އަހުމަދު މަސްނޫމް   28 މާރިޗު 2023 - 11:44
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސްޓީއޯ ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު (ކޮށީގެ ސައީދު) އައްޔަނު ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސައީދުގެ ނަން އެސްޓީއޯގެ އެމްޑީ ކަމަށް އައްޔަނު ކުރުމަށް ފޮނުވާފަައިވާ ކަމަށެވެ. ޕީސީބީން ވަނީ ސައީދުގެ ނަން ފޮނުވާފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ޕީސީބީން ބުނީ މިހާރު ކުރިއަށްދަނީ ވެޓިން ޕްރޮސެސް (ޝަރުތު ހަމަވޭތޯ ބެލުމުގެ މަރުހަލާ) ކަމަށާއި އެއަށްފަހު އޭނާ އެ މަގާމަށް އައްޔަނު ކުރުމާ މެދު ގޮތެއް ނިންމާނީ ބޯޑު ބައްދަލުވުމަކުން ކަމަށެވެ.



ސައީދަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓް ސެކްރެޓަރީއެއްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެެވެ. އޭނާ އަދާކުރަށްވާފައިވާ މަގާމުތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސްއެލް) ގެ ޑިރެކްޓަރު ކަމާއި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަންކަން ހިމެނެއެެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު މަގާމުން ވަކިކުރީ ރައީސް އޮފީހުގެ އެންގުމަކަށެވެ. މެނޭޖިން ޑިރެކްޓަރު އައްޔަން ކުރެވެން ދެން އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން މިހާރު ވަނީ އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމާއި ހަވާލުކޮށްފައެވެެ.



ކިޔުންތެރިންގެ ހިޔާލު