މާލެ ސަރަހައްދުގައި ވެހިކަލްތައް ގިނަވެ، ތޮށްޖެހުން އިތުރުވަމުންދަނީ މާލެ ސިޓީ ކައުންސިލުން ނިންމަންޖެހޭ ނިންމުންތަކެއް ނުނިންމާ އޮތުމުގެ ސަބަބުންކަމަށް މިނިސްޓަރ އޮފް ޓްރާންޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ވެހިކަލް އިތުރުވަމުންދާ މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުުވީ މާލެއަށް ވެހިކަލް ތޮއްޖެހުން ހައްލުކުރެވޭނެ އެއް ކަމަކީ އަހަރެއްގެ މައްޗަށް އެތެރެކުރެވޭނެ އުޅަނދުތަކުގެ ޢަދަދު ކަނޑައެޅުންކަމަށާއި އެއީ ސިޓީ ކައުންސިލުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއްކަމަށެވެ. ނަމަވެސް ކައުންސިލުން އެ އެކަންކޮށްފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ނަމަވެސް އެބޭފުޅުން އެ ނިންމުން ނުނިންމާތީ ވެހިކަލް ގިނަވެގެން މިދަނީ. މިކަމުގައި ހައްލެއް ރައްޔިތުންނަށް ގެނެސްދޭނެ ބޭނުންވާނަމަ ކޮމިޓީންނަމަވެސް މިކަމަށް ހައްލެއް ގެނެސްދެއްވާ" ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއްގަމު އުޅަނދެއް ރާއްޖެ އެތެރެކުރުމަށް މިހާރުގެ ޤާނޫނުން އެއްވެސް މީހަކަށް އެއްވެސް ހުރަހެއް ނެތްކަމަށާއި އަދި އެތެރެކުރާ އުޅަނދުތައް ރަޖިސްޓްރީކޮށްދިނުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޤާނޫނުން ލާޒިމްކަމަށެވެ. އެެހެންކަމުން އެކަންކަން ހައްލުކުރުމުގެ ގޮތުން އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައަޅުއްވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެ އެތެރެކުރެވޭނެ އެއްގަމު އުޅަނދުތަކުގެ ޢުމުރު ކަނޑައެޅުމަށްވެސް މަސައްކަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުންް ފަސް އަހަރަށްވުރެ އުމުރު ދިގު ވެހިކަލެއްނަމަ ރާއްޖެއަށް އެތެރެނުކުރެވޭ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"22 ޖޫން 2020ގައި އިކޮނިޮމިކް މިނިސްޓްރީއަށް ސިޓީއަކުން ދެންނެވިން. ވެހިކަލް ކޮންޓްރޯލް ކުރުމަށްޓަކައި ފަސް އަހަރު ވެފައި ހުރި ވެހިކަލް ރާއްޖެ އެތެރެ ނުކުރެވޭނެ ގޮތަށް ބަދަލުކުރުމަށް. ނަމަވެސް އެކަން ވެގެނެއް ނުދިޔަ. އަޅުގަނޑުމެން އެ ސިޓި ފޮނުވީމަވެސް އެކަމަށް އަޅުގަނޑުމެންނަށް ފިޔަވަޅެއް އެޅި ޤާނޫނަށް އިޞްލާހެއް ނުގެނެވުނު. ރާއްޖެއަށް ވެހިކަލް އެތެރެކުރުމަށް ކޮންޓްރޯލެއް ނެތިެއްޔާ އެތެރެކުރަމުންދާނެ އައްޑޫ ވިޔަސް ގްރޭޓާ މާލެ ސަރަހައްދުވިޔަސް." ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

ގަރާޖު ސިޓީގެ މައްސަލައަށް އަލި އަޅުއްވާލައްވަމުން މިިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުގައި އުޅަނދެއް ރަސްޖިސްޓްރީކުރުމަށް ގަރާޖަކަށް ހުއްދަ ދޭފަހުން، އެގަރާޖު ކެފޭއަކަށް ނުވަތަ ރެސްޓޯރަންޓަކަށް ބަދަލުކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެއީ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުމަށް ތިބި ބަޔަކު އަޑީގައި ތިބެގެންކޮށްފައިވާ ކަމެއްކަމަށް މިނިސްޓަރ ތުހުމަތުކުރެއްވިއެވެ.

ނަހުލާ ވިދާޅުވީ، ސަރުކާރު ބަދަލުވެގެން އައިފަހުން ގަރާޖު ސިޓީގެ ކަންކަން ރަނގަޅަށް ތަންފީޒްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު