އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑު އެހުން މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އަލީ އަމްޖަދުނަމަކަށް ކިޔާ މީހެކެވެ.

އޭނާ ހުށަހަޅާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައެޅުމަށާއި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ހަވާލުކުރުން ހުއްޓުވައިދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.

މީގެއިތުރުން އެމްޑީޕީގެ 39،000 މެމްބަރުން އުނިކުރީ ޕާޓީން މެންބަރުން ވަކިކުރަން ޖެހޭ އުސޫލާ އެއްގޮތައް ނޫން ކަމަށް ކަނޑައަޅައިދިނުމަށްވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި އަލީ އަމްޖަދު މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ މައްސަލައިގެ އަޑުއެހުމެއް މާދަމާ 11:30 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށްކަމަށްވެސް އޭނާ ބުންޏެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ސާލިހު ބޮޑު ކާމިޔާބީއެއް ހޯއްދަވާފައިވީނަމަވެސް އިންތިހާބު އަދުލުވެރި ނޫންކަމަށް ބުނެ ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ރައީސް ސާލިއަށް ތާއީދުނުކުރާނެކަމަށް ބުނަމުންނެވެ.

އިންތިހާބު ސައްހަ ނޫންކަމަށް ދައްކާ ވާހަކަތައް އެމްޑީޕީން ދޮގުކުރެއެވެ. އަދި އިންތިހާބު ބާއްވާފައިވަނީ އެކަމާއި ގުޅޭ އުސޫލުތަކާއި އެއްގޮތަށްކަމަށްވެސް އެމްޑީޕީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު