ލޮލަށް ފެނުން މަހުރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓްލުމުގެ ފުރުސަތު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހޯދައިދިނުމުގެ ގޮތުން އިންތިހާބުތަކާއިބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަޙެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ.

މި ބިލު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ މި ބިލުގެ މަޤުޞަދަކީ އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށް ދިނުންކަމަށެވެ. އަދި އެފަރާތްތަކުން ވޯޓުލާއިރު އެކަމަށް ޚާއްޞަކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމު، އެފަދަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭނެ އުޞޫލަކުން ހަމަޖައްސައި ދިނުމަކީ މި ބިލުގެ ބޭނުންކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި އިސްލާހުގައި ބުނާގޮތުން ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު މިފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ހަމަޖައްސަން ޖެހޭނެއެވެ.

އިންތިހާބުތަކާބެހޭ ޤާނޫނަށް ސަރުކާރުން މި އިސްލާހު ހުށަހަޅާފައި މިވަނީ އިންތިހާބުތަކުގައި ވޯޓްލާއިރު ލޮލަށް ނުފެންނަ މީހުންގެ ވޯޓްގެ ސިއްރުކަން ހިފެހެއްޓުމަށް ލޮލަށް ނުފެންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުން ވަރަށް ބޮޑަށް މަސައްކަތްކުރުމުންނެވެ.

ލޮލަށް ފެނުން މަހުރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓްލުމުގެ ފުރުސަތު ހޯދުމަށް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން ވަނީ މަޖިލީހުގެ މެމްބަރުންނާވެސް ބައްދަލުކޮށްފައެވެ. އަދި އެފަރާތްތަކުން ވަނީ ލޮލަށް ނުފެންނަ މީހުންނަށް އަމިއްލައަށް ވޯޓްލެވޭނެ ޕްލާސްޓިކް ޝީޓެއްވެސް ދައްކާލާފައެވެ.

އެ އެސޯސިއޭޝަނުން ބުނީ އެ ޕްލާސްޓިކް ޝީޓުގައި ވޯޓު ކަރުދާހުގެ ގޮޅިތަކާއި ދިމާވާގޮތަށް ހެޔޮފާހަގަ ކަނޑާނަގާފައި ހުރުމުން ލޮލަށް ނުފެންނަ މީހުންނަށް ވަރަށް ފަސޭހައިން ފާހަގަ ޖަހަންވީތަން ދެނެގަނެވޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު