ފަނޑިޔާރުން ނުލިބޭ މައްސަލަ ހައްލުކުރަން ޒުވާނުން ޖުޑީޝަރީއަށް އަހުލުވެރިކުރުވަން މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހެން ބުނެފައިވަނީ، އެ ކޮމިޝަނުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައެވެ.

ކޮމިޝަނުގެ އަހަރީ ރިޕޯޓްގައިވަނީ މިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކާއިބެހޭ ތަފްސީލްތައް ހިމަނާފައެވެ. އަދި އެ ކޮމިޝަނަށް ދިމާވި ދަތިތަކާއި އެކޮމިޝަނުން އަންނަ އަހަރަށް ރާވާފައިވާ ކަންކަންވެސް ރިޕޯޓްގައިވެއެވެ.

ޖޭއެސްސީގެ އަހަރީ ރިޕޯޓްގައި ބުނީ ފަނޑިޔާރުން ހޯދުމަށް ކުރާ އިއުލާންތަކަށް އިޖާބަ ލިބޭ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތައް ރާވާފައިވާކަމަށެވެ. އެގޮތުން ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ފުރާ އުމުރުގެ ކުދިންނާއި މި ދާއިރާއިން ކިޔަވާ ކުދިން ދާއިރާއަށް އަހުލުވެރިކުރުމުގެ މަސައްކަތް އަންނަ އަހަރު ހިންގާނެކަމަށް ކޮމިޝަނުން ބުނެއެވެ.

ޖުޑީޝަރީގެ ކުރިއެރުމަށް ރާވާފައިވާ އެހެން މަސައްކަތްތަކުގެ ތެރޭގައި ކޮމިޝަނަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދިއުންވެސް ހިމެނެއެވެ. މީގެއިތުރުން 2023 ވަަނަ އަހަރުގެ ނިޔަލަށް ފަނޑިޔާރުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތުގެ ތެރެއިން ހުރިހާ ފަނޑިޔާރުންގެ މަސައްކަތު ފެންވަރު ބަލާ ނިންމުންވެސް އަންނަ އަހަރު ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.

ޖޭއެސްސީގެ ރިޕޯޓްގައި އެކޮމިޝަނަށް ދިމާވާ ދަތިތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން ފަނޑިޔާރުންގެ ޤާބިލްކަން އިވެލުއޭޓްކުރާނެ ޤާބިލް މީހުން ހޯދަން ދަތިވުމުން ފަނޑިޔާރުން ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވަމުންދާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ކޮމިޝަނަށް ބޭނުންވާ ތަފާސް ހިސާބު އަދި މައުލޫމާތަކީ ކޮންމެ ފަހަރަކުވެސް މެނުއަލީ ހޯދާ މައުލޫމާތުކަމަށްވާތީ، އެ މައުލޫމާތު ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ކޯވިޑާއިި ގުޅިގެން ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާއާ ގުޅިގެން ކޮމިޝަނުގެ ބަޖެޓް އެންމެ އެކަށީގެންވާ ވަރަށް ބޭނުންކުރުމަށް ދަތިތަކެއް މިދިޔަ އަހަރު ހުރިކަން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު