މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް މުޅިން އަލަށް ފަސް ފަރާތަކާ ހަވާލުކޮށް މަޤާމުގެ ކުރިއެރުންދީފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައެވެ. މަޤާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންނަށް މަގާމުގެ ލިޔުން ހާވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްޢުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ. އަދި މިފަސް ބޭފުޅުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް މިއަދު ލިބިވަޑައިގެންވި ފަސް ބޭފުޅުންގެ ތެރޭގައި އަންހެން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އަދި މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ މި ފަސް ބޭފުޅުންނާ ބައްދަލުކުރައްވާ، މަރުހަބާ ދަންނަވާފައެވެ.

މިނިސްޓަރަ މާރިޔާ ވިދާޅުވީ، މިއީ 130 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އެމުވައްސަސާގައި ފުރަތަމަ ފަހަރަށް ޗީފް ވޮރަންޓް އޮފިސަރގެ ރޭންކަށް މީހުން އައްޔަންކުރެއްވި ފަހަރު ކަމަށާއި މިފަސް ބޭފުޅުންގެ ދައުރު ސިފައިންގެ ތާރީހުގައި ލިޔެވިގެން ދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއް ރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު