ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތަކުން ފްލެޓް ގަތުމަށް ޝަރުތު ހަމަވެ، ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތު ލައިގެން ކަމަށް ހައުސިން ޑިވޮލްޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ފަހުން ނެރުނު ލިސްޓުގައި ހައުސިން މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ޕޮއިންޓު ދީފައިވާއިރު، ޕޮއިންޓުގެ ގޮތުން އެއްވަރު މީހުންގެ ފްލެޓް ތަރުތީބު ކަނޑައެޅުމަށް އަންނަ ބުދަ ދުވަހު ގުރުއަތު ނަގާނެ ކަމަށެވެ.

އަދި އެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މައި-އެޕްލިކެންޓު އަދި ކޯ-އެޕްލިކެންޓްގެ ގޮތުގައި އެއް ފޯމަށް ވުރެ ގިނަ ފޯމުގައި ނަން ހިމަނާފައި އޮތް މީހުންނާއި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުގައި ސޮއިކޮށްފައިވާ މީހުން އެ ލިސްޓުން އުނިކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެޗްޑީސީން ބުނީ ދާއިމީ ލިސްޓު އާއްމުކުރުމަށް ފަހު، އެޕްލިކޭޝަން ދޫކޮށްލުމަށް އެދި އެޗްޑީސީއަށް ހުށަހަޅާފައިވާ މީހުންނަށް ފޯމާއިގެން ކުރިއަށް ގެންދިއުމަށް ދެ ވަނަ ފުރުސަތެއް ނުދޭނެ ކަމަށެވެ. އެ މަރުހަލާ ފުރިހަމަވުމުން، ބުކިން ފީ ނެގުމާއި ވިނަރެސް އެޕާޓްމަންޓް އިހުތިޔާރު ކުރުން ގެންދާނީ ގުރު ނަގައި، ލިސްޓު ތަރުތީބުކުރުމަށް ފަހު އާއްމުކުރާ ލިސްޓާ އެއްގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެެ.

އެޗްޑީސީން ބުނިގޮތުގައި ލިސްޓު ތަރުތީބު ކުރުމަށް ނަގާ ގުރުއަތުލުން އެޗްޑީސީގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ހަރަކާތް އޮބްޒާވްކުރުމަށް ދެ ކެޓަގަރީން ވެސް މަދުވެގެން ފަސް މީހަކަށް ފުރުސަތު ދޭން ނިންމާފައިވާއިރު އެ މީހުންނަށް ގުޅާނީ ހަމައެކަނި އެޗްޑީސީގެ ހޮޓްލައިން 3353535 ނަމްބަރުން އެކަނި ކަމަށް އެޗްޑީސީން ބުނެއެވެ. އެ ނަމްބަރުގެ އިތުރުން އެޗްޑީސީގެ އެއްވެސް މޮބައިލް ފޯނު ނަމްބަރަކުން ވިނަރެސް މަޝްރޫއާ ގުޅޭގޮތުން ނުގުޅާނެ ކަމަށާއި އަދި އެސްއެމްއެސް އަދި އެއްވެސް ލިންކެއް ވެސް ނުފޮނުވާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

"ވިނަރެސް" މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެއެެވެ. މިއީ މުޅިންވެސް 3 ކޮޓަރިއާއި 3 ފާޚާނާ ހިމެނޭ ފްލެޓްތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު