މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެއްވަނަ ލިބޭނީ ރައީސް ޔާމީނަށް ކަމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙަައްމަދު ސާލިޙަށް ލިބިވަޑައިގަންނަވާނީ ތިން ވަނަ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް 135000 ވޯޓު ހޯދުމަކީ ދަތިކަމެއް ނޫން ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވުމާއި ގުޅިގެންނެެވެ.

"ރަސްއޮންލައިން" ގައި ޝާއިއުކުރި އެ ޚަބަރު ޓުވީޓާގައި ހިއްސާކުރަށްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެއްވަނަ ލިބިވަޑައިގަންނަވާނީ ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިނަށް ކަމަށެވެ.



އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ދެވަނަ ލިބިވަޑައިގަންނަވާނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ލިބިވަޑައިގަންނަވާނީ ތިން ވަނަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގައި ތިބޭ މީހުން ކުރިއަށް އޮތްތާގައި ވަކިކުރާނެ ކަމަށާއި އެކަމާ ގުޅިގެން ސަރުކާރާއި ފެއަށްޖެހޭ މީހުން ކުރިމަގުގައި އިތުރުވެގެންދާނެ ކަމަށެވެ.

"މިހާރުގެ ރައީސް ސާލިޙު ކައިރީގައި ތިބި ބައެއް ވެރިންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ޕީޕިއެމާއި ޖުމުހޫރީ ޕާޓީ އާއި ގުޅޭނެ،" ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރަށްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ސާލިޙު އެއްބުރުން ކާމިޔާބު ކުރަށްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނަށް 135000 ވޯޓް ހޯދުމަކީ ބޮޑުކަމަކަށް ނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަން ކުރެއްވި މޫސަ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކަނި 100000 ވޯޓް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު