ތިލަމާލެ ބްރިޖްގެ މަސައްކަތަށް އެންމެ ފުރަތަމަ ރާއްޖެ އައި މައި އެއް އުޅަނދު ކަމަށްވާ "ރުމައިލާ" ރާއްޖެއިން ފުރައިގެން ގޮސްފައިވަނީ އެއުޅަނދު ބޭނުންކޮށްގެން ކުރާ މަސައްކަތްތައް ނިމުމުންކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

ބްރިޖުގެ މަސައްކަތަށް ބޭނުންކުރަމުންދިޔަ ރުމައިލާ ނަމަކަށް ކިޔާ އުޅަނދު ފުރުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންނެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޕްލޭނިން މިނިސްޓްރީން ބުނީ އެ އުޅަނދު ރާއްޖެއިން ފުރީ އެއުޅަނދު ބޭނުންކޮށްގެން ކުރާ މަސައްކަތްތައް ނިމުމުންކަމަށެވެ. އަދި ކުރިއަށްހުރި މަސައްކަތްތަކަށް ބޭނުންވާ އުޅަނދުތައް ރާއްޖެއަށް އަންނަމުންދާނެކަމަށާއި، ބޭނުންވާ ސާމާނާއި ވަސީލަތްތައް ގެންނަމުންދަނީ، އެ ވަގުތަކަށް ބޭނުންވާ މަސައްކަތްތަކަށް ބަލައިގެންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އުޅަނދު ރާއްޖެއިން ފުރިނަމަވެސް ބްރިޖުގެ މަސައްކަތް ނުހުއްޓޭކަމަށާއި، ޕްރޮޖެކްޓްގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން ކަނޑުގައި ޖަހާ ޖުމްލަ 8 ތަނބެއްގެ ޕައިލިން މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ވިލިމާލެ ފަޅިން މަސައްކަތް ކުރިއަށްދާ 6 ތަނބާއި، މާލެ ފަޅިން ޖަހާ 2 ތަނބުގެ ޕައިލިން މަސައްކަތެވެ.

މި މަަސައްކަތްތަކުގެ އިތުރުން ބްރިޖް ގުޅާލާ ސުޕަރ ސްޓްރަކްޗަރ މަސައްކަތްތައް މާލޭގައި ކުރިއަށްދާކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ތިލަފުއްޓާއި ހަމައަށް ބްރިޖް ގުޅާލުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާއި ހަމައަށް ނިންމުމަށް ސަރުކާރުން ވަނީ ޢަމާޒު ހިފާފައެވެ. މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މިމަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.



ކިޔުންތެރިންގެ ހިޔާލު