޮލީނާ ލެމަން ކޭކް
ސެމޮލީނާ ލެމަން ކޭކް
ސެމޮލީނާ ނުވަތަ ސޫޖީ ލެމަން ކޭކަކީ ސޫޖީތައްޔާރުކުރުމަށް ބޭނުންކުރާ ސެމޮލީނާ ފުށުން ތައްޔާރުކޮށްލެވޭނެ މަޑުމަޑު މީރު ކޭކެކެވެ.

މިއީ ރޯދަ ވީއްލާ ވަގުތުގައި ފޮނި ބާވަތަކަށް ތައްޔާރުކޮށްލަން ވަރަށް ރަނގަޅު އެއްޗެކެވެ. މިރޯދަމަހު ގޭގައި ތައްޔާރުކޮށްލައިގެން އާއިލާ މީހުންނަށް މިކޭކުގެ ރަހަ ދައްކާލަ ބަލާށެވެ. ޔަގީނުންވެސް އެންމެނަށް ކަމުދާނެއެވެ.

ކޭކު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި

125 ގްރާމް އަން ސާލްޓެޑް ބަޓަރ

1 މޭޒުމަތީ ސަމްސާ ބޮޑު ލުނބޯތޮށިން ގާނާފައި

1 ޖޯޑު ހަކުރު

2 ބިސް

3/2 ޖޯޑު ސޫޖީ/ސެމޮލީނާ

1 ½ ފުށް (ފުރާނާފައި)

½ ޖޯޑު ކިރު

ލެމަން ސިރަޕްއަށް ބޭނުންވާ ތަކެތި

1 ޖޯޑު ކާސްޓަރ ޝުގަރ

½ ޖޯޑު ލުނބޯ ހުތް

1 ލުނބޯ ތުނިކޮށް ކޮށާފައި

ކޭކު ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ 160 ޑިގްރީއަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަދި 6 ސެންޓިމީޓަރު ފުން ވަށް ޓްރޭއެއްގައި ބަޓަރު ހާކާލާށެވެ. އަދި ބޭކިންގ ޕޭޕަރ އަޅާށެވެ. ދެން އަވަން ހޫނުކުރުމަށް ބަހައްޓާފައި ބަޓާރާއި ލުނބޯ ތޮށިކޮޅާއި ހަކުރު މިކްސަރަށްއަޅައި ރަނގަޅަށް ހިމުންވެ ކްރީމް ޕޭސްޓުހެން ހުންނާނެހެން މިކްސް ކޮށްލާށެވެ. ދެން ބިސް އަޅާށެވެ. އަދި ސެމޮލީނާ ފުށާއި ކިރު އަޅައި ކޭކު މިކްސް ތައްޔާރުކޮށްލާށެވެ. ދެން ތައްޔާރުކުރި ޓްރޭ ނަގައި މި މިކްސް ޓްރޭއަށް އަޅާށެވެ. އަދި އަވަނަށް ލައި 45- 50 މިނެޓު ވަންދެން ކޭކު ފިހަން ބަހައްޓާށެވެ.

ކޭކުފިހަން އަވަނަށް ލުމަށްފަހު ލެމަން ސިރަޕް ތައްޔާރުކުރުމަށް ފަށާށެވެ. ސިރަޕް ތައްޔާރުކުރުމަށް ބައި ޖޯޑު ފެނުގެ ތެރެއަށް ހަކުރާއި ލުނބޯ ހުތް އަޅައި މަޑު ގިނީގައި ކައްކަން އުނދާށެވެ. އަދި 5 މިނެޓުވަންދެން ނުވަތަ ހަކުރު ވިރެންދެން މަޑުމަޑުން ދަބައަކުން އެއްކުރަމުން ކައްކާށެވެ. ދެން ލުނބޯ ފޮތި އެއަށް އަޅާށެވެ. އަދި ރަހަގަނޑު ފެނުގެ ތެރެއަށް ފެތުރުމަށް ގިނި ބާރުކޮށްލައި 4 -5 މިނެޓުވަންދެން ކައްކާށެވެ. ދެން ލުނބޯތައް ނަގާށެވެ. އަދި މިސިރަޕްގެ އެއްބައި ކޭކުގެ މައްޗަށް އަޅާށެވެ. ދެން ކޭކު ސާވްކުރާ ތައްޓަށް ލާށެވެ. އަދި ސާވްކުރާއިރު އަނެއްކާވެސް ސިރަޕް އަޅާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން