މަރިޔަމް ލަމްޙާ ރަޝީދު   27 މާރިޗު 2023 - 14:29
މޮންގޯލިއަން ބިފް ރައިސް: ރަހަމީރު ކުޅި ކެއުމެއް
މޮންގޯލިއަން ބިފް ރައިސް: ރަހަމީރު ކުޅި ކެއުމެއް
މޮންގޯލިއަން ބިފް ރައިސްއަކީ 10 ވަރަކަށް މިނެޓުން ތައްޔާރުކޮށްލެވޭނެ މީރު ކެއުމެކެވެ. މޮންގޯލިއަން ރައިސް އާދައިގެ ފްރައިޑް ރައިސް އަށްވުރެ މާމީރުވާނެއެވެ.

ޢާއިލާއެކީ އުފާވެރިކަމާއެކު މިއަދު ރޯދަވީއްލުމަށް ނިކަން މޮންގޯލިއަން ރައިސްއެއް ތައްޔާރުކޮށްލަމާ ހިނގާށެވެ. މިއީ ޔަގީނުންވެސް އެންމެނަށް ކަމުދާނެ ދިވެހިންގެ ރަހަޔާވެސް ގުޅޭ މީރު ކުޅި ކެއުމެކެވެ.

ބޭނުންވާ ތަކެތި:

1 ސައި ސަމްސާ ތެޔޮ

3 ބިސް (ތައްޓަކަށް އަޅައި އެއްކޮށްފައި)

3 ޖޯޑު ބަތް (ބާސްމަތީ ހަނޑޫ-ކައްކާފައި ފިނިކޮށްފައި)

1 ޖޯޑު ބީފް ކޮށާފައި (ރޯސްޓް ކޮށްފައި/ފިހެފައި/ފެނުކައްކާފައި)

3/1 ޖޯޑު ފިޔައި (ތުނިކޮށް ކޮށާފައި)

4/1 ޖޯޑު ކެރެޓު (ތުނިކޮށް 1 އިންޗި ދިގުކޮށް ކޮށާފައި)

4/1 ޖޯޑު ކެބެޖު (ތުނިކޮށް ކޮށާފައި)

3 ތޮޅި މިރުސް (ތުނިކޮށް ކޮށާފައި)

1 ސައިސްމްސާ ލޮނުމެދު (ގާނާފައި)

2/1 ސައިސަމްސާ އިނގުރު (ގާނާފައި)

1 ސައިސަމްސާ ސޯޔާ ސޯސް

1 ސައިސަމްސާ އޮއިސްޓަރ ސޯސް

1 ސައިސަމްސާ އަސޭމިރުސް

1 ސައިސަމްސާ ދިރި (މުގުރާފައި)

2/1 ސައިސަމްސާ ޗިލީ ފްލޭކްސް/ މުގުރި މިރުސް

2/1 ސައިސަމްސާ ނުވަތަ ރަހަލާވަރަށް ލޮނު

ތައްޔާރު ކުރާނެގޮތް:

ތެއްޔަކަށް ތެޔޮފޮދު އެޅުމަށްފަހު މަޑު ގިނީގައި އުނދުން ޖައްސާލާށެވެ. ދެން ތެޔޮފޮދު ހޫނުވެލުމުން ބީފްކޮޅާއި އަސޭމިރުހާއި ދިރި އަދި ލޮނު އެޅުމަށްފަހު 5 ވަރަކަށް މިނެޓު ވަންދެން އުނދުންމަތީގައި އެއްކުރަމުން ގެންދާށެވެ. ދެން ގިނި ކުޑަކޮށް ގަދަކޮށްލައި ފިޔައާއި ލޮނުމެދު އަދި އިނގުރުކޮޅު އަޅާފައި 2 މިނެޓު ވަންދެން އެއްކޮށްލާށެވެ. ނުވަތަ ފިޔާކޮޅު ރޯފިލަންދެން އެއްކޮށްލާށެވެ. އެއަށްފަހު ތެލީގެ މެދުން ޖާގައެއް ހަދައި ބިސްކޮޅު އަޅާށެވެ. އަދި ބިސްކޮޅު ކުޑަކޮށް ރޯފިލުމުން އެއްކުރަމުން ގެންދާށެވެ. އޭރުން ބިސްކޮޅުކޮޅު ހުންނަންވާނީ ވަކި އެތި އެތިކޮޅަށެވެ.

ދެން ކެރެޓާއި ކެބެޖު އަދި މިރުސްކޮޅު އަޅައި މިނެޓެއްވަރު ވަންދެން އެއްކޮށްލާށެވެ. އެއަށްފަހު ސޯޔާ ސޯހާއި އޮއިސްޓަރ ސޯސްއަޅައި އެއްކުރަމުން ގެންދާށެވެ. މިނެޓެއް ވަންދެން މިގޮތަށް އެއްކޮށްލާށެވެ. ދެން ބަތްކޮޅު އަޅައި ސޯސްގަނޑު ބަތާއި އެއްކޮށްލާށެވެ. އޭރުން މޮންގޯލިއަން ބީފް ފްރައިޑް ރައިސް ތައްޔާރުކުރެވުނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން